އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް، އަހުމަދު ޝަރީފަކީ ރާއްޖޭގެ ޚާއިނުންގެ ތެރެއިން އަރާހުރި ޚާއިނެއް ކަމަށް އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބުދު ﷲ ޔާމިން މިރޭ ވިދާޅުވެއްޖެއެވެ.

ޕީޕިއެމުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އަބުދު ﷲ ޔާމިން ވިދާޅުވީ، ރާއްޖެ އަޅުވެތިވެ މިހާލަތަށް އައިސްފައިވަނީ ދައުލަތުގައި އިސްކޮށް ތިބި މީހުންނާއި މުވައްސަސާތަކުގެ އިސްކޮށް ތިބި މީހުންގެ ބޮޑުންގެ އިހުމާލުން ކަމަށެވެ. މިއީ ކަނޑައެޅިގެން އެނގި ތިބެ ހިންގި ޖަރީމާއެެއް ކަމަށާއި އޭގެ ތެރޭގައި ދިފާއީ ބާރުތަކުގެ މީހުން ހިމެނޭ ކަމަށްވެސް ރައީސް ޔާމިން ވިދާޅުވިއެވެ. ރައީސް ޔާމިން ވިދާޅުވީ، އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް އަހުމަދު ޝަރީފަކީ ނުވަތަ އީސީ ޝަރީފަކީ ޚާއިނުންގެ ތެރެއިން ވެސް އަރާހުރި ޚާއިނެއް ކަމަށެވެ.

"މިކަން ފެށުނީ 2018 ގައި އިންތިޚާބުން އަޅުގަނޑު ބަލި ނުކުރެވޭނެކަން ޔަގީންވި ހިސާބުން މިހުރިހާ ޗަރުކޭހެއް ކުޅެން ފެށީ، އެއީ މީގެ ހަގީގަތް. އަޅުގަނޑުމެން އީސީ ޝަރީފުގެ ނަން ގެންނަނީ ޒިކުރު ކުރާގޮތަށް އެއީ މިދެންނެވި މީހުންގެ ތެރޭގައި ހުރި އަރާހުރި ޚާއިނެެއް އެގޭނެ ކަންތައް ހިގާދިޔަ ގޮތް." ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް އިޝާރަތް ކުރައްވަމުން ރައީސް ޔާމިން ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޔާމިން ވިދާޅުވީ ރާއްޖެއަށް ނިކަމެތިކަން ގެނައީ ދިވެހި ރައްޔިތުން ނޫން ކަމަށެވެ. އެއީ ބޮޑު އަމާނާތެއް ހަވާލުކޮށްގެން މާތް ﷲ ގަންދީ ގާނޫނީ ހުވާކޮށްގެން ތިބި ބަޔަކު ޒިންމާއިން އެއްކިބާވެ ތިބެ އަމިއްލަ ފައިދާއަށް ކުރި ކަންތައްތަކުގެ ނަތީޖާ ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.

"ވެރިކަން ބަދަލުވެގެންދިޔަ ގޮތްް އިންތިޚާބު ބަދަލުވި ގޮތް ނޭގޭނެ އެއްވެސް މުވައްސަސާއެއްގެ މީހަކު ނުހުންނާނެ، އެމީހުން މިއަދު ރައްޔިތުންނަށް ޖަވާބުދާރީ ވާންޖެހޭ ﷲގެ ރަހުމަތުން މޭޒުގެ އަނެއްކޮޅުގައި ޕީޕީއެމް ތިބޭ ދުވަހެއްގެ މިކަމުގައި ހަގީގަތް ދިވެހި ރައްޔިތުންނަށް އެގޭނެ." ޕީޕިއެމް ވެރިކަމެއްގައި ނިމިދިޔަ ރިޔާސީ އިންތިޚާބު އޮޅުވާލި މައްސަލަ ބަލާނެ ކަން ހާމަކުރައްވަމުން ޔާމިން ވިދާޅުވިއެވެ.

އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް އަހުމަދު ޝަރީފަކީ ރައީސް ޔާމިން އެމަގާމަށް އައްޔަންކުރެއްވި ބޭފުޅެކެެވެ. ޝަރީފަކީ ރައީސް ޔާމިން އުފެއްދެވި ޕީޕަލްސް އެލަޔަންސް (ޕީއޭ)ގައި އެމަނިކުފާނާއި ވަރަށް އަރިހުގައި އުޅުއްވި ބޭފުޅެކެެވެ. ރައީސް ޔާމިނާއި ޝަރީފާއި ދެމެދު ހިތް ހަމަނުޖެހުން އުފެދުނީ ރިޔާސީ އިންތިޚާބުން ލިބިވަޑައިގެންނެވި ނާކާމިޔާބީއަށް ފަހުކަން ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު