ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބިނާކުރި މަސްޖިދު އަބީ ބަކްރިއްސިއްދީޤް މިސްކިތް ހުޅުވައިފިއެވެ.

މި މިސްކިތް ހުޅުވައިދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. އަޙްމަދު ޒާހިރު އަލީއެވެ. މިއީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުޅުވި ދެވަނަ މިސްކިތެވެ.

600 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ މި މިސްކަތަކީ ދައުލަތުގެ ބަޖެޓުން 4.3 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހަދާފައިވާ މިސްކިތެކެވެ.





މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ މި މިސްކިތަކީ ހިޔާ ފްލެޓް ސަރަޙައްދުގައި އުޅުއްވާ ބޭފުޅުންނަށް ފަސޭހަކަމާއެކު ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ބިނާ ކުރި މިސްކިތެއްކަމަށެވެ. އަދި މިސްކިތްތައް އިމާރާތްކުރުމަކީ ވަރަށް މުހިއްމު ކަމެއްކަމަށާއި މިސްކިތްތައް ޒީނަތްތެރިކޮށް ބެލެހެއްޓުމަކީ ވެސް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭންޖެހޭ ކަމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި މިސްކިތުގައި އަންހެނުންނަށް ވަކިން ވުޟޫ ކުރުމާއި، ނަމާދުކުރެވޭނެ ގޮތްވަނީ ހަމަޖައްސާފައެވެ.

ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން މި މިސްކިތް ބިނާކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 19 ސެޕްޓެމްބަރ 2019 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު