އޭސީސީގެ މެމްބަރުން މިނިވަންކަމެއް ނެތޭ ބުނުމަކީ ޤަބޫލު ކުރެވޭނޭކަމެއް ނޫންކަމަށް ޓެންޑަރ ބޯޑުގެ ޗެއަރމަން އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

ޒަރިޔަންދު މިހެން ވިދާޅުވީ މިނިވަންކަމާއެކު މަސައްކަތްކުރާނެ ޖާގަނުލިބި ބޭނުންވާ ނަތީޖާ ނުނެރެވޭނެ ކަމަށް ވިދާޅުވެ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ، އެކޮމިޝަންގެ މެންބަރުންނަށް މިނިވަންކަމާއެކު މަސައްކަތް ކުރުމަށް ފުރުސަތު ނެތްކަން ހާމަވާ މޭރުމަކުން ވާހަކަފުޅުދެއްކެވެމުންނެވެ.

މިކަމާއި ގުޅިގެން ރާއްޖޭގެ އޮޑިޓް ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރެއްވި އަދި ޓެންޑަރ ބޯޑުގެ މިހާރުގެ ރައީސް އިސްމާއިލް ޒަރިޔަންދު ވިދާޅުވީ ޤާނޫނުއަސާސީގައި މިނިވަންކަން ކަށަވަރުކޮށްދީފައިވާ އެންޓިކޮރަޕްޝަން ކޮމިޝަންގެ މަސައްކަތްކުރުމަށް މިނިވަންކަމެއް ނެތޭ ބުނުމީ ޤަބޫލުކުރެވޭނެ ކަމެއް ނޫންކަމަށެވެ. އަދި މިނިވަންކަން ކަށަވަރުކުރެވޭނީ، މަޤާމުގެ ބިރެއްނެތި، ތެދުވެރި އަމާޒެއްގައި، ވަކިފަރާތެއްގެ މަންފާ އިސްނުކޮށް ކުރާ ހީވާގި މަސައްކަތުންކަމަށްވެސް ޒަރިޔަންދު ވިދާޅުވިއެވެ.



ގައުމީ އެންޓި ކޮރަޕްޝަން ޕޮލިސީ އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝިއުނާ ވިދާޅުވީ ކޮރަޕްޝަންގެ ޢަމަލުތައް މަދު ކުރެވޭނީ އެފަދަ ޢަމަލުތައް މިނިވަން ކަމާއެކު ތަޙްޤީޤު ކުރެވިގެން ކަމަށެވެ. އެކަމަށްޓަކައި ކޮރަޕްޝަންގެ ޢަމަލުތައް ތަޙުޤީޤު ކުރާ މުޢައްސަސާތަކަށް މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ޖާގަދޭން ޖެހޭނެ ކަމަށް ޝިއުނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ވަރަށް ބައިވަރު ޗެލެންޖެސްތަކާ އެކީގައި. އަޅުގަނޑު ބުނަން ބޭނުންވާ ވާހަކައަކީ އަޅުގަނޑުމެންނަށް މިނިވަންކަމާއެކު މަސައްކަތް ކުރަން ޖާގަ ދޭން ޖެހެއޭ." ޝިއުނާ ވިދާޅުވި އެވެ.

ޝިއުނާ ވިދާޅުވީ ކޮންމެ ބަޔަކު ކޮމިޝަންގައި މަސައްކަތްކުރި ނަމަވެސް ނަތީޖާ ނެރެވޭނީ ނިޒާމީ ބަދަލުތަކެއް އައިސްގެން ކަމަށާއި އެހެންނޫންނަމަ ކޮރަޕްޝަންގެ މައްސަލަތައް ޙައްލު ނުކުރެވޭނެ ކަމަށެވެ. ހަމަ އެހެންމެ ކޮމިޝަނަށް ބޭނުންވާ ވަސީލަތްތައްވެސް ލިބިދޭން ޖެހޭނެ ކަމަށް ޝިއުނާ ވިދާޅުވިއެވެ.

ޝިއުނާ މިމޭރުމުން ވާހަކަފުޅު ދައްކަވާފައި ވާއިރު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިހާރު ވަނީ އޭސީސީގެ ހުރިހާ މެންބަރުން މަޤާމުން ވަކިކުރުމުގެ މަސައްކަތް ފެށުމަށް ނިންމާފައެވެ. އެ ކޮމިޓީން އެގޮތަށް ނިންމާފައިވަނީ ކޮމިޝަންގެ މެންބަރުންގެ ޕާފޯމަންސް އޮޑިޓެއް ހެދުމަށްފަހު އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވޭ ކަމަށް ބުނުމަށްފަހުއެވެ.



ކިޔުންތެރިންގެ ހިޔާލު