އަހުމަދު މަސްނޫމް   7 ޑިސެމްބަރު 2021 - 15:12
ހޮންގްކޮންގުން ރާއްޖެއަށް ދަތުރުކުރުން މަނާކޮށްފިއެވެ.

ހޮންގކޮންގުން ރާއްޖެއަށް ދަތުރުކުރުން މަނާކޮށްފައިވަނީ ކޮވިޑްގެ އައު ވޭރިއަންޓް ކަމަށްވާ އޮމިކްރޯންއަށް ޕޮޒިޓިވް ކޭހެއް ރާއްޖެއިން ފެނުމާއި ގުޅިގެންނެވެ. އެގޮތުން ހޮންގްކޮންގުން ދަތުރުކުރުން މަނާ ތިން ގައުމެއް ވަނީ ކަނޑައަޅާފައެވެ. އެއީ ރާއްޖޭގެ އިތުރުން، ޓޫނީޝިއާ އާއި ސެނެގަލްއެވެ.

ކޮވިޑްގެ އައު ވޭރިއަންޓްގެ ފުރަތަމަ ކޭސް ރާއްޖެއިން ފެނިފައިވަނީ ރާއްޖެ ޒިޔާރަތްކުރި ސައުތު އެފްރިކާގެ ރައްޔިތެއްގެ ކިބައިންނެވެ. އެ މީހާގެ ގައިގައި އޮމިކްރޯން ވައިރަސް ހުރިކަން އެނގިފައިވަނީ ރާއްޖެ އައިސް ހެދި ޓެސްޓްގެ ނަތީޖާ ކޮވިޑަށް ޕޮޒިޓިވްވުމުން އޭނާގެ ހުރީ ކޮން ވޭރިއަންޓެއްތޯ ބެލުމަށް ހެދި ޖެނޯމިކް ސީކުއެންސިންނެވެ.

އޮމިކްރޯން ވައިރަސް ފެނުމާއި ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން އޮމިކްރޯންއާ ގުޅިގެން ހަތް ގައުމަކުން ރާއްޖެއަށް މީހުން އެތެރެވުންވެސް ވަނީ މަނާކޮށްފައެވެ. އެއީ ސައުތު އެފްރިކާ އާއި ނެމީބިއާ އާއި މޮޒަންބީކް އާއި ލެސޯތޯ އާއި ބޮޓްސްވާނާ އާއި ޒިންބާބްވޭގެ އިތުރުން އެސްވަޓީނީއެވެ. އެ ގައުމުތަކުން ރާއްޖެ އަންނަ ދިވެހިނާއި ވާކްވިސާގައި އަންނަ މީހުން 14 ދުވަސް ވަންދެން ކަރަންޓީންވެސް ވާން ޖެހެއެވެ. އެ މީހުން ކަރަންޓީނުން ވީއްލޭނީ 14 ދުވަހަށްފަހު ހަދާ ޓެސްޓް ނެގެޓިވްވުމުންނެވެ.



ކިޔުންތެރިންގެ ހިޔާލު