ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިންޑިއާއާއެކު ޑިފެންސް ކޯޕަރޭޝަން އެކްޝަން ޕްލޭނެއް ގާއިމް ކުރި ކަމަށާއި، އެކަން ކުރީ ދިވެހި ފަސްގަނޑުގައި އިންޑިއާގެ ސިފައިން ގާއިމްވެ ބައިތިއްބާކަށް ނޫން ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، އިންޑިއާއިން ފޮނުވާ ޑޯނިއާ ފްލައިޓުތައް ފޮނުވައިދިނުން އަވަސް ކޮށްދިނުމަށް އޭރުގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އިންޑިއާށް ސިޓީ ފޮނުއްވައި އާދޭސް ދަންނަވައިފައިވާ ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވި ވާހަކަ ތަކަށް ރައްދު ދެއްވަމުންނެެވެ.

އުތުރުތިިލަފަޅު އެއްބަސްވުމަކީ ވެސް 2016 އިން ފެށިގެން މަޝްވަރާ ކުރަމުން އައިސް، ވެވިފައިވާ އެއްބަސްވުމެއް ކަމަށް އަނދުން ހުސެއިން ވިދާޅުވިއެވެ. އަނދުން ހުސެއިންގެ އެ ވާހަކަތަކާއި ގުޅިގެން ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، ޑޯނިއާ މަތިންދާބޯޓު ހޯދައިގެން އެމްއެންޑީއެފްގެ އަސްކަރީ ފޯރުންތެރިކަން އިތުރު ކުރަން އޭރު މަސައްކަތް ކޮށްފައިވާނެ ކަމަށެވެ. އަދި އަނދުން ހުސައިން ފާހަަގަކުރެއްވި ސިޓީއަކީ ދިވެހި ސަރުކާރަށް ޑޯނިއާ ފުލައިޓް އޮޕަރޭޓްކުރުމުގެ ގާބިލްކަން ހުރިކަން ބަޔާންކޮށް ފޮނުވި ސިޓީއެއް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

"އެކަމަކު ބޭރުގެ ސިފައިން މި ތަނުގައި ގާއިމްވެ ތިބޭކަށް އެއްބަހެއް ނުވަން ދުވަހަކު ވެސް. އެ ސިޓީގައި ވެސް ސާފުކޮށް ބަޔާންކޮށްފައި އޮންނާނެ ދިވެހި ސަރުކާރަށް އެ އޮޕަރޭޓް ކުރެވޭނެ ގާބިލްކަން ހުރި ކަމުގައި، އަނދުން ހުސައިނަށް ސިޓީގައި އޮތް އެއްޗެއް ރަނގަޅަށް ވިދާޅުނުވެވި އެ ދިޔައީ." އާދަމް ޝަރީފް ވިދާޅުވިއެވެ.

""ރަސް އޮންލައިން" އަށް މީގެ ކުރިން ދެއްވި ބަސްދީގަތުމެއްގައި ރައީސް ޔާމީންގެ ވެރިކަމުގައި އިންޑިއާއަށް ކަނޑައަޅާފައި ހުންނެވި ސަފީރު އަހުމަދު މުޙައްމަދު، އަންޑޭ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިންޑިއާއާއި ރާއްޖެއިން ސޮއިކުރި އެކްޝަން ޕްލޭންގައި ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމްވެ ތިބުމާއި ގުޅޭ އެއްވެސް ވާހަކައެއް ނޯންނާނެކަމަށެވެ.

އަހުމަދު ވިދާޅުވީ އެކްޝަން ޕްލޭންގައި އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބުމާއި ގުޅޭ އެއްވެސް ވާހަކައެއް ނޯންނާނެކަމަށާއި އޭގައި އޮންނާނީ އުތުރު ތިލަފަޅު ތަރައްްގީކުރުމުގެ ވާހަކައާއި އެތަން އިންޑިއާ ސިފައިން ރާއްޖޭގެ އަސްކަރިއްޔާއާއި ގުޅިގެން ހިންގާ ތަމްރީން ތަކުގައި ބޭނުންކުރެވޭނެ އުސޫލުތަކުގެ ވާހަކަ ކަމަށެވެ. އެގޮތުން އެކްޝަން ޕްލޭންގައި އޮންނާނީ އިންސާނީ އެހީ ދިނުމާއި ކާރިސާތަކުގެ ވަގުތުގައި ހިންގާ ހަރަކާތްތަކާއި އީއީޒެޑް ބަލަހައްޓަން ހިންގާ އޮޕަރޭޝަންތަކުގައި އިންޑިއާއަށް އުތުރު ތިލަފަޅު ބޭނުން ކުރެވޭނެ ކަމުގެ ވާހަކަ ކަމަށް އަހުމަދު ވިދާޅުވިއެވެ.

ދިވެހި ސަރުކާރުން އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތަކުގައި މައްސަލައެއް އޮތްތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އަށް ހުށަހެޅުނު މައްސަލަ ދިރާސާކުރުމަށްފަހު، ކޮމިޓީން އެ އެއްބަސްވުމުގައި ގޯހެއް ނެތް ކަމަށް ވަނީ ނިންމާފައެވެ. ކޮމިޓީން ފާސްކުރި ރިޕޯޓު ރައްޔިތުންގެ މަޖިލީހުން ވެސް ވަނީ ފާސްކޮށްފައެވެ. ކޮމެޓީން ދިރާސާކުރީ އިންޑިއާއާއެކު ވެފައިވާ ތިން އެއްބަސްވުމެކެެވެ. ކޮމެޓީން ދިރާސާކުރި ރިޕޯޓަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށައެޅުއްވި އިސްލާހުތަށް ވަނީ ބޭރުކޮށްލާފައެވެ.

މަޖިލީހުގެ ކޮމެޓީން ދިރާސާ ކުރި އެެއްބަސްވުންތަކުގައި ހިމެނެނީ ކަނޑުގެ ޗާޓުތައް ކުރަހަން ސޮއިކޮށްފައިވާ ހައިޑުރޯގްރަފީ އެއްބަސްވުމާއި ރާއްޖެއަށް އިންޑިއާއިން ދިން އަސްކަރީ ޑޯނިއާ މަތިންދާބޯޓު އޮޕަރޭޓުކުރުމުގެ އެއްބަސްވުމުގެ އިތުރުން އުތުރުތިލަފަޅުގައި އަސްކަރީ ބަނދަރެއް ތަރައްގީކުރުމުގެ އެއްބަސްވުމެެވެ. އެއްބަސްވުންތަކުގައި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާފަދަ ކަމެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު