ކުރީގެ ރައީސް އަބުދު ﷲ ޔާމިންގެ ވެރިކަމުގައި ރައީސް އިބްރާހިމް މުހަންމަދު ސޯލިހްގެ ކަޅުދަބަހުގެ ތުހުމަތުގެ މައްސަލަ ނުބެލީ ކީއްވެތޯއޭ ވިދާޅުވެ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އިބްރާހިމް ދީދީ ސުވާލު އުފައްދަވައިފިއެެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ދީދީ މިހެން ވިދާޅުވީ، ރައީސް އިބްރާހިމް މުހަންމަދު ސޯލިހް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރަކަށް ހުންނެވިއިރު ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބު އަރިހަށް ވަޑައިގެން ކަޅުދަބަހެއްގައި 37 މިލިއަން ރުފިޔާ އުފުލުކަމަށް ކުރާ ތުހުމަތު ބަލަން ރައީސް އަބުދު ﷲ ޔާމިން ގޮވާލެއްވުމާއި ގުޅިގެންނެވެެ.

އެކަމަށް އިޝާރަތް ކުރައްވައި ކުރީގެ މަޖިލިސް މެމްބަރު އިބްރާހިމް ދީދީ ވަނީ ހުރިހާ އާރަކާއި ބާރަކާއެކު ވެރިކަމުގައި ހުންނެވިއިރު ރައީސް ސޯލިޙްގެ ކަޅުދަބަހުގެ މައްސަލަ ނުބެއްލެވީ ކީއްވެތޯ ސުވާލު އުފައްދަވާފައެެވެ.



"މިހާރު ދެން ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ވާހަކަ ދައްކަނީ ކީއްކުރައްވަންތޯ؟" 37 މިލިއަން ރުފިޔާ އެއްފަހަރާ އުފުލުމަކީ އިންސާނަކަށް ކުރެވޭނެ ކަމެެއް ނޫން ކަމަށް ވިދާޅުވެ ރައީސް ސޯލިހަށް ކުރާ ކަޅުދަބަހުގެ ތުހުމަތު ދިފާއުކުރަށްވައި އަދާލާތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސް ޑރ. މުހަންމަދު އިޔާޒް ވިދާޅުވި ވާހަކަތަކާއި ގުޅިގެން ރަސްއޮންލައިނުން ޝާއިއު ކުރި ޚަބަރެއް ހިއްސާކުރައްވަމުން އިބްރާހިމް ދީދީ ސުވާލު ކުރެއްވިއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި އިދިކޮޅުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އަބުދު ﷲ ޔާމިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބިވަޑައިގެންފައިވާ ކަމަށް ކުރެވޭ ތުހުމަތުތައް ބަލަން ޖެހޭ ކަމަށާ އެކަން ބެއްލެވުމަށް އެންގެވުމުގެ ހިތްވަރު ރައީސުލްޖުމްހޫރިއްޔާގެ ކިބައިގައި ހުންނަން ޖެހޭ ކަމަށެވެ. އެހެން ނަމަވެސް ރައީސް ސޯލިހްގެ އާއިލީ ބޭފުޅަކު ކޮމިޝަނަރު އޮފް ޕޮލިހަކަށް ބަހައްޓަވައިގެން އެކަން ކުރަށްވާނީ ކިހިނެތްތޯ ރައީސް ޔާމިން ސުވާލު އުފެއްދެވިއެެވެ.

"ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި އަޅުގަނޑު ހުރެގެން އަޅުގަނޑުގެ މައްޗަށް އެފަދަ އިލްޒާމެއް އުުފުލިއްޖެނަމަ އަޅުގަނޑު އަންގާނަން އެކަމެއް ތަހުގީގު ކުރަން. ތަހުގީގު ކުރަން ޖެހޭނެ. އެހެންވީމަ ޑިމޮކްރަސީގެ ނަމޫނާ ދައްކަވައިގެން ޒީރޯ ބޮޑު ޓޮލަރެންސްގެ ދަށުން އެ މައްސަލަ ބަލަން އަންގަންވީނުތޯ؟" ރައީސް ޔާމީން ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން 37 މިލިއަން ރުފިޔާ ރައީސް ސޯލިހަށް ލިބިވަޑައިގެންނެވި ކަމަށް ވިދާޅުވެ އެމަނިކުފާނަށް ފާޅުގައި އެތުހުމަތުކުރީ ޖިންސީ ގޯނާގެ ސީރިއަސް ތުހުމަތުތަކެއްގައި މަގާމުން ވަކިކުރި މިސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ. އަލީ ވަހީދު ވަނީ ރައީސް ސޯލިހު ފައިސާ ގެންދަވާ ވީޑިއޯގެ ފުޓޭޖުވެސް ހުންނާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.



ކިޔުންތެރިންގެ ހިޔާލު