އެމް.ޑަބްލިޔު.އެސް.ސީއިން އއ. މަތިވެރީގެ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ ޢަމަލީ މަސައްކަތް އިފްތިތާޙްކޮށްފިއެވެ.

މަތިވެރީގެ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަޝްރޫއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޑަބްލިޔު.އެސް.ސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

މިމަޝްރޫޢުގެ މަސައްކަތް ރަސްމީކޮށް އިފްތިތާޙް ކޮށްދެއްވާފައިވަނީ، މަތިވެރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހާއި، މޯލްޑިވްސް ޕޯސްޓް ލިމިޑެޓްގެ ޗެއާމަން މުޙައްމަދު އަބްދު اللهއާއި، މަތިވެރި ދާއިރާގެ ޢިއްޒަތްތެރި މެންބަރ ޙަސަން ޒަރީރް އަދި މަތިވެރި ކައުންސިލުގެ ރައީސް އަޙްމަދު އަސްލަމެވެ.

އެމް.ޑަބްލިޔު.އެސް.ސީން ބުނީ މި މަޝްރޫޢުގެ ދަށުން ފެނުގެ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މަތިވެރިއަށް ފޮނުވައި، ފެނުގެ ނިޒާމްގެ ހޮޅިވަޅުލުމުގެ މަސައްކަތް ކުރުން ކުރިއަށްދާކަމަށެވެ.

މަތިވެރީގެ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަޝްރޫޢުގެ ދަށުން މަތިވެރީގައި 86.6 ކިލޯމީޓަރ ގެ ދިގު ފެންހޮޅީގެ މައި ނެޓްވޯރކް ޤާއިމް ކުރުމާއި އާރ.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި 2 އާރް.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 3 ތާނގީ ބެހެއްޓުން ހިމެނެއެވެ. މީގެ އިތުރުން، ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެއެވެ. އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނު މިމަޝްރޫޢުގެ ދަށުން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

83.38 މިލިއަން ދިވެހި ރުފިޔާގެ މިމަޝްރޫޢުގެ މަސައްކަތް ނިމުމުން މަތިވެރީ ގެ ރައްޔިތުންނަށް ރައްކާތެރި ސާފުބޯފެނުގެ ނިޒާމެއް ލިބިގެންދާނެކަމަށް އެމް.ޑަބްލިޔު.އެސް.ސީން ހާމަކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު