"ލާމަސީލު ޒުވާނާ" ޕްރޮގްރާމުގެ ސަބަބުން އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގެ ޒުވާނުންނަށް މުހިންމު އަގުހުރި ފިލާވަޅުތަކެއް ލިބިގެންދާނެކަމަށް އައްޑޫ ސިޓީގެ މޭޔަރ ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގެ މޭޔަރ ޢަލީ ނިޒާރު މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ހިދުމަތާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަދި އައްޑޫ ސިޓީ ކައުންސިލް އިދާރާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ލާމަސީލު ޒުވާނާ" ކޭމްޕް އިފްތިތާހުކޮށް ފަހުމުނާމާގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައެވެ.

އިއްޔެ މާލެ ސިޓީގެ ޒުވާނުންގެ މަރުކަޒުގެ ސެމިނަރ ހޯލްގައި ބޭއްވި ރަސްމިއްޔާތެއްގައި ލާމަސީލު ޒުވާނާ ކޭމްޕުގެ އިފްތިތާހުކޮށް، ލާމަސީލު ޒުވާނާ ކޭމްޕު ހިންގުމަށް އެއްބާރުލުންދީ، އެހީތެރިކަންފޯރުކޮށްދިނުމާއި އެކުގައި މަސައްކަތްކުރުމާ ގުޅޭގޮތުން ދިވެހި ފުލުހުންގެ ހިދުމަތާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަދި އައްޑޫ ސިޓީ ކައުންސިލާ ދެމެދު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.

މި ފަހުމުނާމާގައި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ އައްޑޫ ސިޓީ ކޮމާންޑަރު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު އާތިފެވެ. މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓްގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް ހުސައިން އިސްމާއިލެވެ. އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އައްޑޫ ސިޓީގެ މޭޔަރ ޢަލީ ނިޒާރެވެ.



މިރަސްމިއްޔާތުގައި އައްޑޫ ސިޓީގެ މޭޔަރ ޢަލީ ނިޒާރު ދެއްކެވި ވާހަކައިގައި ޒުވާނުން ރަނގަޅު ކަންކަމަށް އަދި ނުރަނގަޅު ކަންކަމަށް ފުރޮޅިގެންދާ އެންމެ ނާޒުކު އުމުރަކީ ސްކޫލު ނިންމާ ޒުވާނުން މުޖުތަމައަށް ނުކުންނަ އުމުރުދުރާކަން ފާހަގަކުރައްވައި، އެއުމުރުގައި ރަނގަޅު މަގު އިހުތިޔާރުކޮށް، ދައްކުވައިދެވިއްޖެނަމަ ޒުވާނުންނަކީ ގައުމަށް އަގުހުރި، އިހުލާސްތެރި ހިދުމަތްތަކެއް ކޮށްދެވޭނެ ޒުވާނުންތަކަކަށް ހެދިގެންދާނެކަމަށް ވިދާޅުވިއެވެ. އަދި މި ޕްރޮގްރާމުގެ ސަބަބުން އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގެ ޒުވާނުންނަށް މުހިންމު އަގުހުރި ފިލާވަޅުތަކެއް ލިބިގެންދާނެކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވިއެވެ. އަދި މިފަދަ ޕްރޮގްރާމްތައް އިންތިޒާމްކޮށް ހިންގުމަކީ މުއައްސަސާތަކުން ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްކަމަށާއި މިކަމަށް އިސްނަގައިގެން މިފަދަ ކޭމްޕެއް އައްޑޫ ސިޓީގައި ކުރިއަށް ގެންގޮސްދިނުމަށް ނިންމިކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.

ލާމަސީލު ޒުވާނާ ކޭމްޕަކީ އުމުރުން 18 އަހަރާއި 25 އަހަރާއި ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ޒުވާނުންނަކީ ޒިންމާދާރު ހަރުދަނާ ސިފަވަންތަ، ޤައުމިއްޔަތާއި ދީނަށް ލޯބިކުރާ، މަސައްކަތު މާޙައުލަށް ޝައުޤުވެރި، މަސައްކަތުގެ އަޚުލާގު ދަމަހައްޓާ، ނަމޫނާ ބަޔަކަށް ހެދުމުގެ މަގުޞަދުގައި ފުލުހުންނާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގުޅިގެން ހިންގާ ކޭމްޕެކެވެ.

މި ކޭމްޕުގައި އަމިއްލަ ނަފްސުގެ ސަލާމަތާއި ރައްކާތެރިކަމާއި، ފުރަތަމަ އެހީ އާއި އަލިފާނުގެ ހާދިސާތަކުގައި ޢަމަލުކުރަންވީ ގޮތްތަކާއި ސަވައިވަލް ޓެކްނިކްސް އާއި ރެޕަލިންގއާއި ޑޮމެސްޓިކް ހައުސް ވަޔަރިންގއާއި ދިރިއުޅުމުގެ ރިވެތި އާދަތަކާއި ލީޑަރޝިޕްގެ ބައިތައް އުނގަންނައިދެވެއެވެ. މީގެއިތުރުންވެސް ނަފްސަށްކުރާ އިތުބާރު ބޮޑުކުރުމަށްޓަކައި ދީނީ ކަންތައްތަކަށް ހޭލުންތެރިކުރުމުގެ އިތުރުންވެސް ތަފާތު ގިނަ ހަރަކާތްތަކާއި ބައިވެރިންނަށް މުހިންމު މަޢުލޫމާތު މަޢުލޫމާތުތައް ފޯރުކޮށްދެވޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު