ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ބޭރުކޮށްގެން ލިބޭ ފައިދާއަށްވުރެ ގެއްލުން ބޮޑުކަމަށް ޒުވާނުންނާއި އެމީހުންގެ އާއިލާތައް ގަބޫލުކުރާ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެެވެ.

މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މިހެން ވިދާޅުވީ، ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅު ޕީޕިއެމްގެ ޒުވާނުން އިސްނަގައިގެން މާދަމާ ހަވީރު ސައިކަލު ބުރެއް ބާއްވާނެކަން އިއުލާންކުރުމާއި ގުޅިގެންނެެވެ. އެހަރަކާތާއި ގުޅިގެން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ޝޯޝަލް މީޑީޔާގައި ހިއްސާކުރެއްވި ޕޯސްޓަރަކާއި ގުޅިގެން މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ އިންޑިޔާ އައުޓްވެގެން ލިބޭ ފައިދާ އަށް ވުރެ ގެއްލުން ބޮޑު ކަމަށް ޒުވާނުންނާއި އެމީހުންގެ އާއިލާތަކުން ގަބޫލު ކުރާކަމަށެވެ.

އާޒިމް ވަނީ ފިތުނަ ކުރުން ހުއްޓާލުމަށް އިދިކޮޅު ކޯލިޝަނަށް ގޮވާލައްވާފައެެވެ.



"ސިޔާސީ ފައިދާ ނެެގިއަސް ތީ ބޮޑުވަރު، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން އޮތީ އިންޑިޔާ އާއެކު މަސައްކަތް ކޮށްގެން ކަން ދިވެހި ޒުވާނުން ގަބޫލުކުރޭ." އާޒިމް ވިދާޅުވިއެެވެ.

އިންޑިޔާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން ހިންގާ ހަރަކާތްތަކަށް ރައީސް ސޯލިހް ނުސީދާކޮށް ރޭ ވަނީ ހޫނު ރައްދެއް ދެއްވާފައެެވެ. މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހަންމަދު ސޯލިހް ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު، އެއްގަމާއި ކަނޑާއި ވައިގެ މަގުން ބެލެހެއްޓޭވަރުގެ މަދަދެއް ރާއްޖެއަށް ލިބުމަކީ ކުށްވެރިން ރުހޭނެ ކަމެއް ނޫން ކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވީ ރާއްޖެ ހިމެނޭ އިންޑިޔާ ކަނޑުގެ ސަރަހައްދުގައި ބައިނަލްއަގްވާމީ ބޮޑެތި ޑްރަގް ނެޓްވޯކުތަކުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި ޓެރަރިޒަމާއި ވަގު ވިޔަފާރި އާއި ހަތިޔާރުގެ ޣައިރު ގާނޫނީ މުއާމަލާތުތައް ހިންގާ ފަރާތްތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ވެސް ހަރަކާތްތެރިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އެފަދަ އަމަލުތަށް ހިންގުމަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ދުލެއް ނުކުރެވޭނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ މިިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަކީ މަސްދޯނިފަހަރަށްވުރެ ޑްރަގު ބޯޓް ފަހަރު ގިނަވާން ދޫކޮށްލުން ނޫން ކަމަށެވެ.

"އެކަމެއް އަޅުގަނޑުމެން ނުކުރާނަން، ކުރިއަކަ ނުވެސް ދޭނަން." ރައީސް ސޯލިހް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު