ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރެއިން އއ. މާޅޮސް، އަސަރީގެ، މުޙައްމަދު ނާޒިމަށް ވަކީލަކު ހަމަޖައްސަން 7 ދުވަހުގެ މުއްދަތެއް ކޯޓުން ދީފިއެވެ.

ހަރުކަށި ޖަމާއަތަކަށް ތާޢީދުކުރާ ފަދަ ލިޔުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުނު ކަމުގެ ތުހުމަތުގައި ނާޒިމްގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ރޭވުމުގެ ދައުވާއެވެ.

މިމައްސަލައިގެ ފުރަތަމަ އަޑުއެހުމުގައިވެސް ވަކީލަކު ހަމަޖައްސަން އޭނާއަށް ފުރުސަތު ދީފައިވީ ނަމަވެސް މިއަދުގެ އަޑުއެހުމާ ހަމައަށްވެސް ވަކީލަކު ހަމަޖެހިފައިވާކަން ކޯޓަށް އަންގާފައި ނުވާކަމަށް މިމައްސަލަ ބައްލަވާ ޤާޟީ ހަސަން ސައީދު ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ނާޒިމް ބުނީ ވަކީލަކު ހަމަޖެހުނުކަން އޭނާއަށް އެންގިކަމަށާއި ނަމަވެސް ފަހުން ވަކީލުގެ ޚަބަރެއް ނުވާކަމަށެވެ. އެހެންކަމުން ޤާޒީ ހަސަން ސައީދު ވަނީ ވަކީލަކު ހަމަޖެއްސުމަށް އިތުރު 7 ދުވަހުގެ މުއްދަތެއް ނާޒިމަށް ދީފައެވެ.

މޭމަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން 9 މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ.



ކިޔުންތެރިންގެ ހިޔާލު