ގއ. ކޮނޑޭ ސްކޫލްގައި މަސައްކަތް ކުރާ އިންޑިއާ ޓީޗަރަކު އިސްލާމް ދީނާއި ހިލާފު ކަންތައްތަކެއް ހިންގިކަމަށް ބުނެ އެރަށު ސްކޫލްގެ ބެލެނިވެރިންތަކެއް ފެތުރި ވާހަކަތައް އެޑިއުކޭޝަން މިނިސްޓްރީން ދޮގުކޮށްފިއެވެ.

ބެލެނިވެރިންނާ ހަވާލާދީ ބައެއް ނޫސްތަކުން ބުނެފައިވަނީ ކޮނޑޭ ސްކޫލްގައި މަސައްކަތްކުރާ ޓީޗަރަކު ދަރިވަރުންނަށް ލައްވާ ކަރުދާހުން ކްރިސްމަސް ގަސްތަކެއް ހައްދުވައި އެހެން ޓީޗަރަކު އިސްލާމް ފޮތް އެއްލާލައި އިސްމާދީނަށް އިހާނެތިވާ ގޮތަށް ކަންތައްތަކެއް ކޮށްފައިވާ ކަމަށެވެ.



މިގޮތުން އެ ސުކޫލުގެ ބިދޭސީ ޓީޗަރެއް ކްރިއޭޓިވް އާޓްސް ގަޑީގައި ދަރިވަރުން ލައްވާ ކްރިސްމަސް ގަހެއް ހެދުވި ކަމަށް ބައެއް ބެލެނިވެރިން ބުނަމުންދާއިރު، އެ ސުކޫލުގެ އިނގިރޭސި މުދައްރިސަކު އިސްލާމް ފޮތެއް އެއްލާލައި، އެއީ ނަރަކަވަންތަ ފޮތެއް ކަމަށް ބުނި ވާހަކައެއްވެސް ވަނީ ފެންމަތިވެފައެވެ. އަދި މިކަން ކުރި ދެ ޓީޗަރުންނަށް ފިޔަވަޅު އެޅުމަށް ބެލެނިވެރިން ވަނީ ގޮވައިލާފައެވެ.

މީޑިއާއަކަށް މައުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ ވިދާޅުވީ ބެލެނިވެރިން ދައްކަމުން އަންނަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި، ކްރިއޭޓިވް އާޓްސް ގަޑީގައި ހަދައިފައިވަނީ ކްރިސްމަސް ގަހެއް ނޫން ކަމަށެވެ. އެއީ އެފަދަ ގަހެއް ކަމަށް ދަރިވަރުން ގާތުގައި ވެސް ޓީޗަރަކު ބުނެފައި ނުވާ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

އަހުމަދު ވިދާޅުވީ ކްރިސްމަސް ގަހެއް ކަމަށް ބުނެ ދައްކަމުން އަންނަނީ "ބެންޔަން ޓްރީ" އެއްގެ ކްލިޕްއާޓެއް ބަލައިގެން ހެދި ގަހެއް ކަމަށެވެ.

މީގެއިތުރުން ކޮނޑޭ ސުކޫލުގެ ބިދޭސީ މުވައްޒަފަކު އިސްލާމް ފޮތް އެއްލައިލި ކަމަށް ބުނާ މައްސަލަ ބެލިއިރު، އެ ފޮތްތައް ބިންމައްޗަށް ވެއްޓުނީކަން އެނގިފައިވާ ކަމަށްވެސް އަހުމަދު އަލީ ވިދާޅުވެފައިވެއެވެ. އަދި އެ ޓީޗަރު އިސްލާމް ފޮތަކީ "ނަރަކަވަންތަ" ފޮތޭ ކިޔައިގެން ވާހަކަ ނުދައްކާކަންވެސް އެނގިފައިވާކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ. ނަމަވެސް ކޮނޑޭ ސްކޫލުން މިކަމާ ބެހޭގޮތުން ރަސްމީކޮށް ބަހެއް ބުނެފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު


-1

ނަޖްވާ

09-Dec-2021

ދެން އެވީ ޓީޗަރުގައިގަ ތަޅާ ދުންކާލި އަރުވާލަންތަ! ކިހިނެތް ވެފަ ތިބޭ ބަޔެއްތަ އަހަރުމެންނަކީ އަޅެ ފަހެ!