އިންޓަނޭޝަނަލް ފްލައިޓް އޮޕަރޭޓްކުރުމުގެ ހުއްދަ ރާއްޖޭގެ 3 އެއާލައިނަކަށް ދީފައިވާކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރ، އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ މަދަނީ ވައިގެ ދަތުރުފަތުރުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބެއްގައެވެ. ނަމަވެސް ހުއްދަ ދިނީ ކޮން ތިން އެއާލައިން އަކަށް ކަމެއް ވަޒީރުގެ ޚިޠާބުގައި ވިދާޅެއް ނުވެއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާ ފުޅާކުރުމުގެ އިތުރުން އެދާއިރާ ތަރައްޤީކުރުމަކީ މި އަހަރުގެ މައިގަނޑު އެއް އަމާޒުކަމަށެވެ. އެގޮތުން އެއާލައިންތަކުގެ ޙަރަކާތްތައް އިތުރުކުރުމާއި އެއާޕޯޓްތައް ތަރައްޤީކުރުމުގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުން އޭގެތެރޭގައި ހިމެނޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މިއާއެކު މިނިސްޓަރ ވިދާޅުވީ އިންޓަނޭޝަނަލް ފްލައިޓްތައް އޮޕަރޭޓްކުރުމުގެ ހުއްދަ މިހާރު ރާއްޖޭގެ 3 އެއާލައިނަކަށް ދީފައިވާކަމަށެވެ.

މީގެއިތުރުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް މިއަހަރުވެސް ކުރިއަށް ގެންދިޔަކަމަށާއި، އެގޮތުން، އޭޕްރަނަށް މުޅީންއަލަށް ބައިތަކެއް އިތުރުކޮށް ބޭނުންކުރަން ފެށުމުގެ އިތުރުން، ކުރިން ބޭނުން ކުރަމުން އައި އޭޕްރަން އަޕްގްރޭޑް ކުރެވި މިހާރުވަނީ ބޭނުން ކުރަންފަށާފައިކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ނަހުލާ އިތުރަށް ވިދާޅުވީ، ސަލާމަތީ މިންގަނޑުތައް އިތުރަށް ހަރުދަނާކޮށް ރެގިއުލޭޓަރީ ފްރޭމްވޯކް އިތުރަށް ފުޅާކުރުމުގެ ޙަރަކާތްތައްވެސް މިއަހަރު ކުރިއަށް ގެންގޮސްފައިވާކަމަށެވެ.

މިއާއެކު ރާއްޖެއިން އިޚްތިޔާރުކޮށްފައިވާ ޔޫރަޕިއަން ސޭފްޓީ ރެގިއުލޭޝަން ސްޓްރަކްޗަރ އާއި އެއްގޮތްވާ ގޮތުގެ މަތިން އެއާވާދިނަސްގެ ދާއިރާއިން ޤާއިމު ކުރެވިފައިވާ ޤަވާޢިދުތަކަށް ބޮޑު ބަދަލުތަކެއް ގެނެސްފައިވާނެ ކަމަށާއި، އަދި މިއަހަރު ސިނާޢަތުގެ ބައިވެރިންގެ ޚިޔާލާއި މަޝްވަރާއަށް ހުޅުވާލެވިފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ކާބަން އޮފް ސެޓިންގ އެންޑް ރިޑަކްޝަން ސްކީމް ފޮރ އިންޓަނޭޝަނަލް އޭވިއޭޝަން (ކޯސިއާ)ގައި ރާއްޖެއިން ބައިވެރިވުމުގެ އިންތިޒާމުތައް ކުރިއަށް ދާއިރު ޤަވާޢިދު އެކުލަވާލައި މި އަހަރުގެ އޭޕްރީލްމަހު ވަނީ ގެޒެޓް ކުރެވިފައިކަމަށްވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

އަދި ރާއްޖެއަށް އޮޕަރޭޓް ކުރާ ބައިނަލްއަޤުވާމީ އެއާލައިންތައް އެއްހަމައެއްގައި ދެފުށް ފެންނަ އުޞޫލުގެ ތެރެއިން ރެގިއުލޭޓް ކުރުމަށް ކުރަމުންދާ މަސައްކަތް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި "ފޮރިން އޮޕަރޭޓާސް" ގެ ނަމުގައި ޤަވާޢިދެއް ސިނާޢަތުގެ ބައިވެރިންގެ މަޝްވަރާގެ މަތިން އެކުލަވާލައި ޢާންމު ކުރުމުގެ މަސައްކަތުގެ، މިހާރުވަނީ އެންމެ ފަހުގެ މަރުޙަލާގައި ކަމަށްވެސް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

ކޮވިޑް-19 ގެ އާލަމީ ވަބާ ރާއްޖޭގައި ކޮންޓްރޯލު ކުރުމާއެކު އޭވިއޭޝަން ދާއިރާއަށް ކުރިއެރުން ލިބި ދިވެހި އިޤުތިޞާދީ މައި ނާރަށް ދިރުން ލިބިގެން މިދަނީ ރައީސުލްޖުމްހޫރިއްޔާގެ ޙިކުމަތްތެރިކަމާއި ރޭވުންތެރިކަމާއެކު ސަރުކާރުން ކުރިއަށް ނެރޭ ސިޔާސަތުތަކުގެ ސަބަބުން ކަމާމެދު އެއްވެސް ޝައްކެއް ނެތްކަމަށްވެސް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު