ފަތުރުވެރިކަމާުގެ ދާއިރާގައި މަސައްކަތްކުރާ ދިވެހި ކަނބަލުން ތަކެއް- (ފޮޓޯ- މީސް މީޑިއާ)
ފަތުރުވެރިކަމާުގެ ދާއިރާގައި މަސައްކަތްކުރާ ދިވެހި ކަނބަލުން ތަކެއް- (ފޮޓޯ- މީސް މީޑިއާ)
މިނިމަމް ވޭޖް ނުވަތަ އެންމެ ދަށްވެގެން ދެވޭނެ މުސާރައަކީ ދިވެހީންނަށް އާ ކަމަކަށް ވިޔަސް މިއީ ދުނިޔޭގެ ގިނަ ގައުމުތަކުގައި އަމަލުކުރާތާ ކިތަންމެ ދުވަހެއް ވެފައިވާ ވަރަށް ބާ ކަމެކެވެ. ރާއްޖެ ފަދަ ކުރިއަރަމުން އަންނަ ގައުމުތަކާއި ރާއްޖެ ފަދަ އިގުތިޞާދުތައް އޮތް ގައުމުތަކުގައި ވެސް މިނިމަމް ވޭޖް ކަނޑައަޅައިގެން އެއުސޫލަށް އަމަލު ކުރަމުން ގެންދާތާ އެތައް ދުވަހެއް ވެއްޖެއެވެ. ރާއްޖޭގައި މިކަން ނުކޮށް އޮތީ ކަނޑައެޅިގެން ކީއްވެގެން ކަމެއް ނޭނގެއެވެ. އެނގޭހާ ވެސް އެއްޗަކީ މި ސަރުކާރުގެ އިޤުތިޞާދީ ވަޒީރު ވިދާޅުވިހެން ޒަމާނީ ޑިމޮކްރެސީއާއެކު އެބުނާ ހައްގުތައް ކަށަވަރުކޮށްދޭ ގާނޫނު އަސާސީއާއެކު ވެސް މިހާތަނަށް އެއްވެސް ސަރުކާރަކަށް އެކަން ކުރަން ނުކެރުނު ކަމެވެ. ނޫނީ ކުރަން ނޫޅުނު ކަމެވެ. ނުވަތަ ކުރަން ނޭގުނު ކަމެވެ.

ހަގީގަތުގައި ރާއްޖޭގައި މިނިމަމް ވޭޖުގެ ވާހަކައަކީވެސް ވަރަށް އާވާހަކައެކެވެ. ވަޒީރު ވިދާޅުވި ފަދައިން މިއީ އެމްޑީޕީން ދެއްކި ވާހަކައެކެވެ. އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވި ފަދައިން މިނިމަމް ވޭޖުގެ ވާހަކައަކީ އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނަމުން އަންނަ ބާ ވާހަކައެކެވެ. ދެން އޮތީ މިކަން މިހާތަނަށް ވެސް ނުވެ އޮތީ ނޫނީ ނުކޮށް އޮތީ ކީއްވެތޯ އުފެދޭ ސުވާލެވެ. އެއީ އެހާ ޖަވާބު ހޯދަން އުނދަގޫ ސުވާލެއް ނޫނެވެ.

ޒަމާނީ ޑިމޮކްރެސީއާއެކު ލިބެންޖެހޭ ހައްގުތަކަށް ދިވެހީން ވެސް ފަރިތަވެ ހައްގު މިންވަރު ހޯދަން މަސައްކަތް ކުރަން ފެށީ މިފަހަކުންނެވެ. ރާއްޖެއަށް މިކިޔާ ޒަމާނީ ޑިމޮކްރެސީގެ އިރުއަރައި އެއިރުގެ އަލިކަން މުޅި ދިވެހި މާހައުލަށް ފެތުރިގެން ދިޔަ ހިސާބުން ދިވެހި މަސައްކަތް ތެރީންނަށްވެސް ގަބޫލުކުރެވުނީ ތިމަންނާމެންނަށް ވެސް ހައްގު މިންވަރެއް ކަނޑައެޅިފައި އޮންނަން ޖެހޭނެ ކަމަށެވެ. ރާއްޖޭގައި އެންމެ ގިނަ އާމްދަނީ ލިބޭ ވިޔާފާރިއަކީ ފަތުރުވެރިކަމުގެ ވިޔަފާރިކަމަށް ވިޔަސް އެވިޔާފާރީގެ ތެރެއިން ދިވެހީންނަށް ހައްގު މިންވަރު ނުލިބޭކަން މިހާހިސާބުން "ރިސޯޓު ބޯއީސް" އަށްވެސް ވިސްނުނީއެވެ. ނުއަގުގައި ބިދޭސީން ގެނަސްގެން ވިޔަފާރި ހިންގައިގެން އާމްދަނީ އިތުރުކުރެވޭނެކަން ޔަގީންވެ އެކަން އެގޮތަށް ކުރާތާ އެތައް އަހަރެއް ފަހުން ދިވެހި މަސައްކަތްތެރީން ހައްގު ހޯދަން ނުކުތް އިރު މުޅި ގައުމު އޮތީ ސިޔާސީ ކިސަޑު ފެނުން ފެންވަރައި މުޅިން ތަޣައްޔަރު ވެފައެވެ. އެހެންވީމާ ރައްޔިތުންނަށް ހައްގު މިންވަރު ހޯދައިދޭނެ ކަމަށް ވަކާލާތުކޮށްގެން ވެރިކަމަށް އަޔަސް މިހާތަނަށް ވެސް އެއްވެސް ބަޔަކަށް އެކަން ކުރަން ނުކެރުނީ އެކަން ކޮށްފިއްޔާ މިދެންނެވި ވިޔާފާރިންގެ ނުރުހުން ލިބި ސަރުކާރުގައި ދެމި ނުތިބެވޭނެތީއެވެ. މިގޮތަށް ވެގެން ގޮސް ނިމިފައި ހުރި މިނޫންވެސް އެތައް ކަމެއް މިހާރު ހިނގަމުން އެބަ ދެއެވެ. އެވާހަކަ އިހަށް ބާއްވާފައި މިނިމަމް ވޭޖާއެކު އޮތް ކަންބޮޑުވުންތަކުގެ ވާހަކައަށް ޖެހިލާނަމެވެ.

މިނިމަމް ވޭޖު ކަނޑައެޅުމަކީ ރައްޖޭގެ އިގުތިޞާދީ ތަރައްގީއާއި މަސައްކަތްތެރީންގެ ހައްގުގައި ކުރިއަށް އެޅުނު ވަރަށް ވެސް ހަރުދަނާ މުހިންމު ފިޔަވަޅެކެވެ. ކުރިއަށް އޮތް ތަނުގައި އެކަމުގެ ފައިދާއާއި މަންފާ ދިވެހި މަސައްކަތްތެރީންނަށް ކުރާނެ ކަމެކެވެ. ނަމަވެސް އަލަށް ފަށާ މިފަދަ ކޮންމެ ކަމަކުން ނުކުމެ ނުދާނެ ބައެއް ގޯސް ނަތީޖާތަކަށް ވެސް އަލިވާޅުމަކީ ކުރަން ޖެހޭނެ މުހިންމު ކަމެއްކަމުގައި ދެކެމެވެ. އެހެންނޫނީ މިކަމުގައި ހުރި އަޑިގުޑަންތަކާއި އުސްގަނޑުތައް ގާނާ އެއްވަރުކޮށް ހިމުން ކުރާކަށްވެސް އެކަން ކުރާ ބަޔަކަށް ނޭނގޭނެއެވެ. އެނގުނަސް އެކަން އޮންނާނީ ނުކުރެވިފައެވެ.

މިނިމަމް ވޭޖު ނުވަތަ އެންމެ ކުޑަ މިނުން ދެވޭނެ މުސާރަ ކަނޑައަޅައި އިޢުލާން ކުރަށްވަމުން ރާއްޖޭގެ އިޤުތިޞާދީ ވަޒީރުވެސް ވަނީ މިކަމުގައި ކޮށިއެރުންތަކެއް، ދަތިއެޅުން ތަކެއް ހުންނާނެކަން ފާހަގަ ކުރަށްވާފައެވެ. އެގޮތުން ވަޒީރު ފާހަގަ ކުރެއްވި އެއްކަމަކީ މި ފިޔަވަޅާއި ގުޅިގެން ބައެއް ވިޔަފާރިތައް ހުއްޓިދާނެ ކަމާއި ބައެއްގެ ވަޒީފާ ވެސް ގެއްލިދާނެ ކަމުގެ ބިރު އޮތްކަމުގެ ވާހަކައެވެ. ސަރުކާރުގެ މިނިންމުމާއެކު ބައެއް ކުންފުނިތަކުގެ އޮނިގަނޑު އަލުން ތަރުތީބު ކުރުމާއި ކުންފުނި ހިންގުމުގެ ފެންވަރާއި ދަރަޖަ ދަށްކޮށް ބަދަލުތަކެއް ގެނައުމަކީ ވެސް ވަޒީރު ފާހަގަ ކުރެއްވި ކަންކަމެވެ. މީގެ އެންމެ ބޮޑު ހެއްކަކީ މިނިމަމް ވޭޖު ކަނޑައެޅުމުގައި ވިޔަފާރީގެ ގިންތިތަކަށް އަމަލުކޮށްފައި ވުމެވެ. ވިޔަފާރީގެ ދަށް ފަންތިއާއި މެދު ފަންތިއާއި މަތީފަންތި ގިންތިކޮށް ތިން ގިއްތިއަށް މިނިމަމް ވޭޖް ވެސް ބަހާލާފައިވާއިރު ކުޑަ މުސާރައަށް ދިއުމަށް ކުންފުނީގެ ގިންތި ބަދަލު ކުރުމަކީ ކޮންމެވެސް ވަރަކަށް ހިނގާފާނެ ކަމެކެވެ.

މިހާތަނަށް އަމިއްލަ ވިޔަފާރި ތަކުގައި މުވައްޒަފުންނަށް މުސާރަ ކަނޑައެޅުމުގައި ގިނަ ކުންފުނި ތަކުން ބަލަމުން އައި އެއްކަމަކީ ޕެންޝަންގެ ގާނޫނާއެކު ކުންފުނިތަކުން ޕެންޝަން ފަންޑަށް ހިއްސާކުރަން ޖެހޭ މިންވަރު ކުޑަކުރުމަށެވެ. އެގޮތުން މުސާރަ ޝީޓު ތައްޔާރު ކުރާ ބައްޓަމަށް ބަދަލު ގެނަސް މުވައްޒަފުންނަށް ދޭ މުސާރަ ބައިބަޔަށް ބަހާލައިގެން މުސާރަ ޝީޓުގައި ހިމެނުމެވެ. އެގޮތުން ގެނައި އެއް ބަދަލަކީ މުސާރައިގެ ތެރެއަށް އެލަވަންސްތަކެއް ހިމަނައިގެން މުސާރައިގެ ގޮތުގައި ލިބޭ މިންވަރު ކުޑަކަމަށް ޝީޓުގައި ޖެހުމެވެ. އެގޮތަށް ހަދަނީ ޕެންޝަން ގާނޫނުގެ ދަށުން ވިޔަފާރިތަކުން ޕެންޝަން ފަންޑުގައި ހިއްސާކުރަންޖެހޭ ހަތެއް އިންސައްތައަށްވާ މިންވަރު ކުޑަކުރުމަށެވެ.

މިސާލަކަށް ޕެންޝަން ގާނޫނު އައުމުގެ ކުރިން މުވައްޒަފުގެ ފުރިހަމަ މުސާރައިގެ ގޮތުގައި މުސާރަ ޝީޓުގައި ޖަހާ 10 ހާސް ރުފިޔާގެ ތެރެއިން މިހާރު ހަދާ ޝީޓުގައި މުވައްޒަފުގެ މުސާރަ ކަމުގައި ޖަހަނީ 5 ހާސް ރުފިޔާއެވެ. ދެން ބާކީ އޮތް 5 ހާސް ރުފިޔާ ޝީޓުގައި ހިމަނަނީ އެކި ކަހަލަ އެލަވަންސް ތަކުގެ ނަމުގައެވެ. މިގޮތަށް ހެދުމުން ޕެންޝަން ފަންޑަށް ވިޔަފާރިން ހިއްސާކުރަން ޖެހޭ ހަތެއް އިންސައްތަ ދެގުނައަށް ކުޑަވެގެން ދެއެވެ. ޚާއްޞަކޮށް މެދުފަންތީގެ ވިޔަފާރިތަކުން ޕެންޝަން ގާނޫނު އައިފަހުން މިގޮތަށް އަމަލުކުރާ ވިޔަފާރިތައް ގިނަކަން ފާހަގަ ކުރެވެއެވެ. އަޅުގަނޑުމެން ކުދި ވިޔަފާރިތައް ކަމަށް މިކިޔާ ގިނަ ވިޔަފާރި ތަކުގައި ދިވެހީންނަށް ވުރެ ގިނަވާނީ ބިދޭސީން ކަމަށްވާތީ ޕެންޝަން ފަންޑަކީ އެފަދަ ގިނަ ވިޔަފާރިތައް ދަންނަ ކަމެއްވެސް ނޫނެވެ. މާލޭގެ މަޖީދީ މަގު އެއްކޮޅުން އަނެއްކޮޅަށް، ކަމާބެހޭ ފަރާތްތަކުން ހިނގާލާ މިކަން ބަލައިލައިފި ނަމަ މިއީ ކިހާވަރެއްގެ ކަންބޮޑުވުމެއްކަން ވަރަށް ރަނގަޅަށް ގަބޫލުކުރެވޭނެއެވެ.

މިނިމަމް ވޭޖާއެކު ހުރި ކަންބޮޑުވުން ތަކުގެ ތެރެއިން އަނެއް ކަމަކީ މިހާރުވެސް ދިވެހި ވަޒީފާގެ ބާޒާރުގައި ބިދޭސީންނަށް އޮތް ޑިމާންޑް އިތުރުވެގެން ދިއުމެވެ. މިސުވާލާއެކު ވަޒީރުވެސް ކުރިމަތި ކުރުވަނީ އިތުރު ސުވާލެކެވެ. އެއީ ރާއްޖޭގައި ވަޒީފާ ނުލިބުމުގެ މައްސަލަ އޮތް މިންވަރާމެދު އުފެއްދެވި ސުވާލެވެ. ވަޒީރު ގާއިމު ކުރެއްވި ޖޮބް ސެންޓަރު ތަކަށް ވަޒީފާ ނެތް މީހުން ދިޔަލެއް މާ ބޮޑަށް ވެސް މަދީއެވެ. ވަޒީފާ ނެތިގެން ނަންނޯޓު ކުރަން ދާ މީހުންގެ އަދަދު މާ ދަށްވީމާ ވަޒީރު ގަބޫލުކުރަށްވަނީ ވަޒީފާ ނުލިބުމުގެ ކަންބޮޑުވުން ހަމަ ނެތީކަމަށެވެ. ނޫނީ އެއީ އެހާ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަ ނުކުރެއްވެނީ އެހެން ވެގެންނެވެ.

މާބޮޑު ތަޖުރިބާތަކެއް އަޅުގަނޑުގެ ނެތް ނަމަވެސް މީޑިއާގައި މިހޭދަ ކުރި 30 ވަރަކަށް އަހަރުގެ ދިގު ތަޖުރިބާގެ އަލީގައި ފާހަގަވި ދެތިން ކަމެއް ހިއްސާކޮށްލާނަމެވެ. ވަޒީރު ހުޅުވައިގެން އުޅުއްވާ ޖޮބް ސެންޓަރަށް ވަޒީފާ ނެތިގެން ޒުވާނުން ނުދާ މައްސަލައަކީ ވަޒީރަށް ވަރަށް އައު ކަމަކަށް ވެދާނެއެވެ. ނަމަވެސް އެއީ އިއްޔެވެސް މިއަދު ވެސް އަޅުގަނޑުމެން ތަޖުރިބާ ކުރަމުން އަންނަ ބާ ކަމެކެވެ. ވަޒީރު ތިޔަ ހުޅުއްވައިގެން އުޅުއްވާ ޖޮބް ސެންޓަރާބެހޭ މައުލޫމާތާއި އެފަދަ ކަމެއް ކުރާކަން އެނގެނީ ކިތައް ޒުވާނުންނަށްތޯ ބައްލަވައި ލައްވާށެވެ. ވަޒީރު ތިޔަ ހީފުޅު ކުރަށްވަނީ ހަމަ ވަރަށް ރަނގަޅަށެވެ. ވަޒީރު ތިޔަ ގެންދަވަނީ ދައުލަތުގެ މީޑިއާއިން އެ މައުލޫމާތު ވަރަށް ގިނަގިނައިން ހިއްސާ ކުރަށްވަމުންނެވެ. ބައެއް މީޑިއާތަކުން ވަޒީރު އެކި މުނާސަބާގައި އެކަމާ ބެހޭގޮތުން ދައްކަވާ ވާހަކަ ވެސް ލިޔެ ހަދައެވެ. ނަމަވެސް އަޅުގަނޑުގެ ތަޖުރިބާއިން ލިބުނު ދެ ފިލާވަޅެއްގެ ވާހަކަ މިމައުޟޫގައި ހިއްސާކޮށްލާނަމެވެ.

އަޅުގަނޑުމެންގެ ޒުވާނުންނަކީ ޒަމާނީ ޓެކްނޯލޮޖީއަށް ވަރަށް ބޮޑަށް ލޯހުޅުވިފައި ތިބި ބައެކެވެ. އިންފޮމޭޝަން ޓެކްނޯލޮޖީއަށް އައި އިންގިލާބާއެކު މިއައި އިންޓަރނެޓްގެ ޒަމާނަށް ވަރަށްވެސް ލޯހުޅުވިފައި ތިބި އެޒުވާނުން އިންޓަރނެޓްގެ މީސްމީޑިއާގެ ހުރިހާ އޮޅިތަކެއް ބޭނުން ކުރެއެވެ. މުނިފޫހި ފިލުވުމުގެ މޮޅު އުފެއްދުންތައް ބަލައެވެ. އެމީހަކު ޝައުޤުވެރިވާ ދާއިރައަކުން ދުނިޔޭގެ މަޝްހޫރު ފަންނާނުން ވެސް ވަރަށް ރަނގަޅަށް ދަނެއެވެ. ނަމަވެސް މި ޒުވާނުންގެ ތެރެއިން މަދު ބަޔަކު ނޫނީ ދިވެހި ޓީވީޗެނަލެއް ނުބަލައެވެ. ބެލިޔަސް ވަކިން ޚާއްޞަކޮށް އެމީހުން ޝައުޤުވެރިވާ ޕްރޮގްރާމެއް ނޫނީ ނުބަލައެވެ. ޚަބަރާއި މައުލޫމާތަށް ޝައުޤުވެރިވެ އެބަލާ ޒުވާނުން ވަރަށް ވެސް މަދެވެ. ވަޒީރާއި ވަޒީރުގެ މުވައްޒަފުން ކިތަންމެ ގިނައިން ޓީވީއަށް އަރައި ތިއްބަސް އެކިޔާ އެއްޗެއް އަޑުއަހާ އުޅެނީ މަދު ބައެކެވެ. ހަމައެކަނި ކުދީންނެއް ނޫނެވެ. ގިނަ ބެލެނި ވެރީންވެސް އެއެއް ނުބަލައެވެ. އަޑެއް ނާހައެވެ. ހަމަ އެގޮތަށް ގިނަ ޒުވާނުން އޮންލައިން ނޫސްތަކެއްވެސް ނުކިޔައެވެ. ރާއްޖޭގެ ޕްރިންޓް މީޑިއާ ހުއްޓުނީވެސް އަޅުގަނޑުމެންގެ އާބާދީގެ ތަރުހީބު އެކަމަށް ނުލިބޭތީއެވެ. އޮންލައިން މީޑިއާތައް ކިތަންމެ ގިނަވެފައި ބްރޭކިން ނިއުސްތައް ކިތަންމެ ބަރާބަރަށް އެރުވިޔަސް ޒުވާނުންގެ ތެރެއިން މިދެންނެވި ނޫސްތައް ގަވާޢިދުން ބަލައި އޭގައި ހުންނަ ހުރިހާ މައުލޫމާތެއް ކިޔައި އުޅެނީ މަދު ބައެކެވެ. ކިޔާލިޔަސް ގިނަ ޒުވާނުން ކިޔާލާނީ ސައިޓްގައި ހުންނަ އެމީހުން ޝައުޤުވެރިވާ ހެޑްލައިންތަކެވެ. މީސް މީޑިއާގެ ކޮންމެވެސް އޮޅިއެއްގައި ދައުރުވަމުންދާ އާދައާ ޚިލާފު ސުރުހީއެކެވެ. އެ ސުރުހީއަށް ފިއްތާލައި ލިންކް ހުޅުވާލައިގެން އޭގައި އޮތް އެއްޗެއް ވެސް ކިޔާލާނީ މަދު ފަހަރަކުއެވެ. މިދެންނެވި އޮންލައިންތައް ހުޅުވާލާ ބަލައިލާ ގިނަ މީހުން ވެސް ކިޔާލާނީ ސުރުހީތަކެވެ. ލިއުމުގައި އޮތީ ކީކޭތޯ ވެސް ގިނަ ފަހަރު ބަލައެއް ނުލާނެއެވެ. ދެން އެ ލިއުމެއް ހިއްސާކޮށްފައި އޮންނަ އޮޅިއެއްގައި ތިމާއަށް ފެންނަ ހިތުހުރި މޮޅު އެއްޗެއް ލިޔެ ދޫކޮށްލަނީއެވެ. ގަބޫލުކުރިއަސް ނުކުރިއަސް މިއީ ހަގީގަތެވެ. ކަންހިނގާ މަގެވެ.

މިދެންނެވި ހަގީގަތް ނޭނގި ނުވަތަ ނުބަލައި އެވާހަކަ ދައްކާނަމަ ރާއްޖޭގައި ވަޒީފާ ނެތިގެން ކަންބޮޑުވާ ވަރު ނުވާކަމަށް ވަޒީރު އެވިދާޅުވާ ވާހަކަފުޅަކީ ހަމަ ވަރަށް ބޮޑު ތެދުފުޅެކެވެ. އެކަމަކު މިދެންނެވި ކަންކަން ދިރާސާކޮށް ބޮޑު މަންޒަރު ދެނެގެނެވިއްޖެ ނަމަ ރާއްޖޭގައި ވަޒީފާގެ ތަދުކަން އިންތިހާއަށް އޮންނަތާ ކިތަންމެ ދުވަހެއް ވެއްޖެއެވެ. އެއީ ދިވެހީންނަށް އެކަށީގެންވާ ވަރަށް ވަޒީފާ އުފެއްދިފައި ނުވަތަ އުފެދިފައި ނެތިގެނެއް ނޫނެވެ. ދިވެހީންނަށް ފުދި އިތުރުވާ ވަރަށް ދިވެހި ވަޒީފާގެ ބާޒާރުގައި ވަޒީފާ އުފެދިފައި ހުއްޓަސް އެތައް ސަބަބަކާހުރެ މިދެންނެވި ވަޒީފާގެ މައްސަލަ އޮތީއެވެ.

ވަޒީފާ ނެތިގެން ނުބަލަނީ ނުވަތަ ނުދަނީ ވަޒީރުގެ ޖޮބްސެންޓަރަށް އެކަންޏެއް ނޫނެވެ. އަޅުގަނޑުމެން ވަޒީފާގެ ފުރުސަތު ހުޅުވާލައިގެން ވަޒީފާއަށް ޝައުޤުވެރިވާ ކުދިން، މީހުން ހޯދަން މަސައްކަތް ކުރާތާ އެތައް ދުވަހެކެވެ. މެދުފަންތީގެ ވިޔަފާރިތަކަށް ކަނޑައަޅާފައިވާ އެންމެ ކުޑަވެގެން ދެވޭނެ މުސާރައަށް ވުރެ ރަނގަޅު މުސާރަ އާއެކު ތަޖުރިބާ ހުއްޓަސް ނެތަސް މަސައްކަތް ދަސްވޭތޯ ދެތިން މަސްވާންދެން އަޖުމަ ބަލައިލާންވެސް އަންނާނެ ކުއްޖަކު ނުވެއެވެ. ގޭގައި އަދި ރަށުގައި ހުރެގެން ވެސް މަސައްކަތް ކުރާނެ ޒުވާނަކު ނުވެއެވެ.

މީގައި ދެކަމެއް އަޅުގަނޑަށް ފާހަގަވިއެވެ. އެއްކަމަކީ އަޅުގަނޑުމެންގެ ތަޢުލީމީ މަންހަޖުގެ ތެރެއިން ޒުވާނުން މަސައްކަތްތެރިކަމަށް ޝައުޤުވެރިކަން އުފައްދާން މަސައްކަތުގެ މާހައުލަށް ހާނަން އެއްވެސް މިންވަރަކަށް އިސްކަން ދެވި ބައިތަކެއް ހިމެނިފައި ނެތުމެވެ. މާއްދާއެއްގެ ފިލާވަޅު ތަކެއްގައި އެކަމަށް ސުރިހީ އަޅާލާފައި ހުއްޓަސް ކުދިން އެކަމަށް ޝައުޤުވެރި ކުރުވައި މަސައްކަތުގެ މާހައުލަށް ޝައުޤުވެރިކަން އިތުރުކުރާން ނުވަތަ އަހުލުވެރި ކުރުވާން މަންހަޖުގައި ހިމެނިފައި ނެތީއެވެ. ނޫނީ އޮތަސް އެމަސައްކަތް އެންމެ އެދެވޭ ގޮތެއްގައި ނުކުރެވެނީއެވެ.

ފާހަގަވި އަނެއް ކަމަކީ މަސައްކަތް ކުރާނެ ވަކި ދާއިރާއެއް ކަނޑަނާޅައި މަތީ ތަޢުލީމަށް ދިއުމެވެ. އޯލެވެލް އަށްފަހު އޭލެވެލް އިމްތިހާނު ހުރިހާ ކުދިންވެސް ހަދައިގެން ނޫނީ ބެލެނިވެރީންނަށް ކުއްޖާ ކިޔެވި ކަމަކަށް ނުވެއެވެ. މިއިމްތިހާނު ތަކަކީ ބަޔަކު އާމްދަނީ ހޯދަން ވިއްކާ އެއްޗެއްކަން އެނގި ތިބެމެ، އެ އިމްތިހާނު ނުހަދައި، އެއިމްތިހާނުން މޮޅު ނަތީޖާއެއް ނުލިބުމަކީ ކުއްޖާގެ މުސްތަގުބަލު ބަނަވެ ބެލެނިވެރިޔާ މާޔޫސްވާ ކަމެއްގެ ގޮތުގައި އަދިވެސް ބެލެވެނީއެވެ. އޭ ލެވެލް ހަދައިގެން ހުރިހާ ކުދިން ޑިގްރީއާއި މާސްޓާސް ވެސް ހަދައިގެން ނޫނީ ބެލެނިވެރީން ހިތްހަމަ ނުޖެހޭތީ ކުއްޖާ ކިޔަވަނީއެވެ. ކިޔަވައި ނިމޭއިރުވެސް އޭނާ މަސައްކަތުގެ މާހަލަށް ނުކުމެ ކުރާނެ ކަމެއް ނޭނގެއެވެ. އެކަމަކާމެދު ނުވެސް ވިސްނައެވެ. ޑޮކްޓަރު ކަމާއި ޓީޗަރުކަން ނޫނީ ކުރާނެ ކަމެއް އޮންނަކަންވެސް ގިނަ ކުދިން ނުދަނެއެވެ. މިހެންވީމާ ދެން ކުދިން ކިޔަވައިގެން ނުކުމެ ހޯދަނީ އެއްވެސް ބުރައެއް ވިސްނުމެއް ފިކުރެއް ނެތި އޮފީހެއްގެ މޭޒެއްގެ ދަށުގައި ރީތި ކޮމްޕިއުޓަރެއްގެ ކައިރީގައި އިނދެގެން ކުރާނެ މަސައްކަތެކެވެ.

ފާހަގަކުރެވުނު އަނެއް ކަމަކީ ވަޒީރު ކަނޑައެޅުއްވި މިނިމަމް ވޭޖަކީ ރާއްޖޭގެ މިހާރުގެ ވަޒީފާގެ ބާޒާރުގައި ދިވެހީން ގުޑާ ވަރުގެ އަދަދެއް ނޫންކަން ވަޒީރަށް އެއްގޮތަކަށް ވެސް އެނގިވަޑައިގެންފައި ނެތް ކަމެވެ. ވަޒީފާ ހޯދަން އަންނަ މީހުން ފުރަތަމަ ވެސް ސުވާލު ކުރާނީ ލިބޭނެ މުސާރައާއި އިނާޔަތްތަކާއި ލިބޭނެ ފަސޭހަ ތަކާމެދުގައެވެ. ބޭނުން ގަޑިއަކު ކޮފީއަށް ދެވޭނެތޯއާއި ހަފުތާ ބަންދު ދެދުވަހާއި ސަރުކާރު ބަންދު ދުވަސްތައް ބަރާބަރަށް ލިބޭނެތޯއާއި ސިވިލް ސާވިސް މަސައްކަތް ކުރާ ގޮތަށް ހަގަޑިއިރު މަސައްކަތް ކޮށްގެން އުޅެވޭނެތޯއެވެ. އަޅުގަނޑުމެންގެ ވަޒީފާގެ އާބާދީ ގަބޫލުކުރާ މުސާރައަކީ މަދުވެގެން ދިހަ ބާރަ ހާހެވެ. އެއަށްވުރެ ކުޑައިއްޔާ ވަޒީފާގައި އުޅޭނީ އެވަރުގެ މުސާރައެއް ލިބޭ އެހެން ވަޒީފާއެއް ލިބޭންދެން ވަގުތީ ގޮތުންނެވެ. އެހެންވީމާ ވަޒީރު ތިޔަ ކަނޑައެޅުއްވި ފަސްހާސް ރުފިޔާއާއި ހަތް ހާސް ރުފިޔާއަކީ އަޅުގަނޑުމެންގެ މަސައްކަތު އާބާދީ ގުޑާ ވަރުގެ މުސާރައެއް ނޫނެވެ.

އަޅުގަނޑު މިދަންނަވާ ބިދޭސީންގެ މައްސަލަ އިތުރަށް ގޯސްވަނީ މިހާހިސާބުންނެވެ. ބިދޭސީ މުވައްޒަފުން ފަސް ހާސް ރުފިޔާއަށް ވުރެ ކުޑަ މުސާރައެއް ކިޔައިގެން ރާއްޖެއަށް ގެނެވެއެވެ. އެމީހުން ބޮޑު މުސާރަ ހޯދަން ވަޒީފާގެ ބާޒާރަށް މިނިވަންކަމާއެކު ނުކުންނަނީ ރަނގަޅަށް ފެނަށްދިރި ވާނުވާ އެނގުނީމައެވެ. އެހެންވީމާ ކުޑަ މުސާރައެއް ދީގެން ވިހި ތިރީސް މީހުންނިދާ ކުޑަ ގުދަނެއްގައި ނިންދަވައިގެން އަދި މުސާރަވެސް ލިބުނު ފަހަރަކު ނުވަތަ ދޭން ފެނުނު ފަހަރަކު ދީގެން ބިދޭސީ މީހާ ފެނަށް ދިރެންދެން ވިޔާފާރިވެރިޔާއަށް ގެންގުޅެވެއެވެ. އޭނާ ލިއުންތައް އުކާލާފައި ރާއްޖޭގެ ވަޒީފާގެ ބާޒާރަށް މިނިވަން ކަމާއެކު ނުކުތީމާ ވިޔަފާރިވެރިޔާ އަނެއްކާވެސް އެހެން މީހަކު ގެންނަނީއެވެ. ގަބޫލުކުރަން ކިތަންމެ ބޭނުން ނުވިޔަސް ވަޒީފާގެ ބާޒާރުގައި މި ޗޭނު ހިނގާ ގޮތަކީ މިއީއެވެ.

އެހެންވީމާ ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހަރަކާތްތެރިވާ ބިދޭސީ މަސައްކަތެރީންނަށް އެންމެ ކުޑަމިނުން ދެވޭނެ މުސާރަ ކަނޑަނާޅައި ބިދޭސީ މަސައްކަތްތެރީންނަށް ތަންމިނަށް މިބާޒާރުން ފުރުސަތު ހުޅުވާލައިގެން ކުރިއަށް ދާނަމަ ދިވެހި މަސައްކަތު އާބާދީ ވަޒީފާއަށް ޖެހި ވަޒީފާ ނެތުމުގެ މައްސަލަ ވަޒީރަށް ވެސް ބޮޑު މައްސަލަކަށް ވާހިސާބަށް ދާނެ ކަމީ ކަށަވަރުވެ ޔަގީންވާ ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން