އެޗްޑީސީއަށް ދޫކޮށްފައިވާ ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކޮށް މާލޭ ސިޓީކައުންސިލުގެ ދަށައް ގެންނަން ފާސްކޮށްފިއެވެ.

އެގޮތަށް ފާސްކުރީ މިއަދު ބޭއްވި މާލޭ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 30 ވަނަ އާންމު ޖަލްސާގައެވެ. އެގޮތަށް ފާސްވީ ސިޓީކައުންސިލްގެ 12 މެމްބަރުންގެ އަޣުލަބިއްޔަތުންނެެވެ. އިދިކޮޅު ޕީޕީއެމްގެ މެޖޯރިޓީ އޮންނަ މާލޭ ސިޓީކައުންސިލްގެ އެ ޖަލްސާއަށް ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލްކޮށް ސިޓީކައުންސިލްގެ ދަށައް ގެންނަން ހުށައެޅުއްވާފައިވަނީ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އެވެ.

އެޗްޑީސީ އަކީ ހުޅުމާލޭގެ ކަންކަން ބެލެހެއްޓުމަށް ރައީސްގެ ގަރާރަކުން އުފައްދާފައިވާ ކުންފުންޏެއްކަން ފާހަގަކޮށްލެވެއެވެ. މިހާތަނަށް ހުޅުމާލެ ބެލެހެއްޓުމުގެ މަސައްކަތް ކުރަމުންދިޔައީ އެޗްޑީސީންނެވެ. އެހެން ނަމަވެސް އަލަށް ހުވާކުރި މާލޭ ސިޓީ ކައުންސިލުން ބުނާގޮތުގައި ހުޅުމާލެ އަކީ ސިޓީކައުންސިލްގެ އިހްތިސާސް ހިގާތަނެއް ކަމަށެވެ.

މިމައްސަލައިގައި އެޗްޑީސީއާއި މާލޭ ސިޓީކައުންސިލުގެ ކޯޅުން ބޮޑުވެފައިވަނިކޮށް މައްސަލަ އިތުރަށް ގޯސްވީ އިދިކޮޅު ޕީޕީއެމުން ހުޅުމާލޭގައި ޖަލްސާ އެއް ބާއްވަން އުޅުމުން އެ ޖަލްސާ އެޗްޑީސީގެ ހުއްދަ ނެތި ނުބޭއްވޭނެކަން އެކޯޕަރޭޝަނުން އެންގުމުންނެެވެ. އެޗްޑީސީން ބުނީ އެ ޖަލްސާ ބޭއްވޭނީ އެޗްޑީސީގެ ހުއްދަ ލިބިގެން ކަމަށެވެ. އެހެން ނަމަވެސް މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ސޮއިކުރައްވައި ފޮނުއްވި ސިޓީއަކުން ވަނީ ޕީޕީއެމުން ޖަލްސާ ބާއްވަން ހުއްދަ ދީފައެވެ.

ޕީޕީއެމުން ބުނީ އެޕާޓީގެ ޖަލްސާ ހުޅުމާލޭގައި ބާއްވަން އެޗްޑީސީން ހުއްދަ ހޯދަން ނުޖެހޭނެ ކަމަށާއި، މިހާރު ތާވަލް ކޮށްފައިވާ ގޮތަށް އަންނަ ހުކުރު ދުވަހުގެރޭ ހުޅުމާލޭގައި ޖަލްސާ ބާއްވާނެ ކަމަށެވެ. އެޗްޑީސީން މިހާރު ވަނީ އެކޯޕަރޭޝަނުގެ ހުއްދަ ނެތި ހުޅުމާލޭގައި އެއްވެސް ފަރާތަކުން ހަރަކާތެއް ހިންގާނަމަ އެކަން ހުއްޓުވައި ދިނުމަށް ފުލުހުންގެ ކިބައިން އެދިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހުޅުމާލެ އެޗްޑީސީގެ ދަށަށް ބަދަލުކޮށް އެކުންފުނީގެ ތަނެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްދިނީ މުޢިއްޒުގެ ހައުސިންގ މިނިސްޓަރު ކަމުގެ ދަށުގައި ނިމިދިޔަ ވެރިކަމުގައެވެ.



ކިޔުންތެރިންގެ ހިޔާލު