މުސްލިމުންގެ ބަޔަކު މިސްކިތެއްގައި ޖަމާއަތުގައި ނަމާދުކުރަނީ: ނަމާދުފުރިހަމަވާނީ ނަމާދުގެ ފަރްޟު ރުކުންތައް ބަރާބަރަށް އަދާކުމުންނެވެ.
މުސްލިމުންގެ ބަޔަކު މިސްކިތެއްގައި ޖަމާއަތުގައި ނަމާދުކުރަނީ: ނަމާދުފުރިހަމަވާނީ ނަމާދުގެ ފަރްޟު ރުކުންތައް ބަރާބަރަށް އަދާކުމުންނެވެ.
ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހިވަސައްލަމް މަސްޖިދުއް ނަބަވީ ގައި އިށީނދެވަޑައިގެން އިންނެވިއެވެ. އަދި އެކަލޭގެފާނުންގެ އަރިހުގައި އަޞްޙާބު ބޭކަލުންތަކެެއްވެސް ތިއްބެވިއެވެ. އެވަގުތު މިސްކިތަށް މީހަކު ވަދެ ނަމާދު ކުރަން ފަށައިފިއެވެ. އޭނާ ވަރަށް ހަލުއިކޮށް ނަމާދުކުރިއެވެ. އެއަށްފަހު، ނަބިއްޔާގެ އަރިހަށް އައިސް ސަލާމް ދެންނެވިއެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހިވަސައްލަމް ޖަވާބު ދެއްވާފައި ޙަދީޘްކުރެއްވިއެވެ. "އަދިގޮސް ނަމާދު ކުރާށެވެ. ފަހެ ކަލޭ ނަމާދު ނުކުރެއެވެ." ރަސޫލާ މިހެން ވިދާޅުވުމުން އެމީހާ ގޮސް ދެވަނަ ފަހަރަށް ނަމާދު އިއާދަ ކުރިއެވެ. ނަމަވެސް މިފަހަރުވެސް އޭނާ ނަމާދުކުރީ އަވަސް އަރުވާލައިގެންނެވެ. އަވަސް އަވަހަށެވެ. ރުކޫޢާއި ސަޖިދަ ރަނގަޅަށް ފުރިހަމަ ނުވެއެވެ. ދެން އައިސް ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހިވަސައްލަމް ސަލާމް އަށް ދެންނެވުމުން ރަސޫލާ އޭނާއަށް ސަލާމުގެ ޖަވާބު ދެއްވާފައި ޙަދީޘް ކުރެއްވިއެވެ."ގޮސް ނަމާދުކުރާށެވެ. ފަހެ ކަލޭ ނަމާދެއް ނުކުރެއެވެ." ރަސޫލާ މިގޮތަށް ދެވަނަ ފަހަރުވެސް ވިދާޅުވުމުން އެމީހާ ދެންނެވިއެވެ. ކަލޭގެފާނު ޙައްޤުދީނާއިގެން ފޮނުއްވެވި ކަލާނގެ ގަންދީ ދަންނަވަމެވެ. މިއަށްވުރެ ރަނގަޅަށް އަޅުގަނކަށް ނޭނގެއެވެ. އަޅުގަނޑަށް ދަސްކޮށްދެއްވައި އަންގަވައި ދެއްވަންވީ ނޫންތޯއެވެ.

ދެންފަހެ، ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހިވަސައްލަމް ޙަދީޘް ކުރެއްވިއެވެ."ކަލޭ ނަމާދަށް ހުއްޓިހުރެ ތަކްބީރު ކިޔާށެވެ. އެބަހީ ﷲ އަކްބަރު ކިޔާށެވެ. ދެން ކަލެއަށް ޤުރްޢާނުން ދަސްވެފައި އޮތްތަނެއް ނުވަތަ ފަސޭހައިން ކިޔެވޭނެ ތަނެއް ކިޔަވާށެވެ. ދެން ރުކޫޢުކޮށް ހަމަހިމޭންވަންދެން ރުކޫޢުގައި އޮންނާށެވެ. ދެން ބޯއުފުލައި ހަށިގަނޑު ހަމަޖެހެންދެން ކޮޅަށް ހުއްޓި ހުންނާށެވެ. ދެން ސަޖިދަކޮށް ހަމަހިމޭން ވަންދެން ސަޖިދާގައި އޮންނާށެވެ. ދެން ސަޖިދައިން ބޯއުފުލައި ހަމަހިމޭން ވަންދެން އިށީނދެ އިންނާށެވެ. ދެން އަނެއްކާވެސް ސަޖިދަކޮށް ހަމަހިމޭން ވަންދެން ސަޖިދާގައި އޮންނާށެވެ. ދެން ކަލޭގެ މުޅި ނަމާދުގައި މިގޮތަށް ކަންތައް ގެންދާށެވެ." (ބުޚާރީ- މުސްލިމް)

* އިރުޝާދު:



1. މިވާހަކައިގައި ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހިވަސައްލަމް އެމީހާއަށް ދަސްކޮށް ދެއްވާފައި ވަނީ ހަމައެކަނި ނަމާދުގެ ރުކުންތައް ކަމުގައި ވާތީ އެކަމުން ދޭހަވަނީ އެތަންތާނގައި ހަމަހިމޭންވުމަކީ ފަރްޟުކަމެއް ކަމެވެ. އެބަހީ ނަމާދުގައި ކޮންމެހެން ކުރަންޖެހޭ ކަންކަމެވެ. އަދި އެމީހާއަށް ނޭނގުނީވެސް ނަމާދުގައި ހިމެނޭ ފަރްޟު ރުކުންތައް އަދާކުރުން ކަމުގައިވާތީއެވެ.



2. ޤުރްޢާނުގައި އޮތް އޭނައަށް އެންމެ ފަސޭހަތަނެއްގެ މުރާދަކީ ސޫރަތުލް ފާތިޙާއެވެ. ސޫރަތުލްފާތިޙާ ކިޔަވަންނޭނގޭ މީހަކަށް އެހެންތަނެއްވެސް ކިޔެވިދާނެއެވެ. ނަމަވެސް އެފަދަ މީހެއްގެ މައްޗަށް ފާތިޙާ ސޫރަތް ދަސްކުރުމަކީ ވާޖިބު ކަމެކެވެ.

3. ތަކްބީރު ކިޔުމުގައި ފަރްޟުވެގެންވަނީ ހަމައެކަނި ހަށަންބަން ތަކްބީރެވެ. އެހެން ތަންތާނގައި ތަކްބީރު ކިޔުމަކީ ސުންނަތެކެވެ.

4. ސަޖިދަކުރަންވާނީ ހަތްގުނަން މަތީގައެވެ. އެއީ ނިތާއި ދެއަތްތިލައާއި ދެކަކުލާއި ދެފައިގެ އިނގިލިތަކުގެ ކޮޅެވެ. ސުންނަތް ވެގެންވަނީ އިނގިލިތަކުގެ ބަނޑުފުށް ޖެއްސުމެވެ. އަދި ނިތާއެކު ނޭފަތްވެސް ޖެއްސުން ސުންނަތް ވެގެންވެއެވެ.

* މިލިޔުމަކީ އައްޝައިހް ހުސައިން ރަޝީދު އަހުމަދު ނެރުއްވާފައިވާ "ނަމާދުގެ ވާހަކަތައް" މިފޮތުން ނަގާފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން