އަހުމަދު މަސްނޫމް   7 ޑިސެމްބަރު 2021 - 14:57
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ފަސްވަނަ އިންޑިއަން އޯޝަން ކޮންފަރެންސް 2021ގައި ބައިވެރިވެވަޑައިގަތުމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)އަށް ކުރެއްވި ރަސްމީ ދަތުރުފުޅު މިއަދު ނިންމަވައިލައްވައިފިއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި ދިވެހި ޚާރިޖިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބޭފުޅުން ހިމެނޭ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ފަސްވަނަ އިންޑިއަން އޯޝަން ކޮންފަރެންސް 2021 ފެށުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނުގެ ގޮތުގައި ބައިވެރިވެވަޑައިގެންފައެވެ.

މީގެ އިތުރުން މި ދަތުރުފުޅުގައި ސްރީލަންކާގެ ކުރީގެ ބޮޑުވަޒީރު ހިސް އިކްސެލެންސީ ރަނިލް ވިކްރަމަސިންގހަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އަރިހަށް ވަނީ އިޙްތިރާމުގެ ޒިޔާރާތެއް ކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އިންޑިއަން އޯޝަން ކޮންފަރެނެސް 2021ގެ ހަވާސާގައި، އިންޑިއަން ފައުންޑޭޝަންގެ ގަވަރނިންގ ކައުންސިލުގެ މެންބަރު ރާމް މާދަވް އާއި ސްރީލަންކާގެ އިންސްޓިޓިއުޓް އޮފް ނޭޝަނަލް ސެކިއުރިޓީ ސްޓަޑީޒް (އައި.އެން.އެސް.އެސް) ގެ ޑިރެކްޓަރ ޖެނެރަލް ޕްރޮފެސަރ ރޯހަން ގުނަރަތްނަ އާއި ވެސް ބައްދަލުކުރައްވާފައެވެ.

އަދި މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އަބޫދާބީގައި ހުންނަ ދިވެހިރާއްޖޭގެ އެންބަސީއަށްވެސް ޒިޔާރަތްކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު