ރާއްޖޭގައި އެކި ކުށްތަކަށް އަރައިގަންނަ މިންވަރު ގިނަވުމާއި ގުޅިގެން، ކުށް މަދުކުރުމަށް ސިފައިންނާއި ފުލުހުން ނެރެން ހިތަދޫ މެދުދާއިރާގެ ކުރީގެ މެމްބަރު އަދި ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް ދީދީ ގޮވާލައްވައިފިއެވެ.

ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް ދީދީ މިހެން ވިދާޅުވެފައި މިވަނިީ ރާއްޖޭގައި ކުރިން އާއްމުވެފައި ނުވާ ބައެއް ކުށްތައް ރާއްޖޭގައި މިހާރަކަށް އައިސް އާއްމުވެ، ގިނަވަމުންދާކަމަށް ފުލުހުން ބުނުމާއި ގުޅިގެނެވެ. މިގޮތުން މީހުން ރަހީނުކުރުމާއި ބިރުދައްކައިގެން ފައިސާ ފޭރުންފަދަ ކަންކަން އިތުރުވަމުންދާކަމަށް ފުލުހުން ވަނީ ރޭ ބުނެފައެވެ.

މިކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުން ޖެނެރަލް ރިޓަޔަރޑް ދީދީ ވިދާޅުވީ ރާއްޖޭގެ ހާލަތު އެންމެ ކުށް ގިނަ މެކްސިކޯގެ ހާލަތަށް ވެއްޓެމުންދާކަމަށެވެ. އަދި އެއީ ހިތާމަހުރި ކަމެއްކަމަށް ދީދީ ވިދާޅުވިއެވެ.

ދީދީ ވަނީ ރާއްޖޭގެ އިންޓެލިޖެންސަށް ބޮޑެތި ހަރަދުތައް ކުރާއިރު، އެކަމުން ނަތީޖާއެއް ނުފެންނަކަމަށާއި، އެއީ ކީއްކުރަން ހިންގާ އިންޓެލިޖެންސް މަސައްކަތެއްތޯ ވިދާޅުވެ ސުވާލު އުފައްދަވާފައެވެ.

"އަޅުގަނޑަށް ނުވިސްނޭ ބޮޑު ހަރަދުކޮށްގެން ހިންގާ އިންޓެލިޖެންސް މަސައްކަތް އެއީ ކޮންކަމެއް ހިންގާތޯ ބަލަން ކުރާ ކަމެއް ބާވޭ؟ ކްރައިމް ޕްރިވެންޝަން އެއީ ނެތް ކަމަކީތޯ؟" ދީދީ ވިދާޅުވިއެވެ.

ދީދީ ވަނީ ސިފައިންނާއި ފުލުހުން ނެރެގެން ކުށްމަދު ކުރުމަށް ޑިފެންސް މިނިސްޓަރާއި ހޯމް މިނިސްޓަރަށް ގޮވާލައްވާފައެވެ.

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީޕް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ރޭ ވިދާޅުވީ ބިރުދައްކައިގެން ފޭރުމާއި ބްލެކްމެއިލްކޮށްގެން ފައިސާ ހޯދުމުގެ މައްސަލަތައް ހުށައަޅާ މިންވަރު އިތުރުވަމުން އަންނަކަމަށެވެ. އަދި މިބާވަތުގެ ކުށްކުރާ މީހުންގެ ޓާގެޓަކަށް ވެފައި އޮތީ ޚާއްސަކޮށް އުމުރުން ދުވަސްވީ މީހުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޝިފާއު ވިދާޅުވީ މިފަދަ ކަންކަން ކުރަމުން އަންނަނީ މީގެ ކުރިންވެސް ވައްކަމާއި ފޭރުމާއި މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ އަދި ކުށުގެ ރެކޯޑް އޮންނަ ފަރާތްތަކުންކަމަށެވެ. އަދި މިފަދަ މައްސަލަތަކުގައި އުމުރުން 18 އަހަރު ނުވާ ކުޑަކުދިންވެސް ބައިވެރިވަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު