ރާއްޖެއަށް ޒިޔާރަތްކުރާ ހުރިހާ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ފުލުހުންގެ މުއައްސަސާއިން އަބަދުވެސް ޚާއްސަ އިސްކަމެއްދޭ ކަމެއްކަމަށާއި، ފަތުރުވެރިކަމާބެހޭ ޤާނޫނުގައިވެސް ފުލުހުންގެ މައްޗަށް އެކަމަށް ވަރަށް ބޮޑަށް ބާރުއަޅާފައިވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މިހެން ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތާއި މިނިސްޓްރީ އޮފް ޓޫރިޒަމް އަދި ދިވެހިރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައި ކޮމިޝަން ގުޅިގެން އާދިއްތަ ދުވަހު ކުރިއަށްގެންދިޔަ "ޓުއަރިޒަމް ސެކްޓަރ ސެކިއުރިޓީ ވޯކްޝޮޕް" ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

ދަ މެރީނާ އެޓް ކްރޮސްރޯޑްސް މޯލްޑިވްސްގައި ކުރިއަށްގެންދިޔަ މި ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދާއި، ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމާއި، ދިވެހިރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައި ކޮމިޝަނަރ ހަރ އެކްސެލެންސީ ކެރޮން ރޮސްލާއާއި، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑައިރެކްޓަރ ޖެނެރަލް، ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރު ބައިވެރިވެވަޑައިގަތެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ، ރާއްޖެއަށް ޒިޔާރަތްކުރާ ހުރިހާ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ފުލުހުންގެ މުއައްސަސާއިން އަބަދުވެސް ޚާއްސަ އިސްކަމެއްދޭ ކަމެއްކަމަށެވެ. އަދި އެކަމަށް ފަތުރުވެރިކަމާބެހޭ ޤާނޫނުގައިވެސް ފުލުހުންގެ މައްޗަށް ވަރަށް ބޮޑަށް ބާރުއަޅާފައިވާކަމަށް ސީޕީ ވިދާޅުވިއެވެ.

އެހެންކަމުން މިކަމުގައި ފުލުހުން މިހާރު އަމަލުކުރަމުންދާ ފްރޭމްވޯކް އިތުރަށް ހަރުދަނާކޮށް، ފަތުރުވެރިކަމުގެ ސިނާޢަތާގުޅުން ހުރި ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަށަވަރުކުރުމާއި، އެފަދަ ކަންކަމުގައި ފުލުހުންގެ ތައްޔާރީ ހާލަތުތައް އިތުރުކުރެވޭނެ ގޮތްތައް ހޯދުމަށްޓަކައި، އެއީ މުހިއްމު ވޯކްޝޮޕެއްކަމަށް ސީޕީ ޙަމީދު ވިދާޅުވިއެވެ.

"މި ޕްލޭނާއި އެއްގޮތަށް އަމަލުކުރުމަށް ވާންޖެހޭ ތައްޔާރީތައް ސަރުކާރުގެ އެންމެ މަތީ ފަންތީގައި ވަނީ ކުރިއަށް ގޮސްފައި. އަދި ވަރަށް އަވަހަށް މިހާރަށްވުރެ އޮޕަރޭޝަނަލް ލެވެލްއެއްގައި އެކަން ކުރެވިގެންދާނެ." ސީޕީ ޙަމީދު ވިދާޅުވިއެވެ.



މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. ޢަބްދުﷲ މަޢުޞޫމް ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ފުޅާވެ ކުރިއެރުމުގެ އަސްލަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ލިބޭ ފުރިހަމަ މެހެމާންދާރީއާއި ރައްކާތެރިކަމުގެ ސަބަބުންކަން ފާހަގަކުރެއްވިއެވެ. އަދި އެއް ދުވަހުން އަނެއް ދުވަހަށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދުތައް އިތުރުވަމުންދަނީވެސް ރާއްޖެ ސޭފް ޑެސްޓިނޭޝަނެއްގެ ގޮތުގައި ދުނިޔެއަށް މަޝްހޫރުވެފައިވާތީކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ދުނިޔޭގެ އޮއިވަރަށް އަންނަމުންދާ ބަދަލުތަކާއެކު އެކަން އެގޮތުގައި ދެމެހެއްޓުމަށް ކޮންމެވެސް ވަރެއްގެ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައިވާކަމަށެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި ދާއިރާގެ ސަލާމަތްތެރިކަން ބެލެހެއްޓުމަށް ބޭނުންވާނެ ފުރިހަމަ މައުލޫމާތު މި ވޯކްޝޮޕްގެ ތެރެއިން ބައިވެރިންނާއި ވަނީ ހިއްސާކޮށްފައެވެ. މާލެ ސަރަހައްދުގައި ހިމެނޭ ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނުގެ ސެކިއުރިޓީ މެނޭޖަރުންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔަ މި ވޯކްޝޮޕްގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މީހުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ، އެކުގައި މަސައްކަތްކުރުމުގެ މަގު ފަހިވެގެންދާނެކަން ފުލުހުން ފާހަގަކުރިއެވެ.

މާލެ ސަރަހައްދުގައި ފަތުރުވެރިންނަށް ޚިދުމަތްދެމުން އަންނަ 59 ފަރާތަކުން މި ވޯކްޝޮޕްގައި ވަނީ ބައިވެރިވެފައެވެ.



ކިޔުންތެރިންގެ ހިޔާލު