ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުވުމާއި ގުޅިގެން ދައުލަތަށް ދައްކަން ޖެހުނު 5 މިލިއަން ޑޮލަރު ހޯދަން އެޓާނީ ޖެނެރަލްގެ ފަރާތުން ކޯޓަށް ހުށަހެޅި މައްސަލަ ބާތިލްކޮށްފިއެވެ.

ވޮޑަމުލާ މައްސަލައިގައި 5 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށް، 5 މިލިއަން ޑޮލަރު 6 މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް އޮތީ ކުރިން ހުކުމްކޮށްފައެވެ.

އޭޖީގެ ފަރާތުން މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ ހަ މަސް ދުވަހުގެ ތެރޭ ފައިސާ ދައްކާފައިނުވާތީ ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ 50 ވަނަ މާއްދާގެ (ބ)ގެ ދަށުން އެ ހުކުމް ތަންފީޒުކޮށްދިނުމަށް އެދިއެވެ.

ނަމަވެސް މިދިޔަ އަންގާރަދުވަހު ސުޕްރީމް ކޯޓުން ވަނީ ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ އެ ހުކުމް ބާތިލްކޮށްފައެވެ.

އޭޖީ އޮފީހުގެ އޮފިޝަލެއް ވިދާޅުވީ ޔާމީނަށް ކުރި ހުކުމް ބާތިލް ކުރުމާއެކު އޭޖީ އޮފީހުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަވެސް، ނިޒާމުގެ ތެރެއިން ބާތިލްވެގެން ދާނެ ކަމަށެވެ. އަދި އެ މައްސަލަ އެ އޮފީހުން އިސްވެ، އަބުރާ ނަގަން ނުޖެހޭނެ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

ސިވިލް ކޯޓުން ބުނީ ސުޕްރީމް ކޯޓުން ހުކުމް އިއްވެވުމުން ދައުލަތުން ހުށަހެޅި މައްސަލަ ބާތިލްކޮށްފައިވާކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު