ކައުންސިލްތަކުން ކުރާ މަސައްކަތްތައް ކާމިޔާބުކުރުމުގައި މަދަނީ ޖަމިއްޔާތަކުގެ ދައުރު ވަރަށް ބޮޑުކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ސީއީއޯ ފާތިމަތު އަފްޝަން ލަތީފް ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ޖަމިއްޔާތަކަށް އަމާޒުކޮށް ހިންގާ މަދަނީ ޖަމްއިއްޔާތަކުގެ ދެވަނަ މަހާސިންތާ ފެށުމުގެ ގޮތުން ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޅ. ހިންނަވަރުގައި އިއްޔެ ފެށި މި މަހާސިންތާއަކީ ހަރުދަނާ މަދަނީ މުޖުތަމަޢެއް ބިނާކުރުމަށް މަދަނީ ޖަމްއިއްޔާތަކުގެ ދައުރު ފުޅާކޮށް ހޭލުންތެެރި ކުރުމުގެ ގޮތުން ބާއްވާ މަހާސިންތާއެކެވެ.

މަހާސިންތާގެ ދެވަނަ ބުރު އަމާޒުކޮށްފައިވަނީ ނ، ރ، ބ. އަދި ޅ. ގައި ހިމެނޭ ޖަމިއްޔާތަކަށެވެ. 4 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މިމަހާސިންތާ ޝަރަފުވެރިކޮށްދެއްވީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ސީއީއޯ ފާތިމަތު އަފްޝަން ލަތީފްއެވެ.

މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އަފްޝަން ވިދާޅުވީ ލާމަރުކަޒީ އުސޫލުން ބާރުތައް ކައުންސިލްތަކަށް ދޫކުރަމުންދާއިރު ރަށުގެ ތަރައްޤީގައި ކައުންސިލްތަކުން ކުރާ މަސައްކަތް ކާމިޔާބުކުރުމުގައި މަދަނީ ޖަމިއްޔާތަކުގެ ދައުރު ވަރަށް ބޮޑު ކަމަށެވެ. އެހެންކަމުން މަޝްވަރާގެ އުސޫލުން ތަރައްޤީއަށް ވާޞިލުވުމަށް މަސައްކަތް ކޮށްދެއްވުމަށް މަދަނީ ޖަމިއްޔާތަކުގެ ކިބައިން އަފްޝަންވަނީ އެދިވަޑައިގެންފައެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަދަނީ ޖަމްއިއްޔާތަކުގެ ރަޖިސްޓްރާ އަޙްމަދު އިރާޝް ވިދާޅުވީ މިމަހާސިންތާގެ އެންމެ ބޮޑު ބޭނުމަކީ އަތޮޅުތަކުގައި ހިންގާ ޖަމްއިއްޔާތަކުގެ ގުޅުން ބަދަހިކޮށް ވަރުގަދަކުރުންކަމަށެވެ. އޭގެ ސަބަބުން ރަށުގައި ހިންގާ ހަރަކާތްތައް ކުރިއަށް ގެންދިޔުމުގައި މިހާރަށްވުރެ ބޮޑަށް ފަސޭހަ އަދި ފުޅާދާއިރާއެއްގައި ކަންކަން ކުރެވޭނެކަން އިރާޝް ފާހަގަކުރެއްވިއެވެ.

މިމަހުގެ 7 އިން 11 އަށް ކުރިއަށްގެންދާ މަދަނީ ޖަމްއިއްޔާތަކުގެ މަހާސިންތާގައި ނ. ރ. ބ. އަދި ޅ. އަތޮޅުން 33 ޖަމްއިއްޔާއަކުން 34 މީހަކު ވަނީ ބައިވެރިވެފައެވެ. ޔޫތު މިނިސްޓްރީން ކުރިއަށްގެންދާ މި މަހާސިންތާގައި ކަރުދާސް ހުށައަޅައިގެން 8 ފަރާތަކުން ސެޝަންތައް ކުރިއަށްގެންދިޔުމަށްވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި މޯލްޑިވްސް ޕޮލިސް ސަރވިސާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯހާއި ޔޫއެންޑީޕީއާއި އިސްލާމިކް ޔުނިވަރސީޓީއާއި ހިއުމަން ރައިޓްސް ކޮމިޝަނާއި ޓްރާންސްޕޭރެންސީ މޯލްޑިވްސާއި ތަފާސްހިސާބާ ބެހޭ ޤައުމީ މަރުކަޒާއި އެލްޖީއޭ ހިމެނެއެވެ. މި މަހާސިންތާގެ ތެރެއިން ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ބާރުއަޅާ ގިނަ ޙަރަކާތްތައް ހިންގުމަށްވަނީ ހަމަޖެހިފައެވެ.



ކިޔުންތެރިންގެ ހިޔާލު