ދިވެހިންނަށް އަމާޒުކޮށްގެން، އެހެން ދީންތައް ފަތުރައި ދީނީ އެއްބައިވަންތަކަމާ ދެކޮޅަށް ހިންގާ ވެބްސައިޓްތަކާއި ޕޭޖްތަކާއި އެޕްލިކޭޝަންތަކާއި ޗެނަލްތައް ހުއްޓުވަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރުން ލަސްވަނީ ޓެކްނިކަލް މަސައްކަތްތަކެއް ކުރާތީ ކަމަށް ފުލުހުން ބުނެފިއެވެ.

ދިވެހިންނަށް އަމާޒުކޮށްގެން، އެހެން ދީންތައް ފަތުރައި ދީނީ އެއްބައިވަންތަކަމާ ދެކޮޅަށް ހިންގާ ވެބްސައިޓްތަކާއި ޕޭޖްތަކާއި އެޕްލިކޭޝަންތަކާއި ޗެނަލްތައް ހުއްޓުވަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ މުއްދަތު މިހާރު ވަނީ ހަމަވެފައެވެ. އެކަން ތަންފީޒު ކުރަން ކޯޓުން ދިން 72 ގަޑިއިރުގެ މުހުލަތު ހަމަވެފައިވާއިރު އެ އަމުރު ފުލުހުންނަށް ތަންފީޒު ކުރެވިފައެެއް ނުވެއެވެ.

އެކަމާ ގުޅިގެން ފުލުހުންގެ އިދާރާ އިން ބުނީ ޓެކްނިކަލް މަސައްކަތްތަކެއް ކުރާތީ އެކަމަށް އަދި ވަގުތު ނަގާނެ ކަމަށެވެ. ފުލުހުންނާއި ކޮމިއުނިކޭޝަން އޮތޯރިޓީ އަދި އިސްލާމިކް މިނިސްޓްރީގެ އިތުރުން ކަމާ ގުޅުންހުރި އިދާރާތައް ގުޅިގެން އެކަން ތަންފީޒުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.

މިދިޔަ ހޯމަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އިންޓަނެޓްގެ ހިދުމަތް ދޭ ކުންފުނިތަކަށް ސިޓީ ފޮނުވައި އަމުރު ތަންފީޒުކުރަން ފުލުހުންގެ މައްޗަށް އަމުރުކޮށްފައެވެ. މި އެންގުމާ ހިލާފުވެއްޖެ ނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ކްރިމިނަލް ކޯޓުން ވަނީ ދީފައެވެ.

ދީނާ ދެކޮޅު ކޮންޓެންޓް ރާއްޖޭގައި ބްލޮކް ކުރަން ކްރިމިނަލް ކޯޓުން އަމުރު ނެރުނީ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުންނެވެ.

ރާއްޖޭގައި އިސްލާމް ދީން ފިޔަވައި އެހެން ދީންތައް ފެތުރުމުގެ މަސައްކަތްތަކެއް ބަޔަކު ކުރަމުންދާއިރު އެކަން ހުއްޓުވުމަށް ސަރުކާރުން އެކަށީގެންވާ ފިޔަވަޅު ނާޅާ ކަމަށް ބުނެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު