ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުވަކިފަރާތަކަށް ނާޖާއިޒް ފައިދާ ލިބޭ ގޮތަށް މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތުކުރާ މައްސަލަައިގައި އޭނާއަށް ދައުވާ ކުރުމަށް އެންޓިކޮރަޕްޝަން ކޮމިޝަން، އޭސީސީން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް މިއަދު ފޮނުވައިފިއެެވެ.

އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާންކުރަށްފައިވާ އުމަރު ނަސީރަށް ދައުވާ ކުރަން ފޮނުވާފައި ފޮނުވީ 2015 ވަނަ އަހަރުގެ ތެރޭގައި، ހޯމް މިނިސްޓްްރީން ކުށްވެރިންގެ ފައިގައި ޓެގު އެޅުވުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ އުމަރާއި ވިޔަފާރީގެ ގޮތުން ގާތްގުޅުން އޮންނަ ފަރާތެއްގެ ކުންފުންޏަކަށް ކަމަށް ބުނާ މައްސަލައިގައެވެ. އޭރުގެ ހޯމް މިނިސްޓަރު އުމަރުގެ ނަސީރުގެ މައްޗަށް ދައުވާ ކުރަން ފޮނުވީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ.

އޭސީސީން ބުނީ، މި މައްސަލައިގެ ތަހްގީގަށް ފާހަގަކުރެވުނު ގޮތުގައި އިލެކްޓްރޯނިކް ޓެގް ބޭނުންކޮށްގެން ކުށްވެރިން ބެލެހެއްޓުމުގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުމަށް އެެ މިނިސްޓްރީން ކޮށްފައިވާ އިޢުލާނާ ގުޅޭ ކަންކަން އެ މިނިސްޓްރީން ކުރިއަށް ގެންގޮސްފައިވަނީ އާންމުކޮށް އަމަލުކުރަމުންދާ އުޞޫލުގެ ބޭރުން، އުމަރުގެ ބެލުމުގެ ދަށުން އޭނާގެ އިރުޝާދުގެ ދަށުން ކަމަށެވެ. އެ އިއުލާނާ ގުޅިގެން ހުށަހަޅާފައިވާ ބިޑުތަކުގެ ތެރެއިން ޓެގް އަޅުވައި ބަލަހައްޓާނެ ގޮތުގެ ޓްރައަލް ދައްކާފައިވާ ސްޓެލްވާޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގެ ހިއްސާދާރުންގެ ތެރޭގައި ހިމެނޭ 04 ފަރާތަކީ ވެސް އުމަރާއި ގާތްގުޅުން އޮންނަ ފަރާތްތައް ކަމަށް އޭސީސީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އޭގެތެރެއިން ދެ ހިއްސާދާރުންނަކީ އުމަރުގެ ވިޔަފާރި ޕާޓްނަރުން ކަމަށްވާތީ ދައުލަތުގެ މާލިއްޔަތު ގަވާއިދު (2009) ގެ ބާބު 15 ގެ 3 ވަނަ މާއްދާގެ (ނ) ގެ 8 ގައި ބަޔާންކޮށްފައިވާގޮތަށް އެފަރާތްތަކަކީ އުމަރުގެ ކްލޯޒް އެސޯސިއޭޓުން (ގާތް ބައިވެރިން) ކަމަށް އޭސީސީން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން، ސްޓެލްވާޓަކީ އުމަރުގެ މަސްލަހަތު ފުށުއަރާ ފަރާތްތަކެއްގެ ކުންފުންޏެއް ކަމަށް އޭސީސީން ބުނެ އެވެ.

އަދި ސްޓެލްވާޓުން ދެއްކި ޓެގް ޓްރައަލް އިވެލުއޭޓް ކުރުމަށް އުމަރު އަމިއްލައަށް ޓެކްނިކަލް ކޮމެޓީއެއް ކަނޑައަޅައި އެ ކޮމެޓީގެ ޗެއަރގެ ގޮތުގައި އޭނާ ބައިވެރިވެ ވަޑައިގެންފައިވާކަމަށް ވެސް އޭސީސީން ވަނީ ބުނެފައެވެ.

އޭސީސީން ބުނީ ސްޓެލްވާޓުން ޓްރައަލް ޕީރިއަޑްގައި ބޭނުންކޮށްފައިވާ ޓެގާއި އެއާގުޅޭ އިލެކްޓްރޯނިކް ސާމާނަކީ މި ޚިދުމަތުގައި ބޭނުންކުރުމަށް އެކަށީގެންވާ ތަކެތިކަމަށް ޓެގް ޓްރައަލް އިވެލުއޭޓްކުރާ ކޮމެޓީން ނިންމާފައި ވީނަމަވެސް، މި މަސައްކަތް ސްޓެލްވާޓާ ޙަވާލުކުރުމަށް އެ ކޮމެޓީން ނިންމާފައި ނުވާ ކަމަށެވެ. އަދި ތަކެތި ގަތުމާއި ޚިދުމަތް ހޯދުމަށް، މަސައްކަތާ ޙަވާލުވާނެ ފަރާތެއް ކަނޑައަޅަންވާނީ އަންދާސީ ހިސާބު ބަލާ ކޮމިޓީން ބަލާއިރު އެންމެ ގިނަ ޕޮއިންޓް ލިބުނު ފަރާތަށް ކަމަށް އޭރު ޢަމަލުކުރަމުންދިޔަ ދައުލަތުގެ މާލިއްޔަތު ގަވާއިދު 2009ގެ 8.20 ގައި ބަޔާންކޮށްފައިވާއިރު، މި މަސައްކަތް މިނިސްޓްރީ އޮފް ހޯމްއެފެއާޒުގައި އޭރު އެކުލަވާލާފައި އޮތް ބިޑު ކޮމެޓީއަށް ހުށަހަޅާފައިނުވާ ކަމަށް އޭސީސީން ބުނެ އެވެ.

އަދި ހަމައެކަނި ޓެގް ޓްރައަލް އިވެލުއޭޓްކުރާ ކޮމެޓީން ނިންމި ނިންމުމަށް ބިނާކޮށް މި މަސައްކަތް ސްޓެލްވާޓާ ޙަވާލުކުރުމުގެ ހުއްދައަށް އެދި، އަދި އެ ފަރާތަށް އެޑްވާންސް ފައިސާ ދިނުމުގެ ލަފައަށް އެދި ޢުމަރު ނަޞީރު ސޮއިކޮށް މިނިސްޓްރީ އޮފް ފިނޭންސަށް ސިޓީ ފޮނުވާފައިވާކަން ތަޙްޤީޤުން ފާހަގަކުރެވޭ ކަމަށް އޭސީސީން ބުންޏެެވެ.

"އެހެންކަމުން، ދައުލަތުގެ މާލިއްޔަތު ގަވާއިދު 2009 ގެ 8.20 އާ ޚިލާފަށް ބިޑު ކޮމެޓީއަށް ހުށަނާޅާ މި މަސައްކަތް ސްޓެލްވާޓާ ޙަވާލުކުރުމުގެ ޕްރޮސެސް ކުރިޔަށް ގެންގޮސްފައިވަނީ އުމަރު ނަސީރަށް ލިބިގެންނުވާ ބާރެއް ބޭނުންކޮށް މަޤާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް ސްޓެލްވާޓަށް ފައިދާ ހޯދައި ދިނުމަށްކަން މި މައްސަލައިގެ ތަޙްޤީޤުން ފާހަގަކުރެވެއެވެ." އޭސީސީން ބުނެފައިވެއެވެ.

 

އޭގެއިތުރުން، ސްޓެލްވާޓުން ބިޑު ހުށަހެޅިއިރު ބިޑުގައި އެޑްވާންސްގެ ގޮތުގައި ބޭނުންވާނެކަމަށް ބަޔާންކޮށްފައިވާ 500،000.00 (ފަސްސަތޭކަހާސް ރުފިޔާ) ސްޓެލްވާޓަށް އެޑްވާންސްގެ ގޮތުގައި ދިނުމުގެ ހުއްދައަށް އެދިފައިވަނީ އަދި އެ ފައިސާ އެ ކުންފުންޏަށް ދީފައިވަނީ، އެ ކުންފުންޏަށް މަސައްކަތް އެސްޓެބްލިޝްކުރަން ފަސޭހައަކަށްކަމާއި، އަދި އެ ކުންފުނިން ލޯނު ނަގަންޖެހޭތީކަން ކޮމިޝަންގެ ތަޙްޤީޤަށް އެނގިފައިވާ ކަމަށް އޭސީސީން ބުނެފައިވެއެވެ. އެހެންކަމުން، މި މަސައްކަތް ސްޓެލްވާޓާ ހަވާލުކޮށްފައިވަނީ އޭރުގެ މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢުމަރު ނަޞީރު އޭނާގެ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށް ސްޓެލެވާޓަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށްކަން މި މައްސަލައިގެ ތަޙްޤީޤުން އެނގޭ ކަމަށް އޭސީސީން ވަނީ ބުނެފައެވެެ.



ކިޔުންތެރިންގެ ހިޔާލު