އަހުމަދު މަސްނޫމް   10 ޑިސެމްބަރު 2021 - 0:32
ހުޅުމާލެ ފޭސް ދޭކުން މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރަން ނިއްމާފައިވާ ކަމަށް މޭޔަރު ޑރ. މުހަންމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މާލޭގެ މޭޔަރު ޑރ. މުއިއްޒު މިހެން ވިދާޅުވީ އޭސީސީން ބަލަމުންދާ މައްސަލައަކާއި ގުޅިގެން އެކޮމިޝަނަށް ހާޒިރުވެވަޑައިގެންނެވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ. މާލޭގެ މޭޔަރު ޑރ. މުހަންމަދު މުއިއްޒު ވިދާޅުވީ، އަމާޒަކީ މާލޭގެ ރައްޔިތުންނަށް ހުޅުމާލެއިން ގޯތި ދިނުން ކަމަށެވެ. އެގޮތުން ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭކުން މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ސިޓީކައުންސިލުން މަސައްކަތް ކުރާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

"ރަޖިސްޓްރީ ބާތިލްކޮށްގެން އެކަން ކުރެވޭނީ އިރާދަކުރެއްވިއްޔާ މި ނިއްމި ނިންމުމުގެ ދެން އޮތް މަރުހަލާއަކަށްވާނީ، އަޅުގަނޑުމެން ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން ގޮސް ޚާއްސަކޮށް ހުޅުމާލެ ފިޔަވަހި ދޭކުން މާލޭގެ ރައްޔިތުންނަށް ގޯތި ގެދޮރު ދޫކުރަން ކުރަންޖެހޭ މަސައްކަތް އަޅުގަނޑުމެން ފަށާނަން. އެކަން ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތް ފަށަން މިވަނީ ނިންމާފަ." ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މޭޔަރު ޑރ. މުއިއްޒު ވިދާޅުވީ، ލަސްތަކެއް ނުވެ ހުޅުމާލޭގެ ދެވަނަ ފިޔަވަހިން މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. އަދި ފޭސް އެކަކުން ވެސް ޖާގަ އޮތް މިންވަރަކުން މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މާލޭ ސިޓީކައުންސިލުން މިހާރު ވަނީ އެޗްޑީސީއަށް ދޫކޮށްފައިވާ ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގެ ރަޖިސްޓްރީ ބާތިލްކޮށް ސިޓީ ކައުންސިލްގެ ދަށައް ހުޅުމާލެ ގެންނަން ފާސްކޮށްފައެވެ. މާލޭ ސިޓީކައުންސިލުން ވަނީ ގެޒެޓްގައި އެކަން އާންމުކޮށް އިއުލާންވެސް ކޮށްފައެވެ. މާލޭ ސިޓީކައުންސިލުގެ އެނިންމުން ގާނޫނާއި ޚިލާފު ކަމަށް ބުނެ ހުޅުމާލެ ބަލަހައްޓަމުންދާ އެޗްޑީސީން މިހާރު ވަނީ އެމައްސަލަ ސިވިލް ކޯޓަށް ހުށައަޅާފައެވެ. އަދި މާލޭ ސިޓީކައުންސިލުން ރަޖިސްޓްރީ ބާތިލްކުރުމަށް ނިއްމި ނިއްމުމަށް އަމަލު ކުރުން ފަސް ކުރުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް ވެސް އެޗްޑީސީން ވަނީ އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު