ކަނޑައިގެންދިޔަ މަރަދޫ މަސްކަނދުފަތީގެ ބަދަލުގައި އައު ކަނދުފައްޗެއް އަޅައިފިއެވެ.

ފިޝަރީޒް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ ކަނޑައިގެންދިޔަ ސ. މަރަދޫ މަސްކަނދުފަތީގެ ބަދަލުގައި އައު ކަނދުފައްޗެއް އަޅާފައިވާކަމަށެވެ. އަދި މި ކަނދުފަތި އަޅާފައިވަނީ ސ. ވިލިނގިލީ އިރުން 15 މޭލު ބޭރުގައިކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މިއީ، މަރަދޫ ކަނދު ކުރިންވެސް އޮތްތަންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާރުވެސް 55 އޮއިވާލި ކަނދުފަތި / މަސް ކަނދުފަތި އެބައޮތެވެ.



ރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަމުގައި މުހިންމު ދައުރެއް އަދާކުރާ އޮއިވާލި ކަނދުފަތި އަޅާފައިވާ ހިސާބުތަކަށް ބަލާއިރު ރާއްޖޭގައި އެންމެ ގިނައިން މަސް ކަނދުފަތި އަޅާފައިވަނީ ހުވަދު އަތޮޅު އުތުރު ބުރި ނުވަތަ ގއ. އަތޮޅުގައެވެ. އެ އަތޮޅުގައި ހަ ކަނދުފައްޗެއް އަޅާފައިވާއިރު، ލ. އަތޮޅުގައި ފަސް ކަނދުފަތި، އަދި ގދ. ގައި ހަތަރު ކަނދުފަތި އަޅާފައިވެ އެވެ.

ހުވަދު އަތޮޅު ފިޔަވައި ދެން އެންމެ ގިނައިން ކަނދުފަތި ހުރި ކ. އަތޮޅުގައި ހަތަރު ކަނދުފަތި ހއ. އަތޮޅުގައި ވެސް ހަތަރު ކަނދުފައްޗެއް އެބައޮތެވެ. މުޅިރާއްޖެއިން އެންމެ ގިނަ ކަނދުފަތި އޮތް އަތޮޅުތަކަކީ ވ. އާއި އދ. އަދި ނ. އަތޮޅެވެ. މިއީ ކަނޑުމަހުގެ މަސްވެރިކަމަށް ވުރެ އެހެން ބާވަތްތަކުގެ މަސްވެރިކަމަށް މަޝްހޫރު އަތޮޅު ތަކެވެ.

ކަނޑައިގެންދާ މަސް ކަނދުފަތީގެ ބަދަލުގައި ސަރުކާރުން މި އަހަރު ވެސް ގިނަ ކަނދުފަތިތަކެއް އަޅާފައިވެ އެވެ. ނަމަވެސް ބައެއް ފަހަރު މީހުން މަސް ކަނދުފައްޗަށް ގެއްލުން ދެ އެވެ. އެގޮތުން ކަނދުފަތީގެ ބޮއިގައި ދޯނި އަޅައިގެން ތިބުމާއި ކަނދުފަތިތައް ކައިރީ ވަދުއެޅުމުގެ ޝަކުވާތައް ވެސް މަސްވެރިން ކުރެއެވެ.

ފެން މަތީގައި ބޮއެއް ގޮތަށް އޮންނަ އޮއިވާލި ކަނދުފަތި އަޅަން ފަށާފައިވަނީ 1980 ގެ އަހަރުތަކުގައެވެ.



ކިޔުންތެރިންގެ ހިޔާލު