އުއްތަމަ ފަނޑިޔާރަށް ދައުލަތުން ހަމަޖައްސައިދޭ ވަގުތީ ގެކޮޅު މާދަމާ ހަވާލުކުރާނެކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.

އުއްތަމަ ފަނޑިޔާރުގެ ވަގުތީ ގެކޮޅުގެ ގޮތުގައި ކަނޑައަޅާފައިވާ ރެހެންދި ފްލެޓްގެ އެޕާޓްމަންޓެކެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ އުއްތަމަ ފަނޑިޔާރުގެ ވަގުތީ ގެކޮޅުގައި މިހާރު ކުރިޔަށް ދަނީ އެންމެ ފަހު އިންސްޕެކްޝަންގެ މަސައްކަތް ކަމަށާއި އެކަން ނިންމާ މާދަމާ ސުޕްރީމް ކޯޓާ ހަވާލު ކުރާނެކަމަށެވެ.

އުއްތަމަ ފަނޑިޔާރުގެ ވަގުތީ ގެކޮޅުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާއިރު، މަޖިލީހުގެ ރައީސްގެ ވަގުތީ ގެކޮޅު، މުރައިދޫގޭގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަނެއްކޮޅުން ދެ ބާރުގެ ވެރިންނަށް ރަސްމީ ގެކޮޅު ހަމަޖައްސަން އަންނަ އަހަރުގެ ބަޖެޓުގައި ވަނީ 12 މިލިއަން ރުފިޔާ ހިމަނާފައެވެ.

މަޖިލީހުގެ ރައީސްގެ ގެކޮޅު އިމާރާތް ކުރަނީ ސުޕްރީމް ކޯޓު ކުރިމަތީގައި އޮންނަ ދަންޑަހެލު ގޭގެެ ބިމުގައެވެ. އުއްތަމަ ފަނޑިޔާރުގެ ގެކޮޅު އިމާރާތް ކުރަނީ ކުރީގެ ސްކައުޓް އެސޯސިއޭޝަން ހިންގި އިމާރާތުގައެވެ.

ދައުލަތުގެ ދެ ބާރުގެ ވެރިންގެ ދައުލަތުން ގެކޮޅު ހަމަޖައްސައިދޭން ނިންމީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މޭ މަހު ދިން ޓެރަރިސްޓު ހަމަލައާ ގުޅިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު