މަލިކަކީ، އިދާރީ ގޮތުން އިންޑިޔާގެ ޔޫނިއަން ޓެރިޓަރީ އޮފް ލަކްޝަދްވީޕް ނުވަތަ ލަކްޝަދީބުގައި ހިމެނޭ ރަށްތަކުގެ ތެރެއިން އެންމެ ދެކުނަށް އޮތް ރަށެވެ. މަލިކުގެ ދެކުނުން އެންމެ ކައިރީގައި އޮތް ހިކި ފަސްތަނަކީ ދިވެހިރާއްޖޭގެ ރަށްތަކެވެ. މަލިކާއި ދިވެހިރާއްޖެއާ ދެމެދު އޮތް ކަނޑަކީ އަށް ޑިގިރީ ކަނޑެވެ. ދިވެހިރާއްޖޭގެ އެންމެ އުތުރުގައި އޮތް ތުރާކުނާއި މަލިކާ ދެމެދު ހުރީ ގާތްގަނޑަކަށް 70 ނޯޓިކަލް މޭލެވެ.

ތާރީހު ބުނާގޮތުން މަލިކަކީ ދިވެހިރާއްޖޭގެ ބައެކެވެ. ނަމަވެސް އެކި ދުވަސްވަރު ހިނގާފައިވާ ކަންކަމުގެ ތެރެއިން އިންޑިއާއިން މަލިކު "ދަމައިގަތީ" އެވެ. ދިވެހިންގެ ތެރޭގައި މަލިކުގެ ވާހަކަ ދެއްކިނަމަވެސް މަލިކު ރާއްޖެ އަތުން ބީވެގެން ދިޔަ ގޮތުގެ ވާހަކައަކީ "ނުދައްކާ ވާހަކަ"އެކެވެ.

1982 ވަނަ އަހަރު މިނިވަން ދުވަހުގެ މުނާސަބާތުގައި އޭރުގެ މިނިސްޓަރ އަދި ރައީސް މައުމޫނާއި ރައީސް ޔާމީންގެ އެއްބަފާ، މަރުހޫމް އަބްދުﷲ ހަމީދު ވަނީ މަލިކަކީ ރާއްޖޭގެ ބައެއްކަމަށް ދޭހަވާފަދަ ގޮތަކަށް ވާހަކަ ދައްކަވާފައެވެ. އެކަމާއި ގުޅިގެން އިންޑިއާއިން ކެކިއަރައިގަނެ، އެކަމާއި ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރިއެވެ. އެންމެފަހުން އޭރުގެ ރައީސުލްޖުމްހޫރިއްޔާ، މައުމޫނަށް ޖެހިވަޑައިގެންނެވީ އެ ވާހަކަތައް އެ ނޫން ގޮތަކަށް ތަރުޖަމާކޮށްދެއްވާށެވެ. ނަމަވެސް މަރުހޫމް އަބްދުﷲ ހަމީދު ހެއްދެވި އިތުރުފުޅެއް ނޫނެވެ. ކޮންމެ ގޮތަކަށް ބެލިނަމަވެސް މަލިކަކީ ރާއްޖޭގެ ބައެކެވެ. ބަޔަކު އެތަން ފެލާލާފައި އޮތުން އެއީ މުޅިން އެހެންކަމެކެވެ.



މަލިކު ރާއްޖެ އަތުން ގެއްލިގެން ދިޔަ ވާހަކަ ސިޔާސީ ހަރުދަނާ ލީޑަރެއްގެ ފަރާތުން އެއްގޮތަކަށްވެސް ނީވެ ހުރެފައި، ކުއްލިއަކަށް ރޭގައި ޕީޕީއެމުން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވަނީ މަލިކު ރާއްޖެއަށް ގެއްލުނު ގޮތުގެ ވާހަކައަށް އަލިއަޅުއްވާލައްވާފައެވެ.

ރައީސް ޔާމީން ވިދާޅުވީ މަލިކަކީ ރާއްޖޭގެ ބައެއް ކަމަށާއި މަލިކުން ފެށިގެން އައްޑޫ އަތޮޅާއި ހަމައަށް އެއީ ރާއްޖެކަމަށެވެ.

"އިންޑިއާާއަށް ދަންނަވާލަން އޮތީ އިންޑިއާ ގަބޫލުކުރައްވާށޭ.. މިއީ އަޅުގަނޑުމެންގެ ގައުމު.. ކުރީގައި ރާއްޖެއިން އޮންނަނީ މަލިކުން ފެށިގެން އައްޑޫއާ ހަމައަށް.. މަލިކުން ފެށިގެން އައްޑޫއާ ހަމައަށް އޮންނަ ޖަޒީރާ ގައުމެއް ދިވެހިރާއްޖެއަކީ.. މަލިކައްޑޫ އަތޮޅު ދިވެހިރާއްޖޭގެ އަތޮޅަކީ." ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުގައި ވަނީ މަލިކު ގެއްލުނު ގޮތުގެ ވާހަކައިގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި މަލިކު ގެއްލުނު ގޮތުގެ ވާހަކަ ދެއްކިޔަސް، އިންޑިއާއިން ރުޅި އަންނަކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

"ކޮންހިސާބަކުންތޯ އަޅުގަނޑުމެންނަށް މަލިކު ގެއްލިގެން މިއުޅެނީ.. މިއީ ދައްކަން ފަސޭހަ ވާހަކައެއް ނޫން.. ކޮންމެ ރައީސަކު މިވާހަކަ ދެއްކެވިނަމަވެސް.. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކުރީގެ މަރުހޫމް އަބްދުﷲ ހަމީދު، އަޅުގަނޑުގެ ބޭބެ މިވާހަކަދެއްކީމަވެސް އިންޑިއާއިން ހިތްހަމައެއް ނުޖެހުނު." ރައީސް ޔާމީން ވިދާޅުވިއެވެ.



ރައީސް ޔާމީން ވިދާޅުވީ މަލިކުގެ ވާހަކައަކީ އެއްގޮތަކަށްވެސް ނުދައްކާ ދޫކޮށްލަންޖެހޭ ވާހަކައެއް ނޫންކަމަށެވެ.

"މިއީ އެކަމަކު އަޅުގަނޑުމެން ނުދައްކާ ދޫކޮށްލާނެ ވާހަކައެއް ނޫން.. މަލިކުއައްޑޫ އަތޮޅު އަޅުގަނޑުމެންގެ ރާއްޖެއަށް ކިޔަނީ... އެހިސާބުން ފެށިގެން އޮތީ އަޅުގަނޑުމެންގެ ވެރިކަން.. ކަންނަންނޫރު ވިޔަސް ހޮޅިން ވިޔަސް، އަދި މަލަބާރީންކަމަށްވިޔަސް، އައިސް އެކުރި ހަނގުރާމަތަކުގެ ތެރޭގައި އެތައް ކަންތައްތަކެއް ހިނގައިގެން ދިޔަ ވާހަކަ (ޓޮމް) އެ ވިދާޅުވީ.. އެއީ އަޅުގަނޑުމެންގެ ތާރީހު އޮތް ގޮތް.. އިސްތިއުމާރީ ބާރުތަކުން ލިބިފައި އޮތް އެއްޗެއް ލިބިފައި މިއޮތީ." ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ މަލިކުގެ ވާހަކަ ދައްކަނީ އެއްގޮތަކަށްވެސް މަލިކު އަތުލަން ވަކާލާތުކުރުމަށް ނޫންކަމަށެވެ. އެކަމަކު މިކަންކަން ދިވެހި ޒުވާނުންނަށް އެނގެންވާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެންމެ ކަންބޮޑުވަނީ މިހެން އަޅުގަނޑުމެންގެ ތަންތަން ގެއްލޭތީކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކަންބޮޑުވަނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭތީ.. އެއީ އެއްގޮތަކަށްވެސް ގަބޫލު ކުރެވޭނެ ކަމެއް ނޫން.. މިރޭވެސް އަޑަށް ލެވުނު ބާރެއް ލާފައި މި ބުނަނީ އިންޑިއާ އަސްކަރިއްޔާ ޖެހޭނީ ރާއްޖެއިން ފައިބާށޭ." ރައީސް ޔާމީން ވިދާޅުވިއެވެ.

ސިޔާސީ މުހުތާދެއްގައި ނަމަވެސް ރައީސް ޔާމިން މިދެއްކެވީ ރާއްޖޭގެ ވެރިންނަށް، ސިޔާސީ ބޭފުޅުންނަށް އަދި މޮޅެތި ތާރީޚު ދިރާސާ ކުރަށްވާ ކަމަށްބުނާ ބޭބޭ ފުޅުންނަށް ވެސް ދައްކަވަން އަދި ލިއުއްވަން ވެސް މާ ފަސޭހަ ވާހަކައަކަށް ނުވެއެވެ. އެހެން ކަމުން މަލިކަކީ ކޮބައިކަމާއި އެއީ ކޮންތަނެއް ކަމާއި މަލިކު ރާއްޖޭގެ ވެރިކަމުގެ ނިޒާމުގެ ތެރެއިން ގެއްލުނީ ކީއްވެގެންކަން މިއަދުގެ ޒުވާނުންނަށް ވެސް އަދި މެދު އުމުރުގެ ގިނަ މީހުންނަކަށް ވެސް ނޭނގެއެވެ. މަލިކުގެ ވާހަކަ ދައްކަވަން ކެރިވަޑައި ނުގަންނަވަނީ ރައީސް ޔާމިން އެވިދާޅުވި ގޮތަށް ބޮޑުބޭބެ ރުޅިއައިސްގެން "ކަންކަށިމަތީގައި އަޅާ ވިހެލަފާނެތީ" ތޯއްޗެކެވެ. އެއީ މާޒީގައި އެކަން ވެފައި އޮތް ގޮތެވެ. އެކަމަކު ގައުމެއްގެ ތާރީޚީ ހަގީގަތްތައް އެގައުމުގެ ދަރީންނަށް ކިޔައިދީ، ބުނެދިނުމަކީ ބަޔަކު ބިރުގަނެ ކަންބޮޑުވާން ވެސް ވީ ކަމެއް ނޫނެވެ. އަދި އެވާހަކަ ދައްކަނީއަކީ ބަދަލެއް ބޭނުން ވެގެން ނޫނީ އެކަން އިޔާދަ ކުރާކަށްވެސް ނުމެނޫންމެއެވެ. ގައުމީ ތަރިކައަކަށް ވާތީއެވެ. އަންނަން އޮތް ޖީލު ތަކުގެ ހައްގަކަށް ވާތީއެވެ.



ކިޔުންތެރިންގެ ހިޔާލު