ސަރުކާރަށްޓަކައި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނާއިބް ރައީސް ޑރ. މުޙައްމަދު އިޔާޒު ޢަބްދުއްލަޠީފު ކުރައްވާ ޓުވީޓުތަކުން ސަރުކާރުގެ މަޤުބޫލުކަން ގެއްލޭ ކަމަށް އެމްޑީޕީގެ ތަރުޖަމާން އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ މިއަދު ވިދާޅުވެއްޖެއެވެ.

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު މިހެން ވިދާޅުވީ، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު ވަކިނުކުރަން ނިންމައި އޭނާ ކޯޓުގައި ބެހެއްޓީ ޕީޕީއެމްގެ ބާރު ހިނގާ ޖުޑީޝަލް ސާވިސަސް ކޮމިޝަނަކުން ކަމަށް ވިދާޅުވެ ޑރ. އިޔާޒު ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުންނެވެ.

ދީނީ އިލްމްވެރިޔާ ޑރ. މުހަންމަދު އިޔާޒަށް އިޝާރަތްކުރައްވައި އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ އިޔާޒަކީ "ފޭކު އިންސާނެއް" ކަމަށެވެ. އަދި މީގެ ކުރިން ދުވަހަކުވެސް އަލީ ހަމީދުގެ މައްސަލާގައި ކަންބޮޑުވެގެން ދުލުކޮޅުން ހާމަކުރި އެއްވެސް ވާހަކައެއް ނެތް ކަމަށްވެސް އިންތި ވިދާޅުވިއެވެ.



އިންތި ވިދާޅުވީ އިޔާޒަކީ އެމްޑީޕީއަށް ބޭނުން މީހެއް ނޫން ކަމަށެވެ. އަދި ސަރުކާރަށްޓަކައި އިޔާޒު ކުރައްވާ ޓުވީޓުތަކުން ސަރުކާރުގެ މަޤުބޫލުކަންވެސް ގެއްލޭ ކަމަށް އިންތި ވަނީ ވިދާޅުވެފައެވެ.

މެމްބަރު އިމްތިޔާޒް ފަހުމީގެ ވާހަކަތަކަށް ޑރ. އިޔާޒް ވަނީ ނުސީދާކޮށް ރައްދު ދެއްވާފައެވެ. ޑރ. އިޔާޒް ވިދާޅުވީ، ‏ކޮންމެ ސަރުކާރަކުންވިޔަސް ރަނގަޅުކަމެއް ކޮށްފިނަަމަ އެކަން ބަލައިގަންނަން ޖެހޭކަމަށާއި، ހަމައެގޮތަށް ނުބައި ކަމެއް ކޮށްފިނަމަ އެކަން ހާމަކުރަންވެސްޖެހޭ ކަމަށެވެ.



"ވަކި ސަރުކާރަކަށް ތާޢީދު ކުރުމަކީ އެހެން ސަރުކާރުތަކުގެ ހުރިހާކަމެއް ގޯސްކޮށްފައި، ތާޢީދުކުރާ ސަރުކާރުގެ ހުރިހާކަމެއް ރަނގަޅު ކުރުމެއްނޫން." އިޔާޒް ވިދާޅުވިއެވެ.

ޑރ. އިޔާޒް އިތުރަށް ވިދާޅުވީ، ހަގީގަތް އޮޅޭގޮތަށް ވާހަކަ ދައްކާއިރު ހަގީގަތް ހާމަނުކޮށް ހަނުހުރުމަކީ ނުވަތަ ބަޔަކު ކިޔާފާނެ އެއްޗަކަށް ބިރުން ފިލުމަކީ ޚިޔާނާތެއް ކަމަށެވެ.



ރައީސް ސާލިޙު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެއްވި ޑރ. އިޔާޒަކީ ރައީސް ސާލިޙާއި އެމަނިކުފާނުގެ ސަރުކާރު ދިފާއުކޮށް އަބަދުވެސް ހައްގު ބަސް ވިދާޅުވާ ދީނީ އިލްމްވެރިއެެއްގެ ގޮތުގައި ފާހަަގަކޮށްލެވޭ ބޭފުޅެކެެވެ. އެގޮތުން ބައެއް ފަހަރު އެމްޑީޕީގެ ފިކުރަ ދެކޮޅަށް ފާޅުކުރަށްވާ ޚިޔާލުފުޅުތަކުގެ ސަބަބުން އެމްޑީޕީގެ އެކި މެންބަރުންގެ ނުރުހުމާއި ބަހުގެ ހަމަލާތައް ވެސް ޑރ. އިޔާޒަށް އަމާޒުވެއެވެ.



ކިޔުންތެރިންގެ ހިޔާލު