އީކުއޭޓަރ ވިލެޖް
އީކުއޭޓަރ ވިލެޖް
ރާއްޖޭގެ ހުރިހާ ދިމާލަކުންވެސް މިއިވޭ އަޑަކީ ތަރައްގީގެ ދުވެލި މާބޮޑަށްވެސް ލަސްވާ ވާހަކައެވެ. އެހެނަސް ހުރިހާ ދިމާލެއްގައި ތަރައްގީގެ މަޝްރޫޢު ކުރިއަށްދާކަމަށް ސަރުކާރުން އެބަ ވިދާޅުވެ އެވެ. ހަގީގަތުގައި މިގޮތަށް މިވާހަކަ ދެކެވެނީ ރައްޔިތުންގެ އަތްމަތި ތަނަވަސް ނޫން ވީމައެވެ. ރަށުގައި ނުވަތަ އަތޮޅުގައި ދައުރުވާ ފައިސާ މަދުވީމަ އެވެ. ފައިސާ މަދުވަނީ ފައިސާ އެތެރެ ނުވާތީ އެވެ.

އެހެންކަމަށްވާނަމަ ތަރައްގީ އަކީ ހަމައެކަނި އުމްރާނީ ތަރައްގީއެއް ނޫނެވެ. ތަރައްގީ ވާން މިޖެހެނީ އިގްތިސާދީ ތަރައްގީއެވެ. ތަރައްގީގެ ކޮންމެ މަޝްރޫއެއް ހިންގި ކަމުގައި ވީނަމަވެސް، އޭގެ ސަބަބުން ވަޒީފާތައް އުފެދި އެތަނެއްގައި ދިރިއުޅޭ ގިނަ ރައްޔިތުންނަށް އެކަށީގެންވާ މުސާރަ އަކާއި އެކު ވަޒީފާގެ ފުރުސަތު ލިބެން ޖެހެއެވެ. އެހެން ނޫންނަމަ އަބަދުވެސް ރައްޔިތުންގެ ޝަކުވާއަކަށްވާނީ ތަރައްގީ ނުވާ ވާހަކަ އެވެ. ސަރުކާރުން އުމުރާނީ ތަރައްގީ ކުރައްވާއިރު ޕްރައިވެޓް ސެކްޓަރަށް އިގްތިސާދީ ތަރައްގީ ކުރުމަށް ފުރުސަތު ހުޅުވަން އެބަޖެހެއެވެ.

ރާއްޖޭގައި ވަޒީފާ އުފައްދާކަށް މާގިނަ ވަސީލަތް ތަކެއް ނެތެވެ. އެހެން ނޫނަސް ގިނަދިވެހިން ބޭނުންވަނީ "ވައިޓް ކޮލަރ" ވަޒީފާއެކެވެ. ނުވަތަ ފަތުރުވެރި ކަމަގެ ދާއިރާގެ ވަޒީފާއެކެވެ. އެފުރުސަތު ރާއްޖޭގެ ހުރިހާ ދިމާލެއްގައިމެ އެބަ އޮތެވެ. އެހެނަސް ވަޒީފާގެ ނިސްބަތަށް ބަލާއިރު މިދާއިރާގައިވެސް ގިނައީ ބިދޭސީންނެވެ. މިވެސް ޙައްލެއް ބޭނުންވާ ކަމެކެވެ.

ފަތުރުވެރި ކަމުގެ ސިނާއަތު ކުރިއެރުވުމަށް ރާއްޖޭގައި އެންމެ ދަތިގޮތަކަށް އަދި އޮތީ އައްޑޫ ސިޓީ އެވެ. އިންޓަނޭޝަނަލް އެއަރޕޯޓެއް އޮތްނަމަވެސް ފްލައިޓްތަކެއް ނާދެއެވެ. ފްލައިޓް އޮޕަރޭޓް ކުރާ ކޮންމެ ކުންފުންޏަކީވެސް ވިޔަފާރީގެ ނަފާއަށް ބަލައިގެން އޮޕެރޭޓް ކުރާ ކުންފުނި ތަކެވެ. އެހެން ކަމަށްވާނަމަ ކިތައްމެ ފައްކާ ބިޔަބޮޑު ވަރުގަދަ އެއަރޕޯޓެއް އޮތަސް އެތަނަކުން އެކަށީގެންވާ މަންފާ ނުލިބޭނަމަ ފްލައިޓްތަކެއް އޮޕަރޭޓެއް ނުކުރާނެ އެވެ. އެހެން ކަމުން އައްޑޫ ސިޓީގައި އެކަށީގެންވާ ބެޑް ކެޕޭސިޓީއެއް އެބަ އޮންނަން ޖެހެއެވެ.

އައްޑޫ އަކީ ހަގީގަތުގައި ފަތުރުވެރިންގެ މަންޒިލެއް ނޫނެވެ. މޯލްޑިވްސްއޭ ބުނީމަ ފަތުރު ވެރިޔާގެ ވިސްނުމަށް އަންނަނީ އައްޑޫގެ މާޙައުލެއް ނޫނެވެ. އެހެންކަމުން އައްޑޫއަށް ތަފާތު ފަތުރުވެރި ކަމެއް ފަށައިގަންނަން އެބަޖެހެ އެވެ. އައްޑޫ އަކީ ވަރަށް ނަލަ ނަލަ ރީތި ތަނެކޭ ބުންޏަސް އަދި ކަމަކު ނުދާނެއެވެ. ޚާއްސަކޮށް ބޮޑުއަގުގައި ރާއްޖެ އަންނަ ފަތުރުވެރިންނަށް އައްޑޫ އަކީ އެހާ ހިތްފަސޭހަ މަންޒިލެއް ނޫނެވެ. އައްޑޫގައި އުފައްދަން ޖެހެނީ އަގުހެޔޮ ފަތުރުވެރި ކަމަކެވެ. މޯލްޑިވްސް އާއި މުޅިން ތަފާތު ފަތުރުވެރި ކަމަކެވެ. މޯލްޑިވްސްގެ ނަން ބޭނުން ކޮށްގެން އައްޑޫގެ ފަތުރުވެރިކަން އިޝްތިހާރު ކޮށްގެން ލިބޭ ނަފާ ބޮޑުތަނުން މަދުވާނެ އެވެ. އައްޑޫ ސިޓީގައި ގާއިމު ކުރަން ޖެހެނީ އަގުހެޔޮ ތަފާތު ފަތުރުވެރި ކަމަކެވެ. ދުނިޔޭގެ މިފަދަ ތަފާތު ފަތުރުވެރިކަން ވަރަށް ފުރިހަމައަށް ހިނގާކަމީ ހަގީގަތެކެވެ.

ފަތުރުވެރި ކަމުގެ ވާހަކަ ދައްކާއިރަށް އައްޑޫ ކޮންމެ މީހެއްގެ ސިކުނޑިއަށް މިވަންނަނީ ގެސްޓް ހައުސް ވިޔަފާރި އެވެ. އެވެސް ހަމަ ރަނގަޅު ވިސްނުމެކެވެ. އެހެނަސް ހަމައެކަނި ގެސްޓްހައުސް ސްޓައިލަށް ހިންގައިގެން ބޭނުންވާ މިންވަރާ ގާތަށްވެސް ފަތުރުވެރިން ނުލިބޭނެ ކަމީ ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ. އެއަރލައިން ތަކުން ފްލައިޓްތައް އޮޕްރޭޓް ކުރުމަށް އެކަށީގެންވާ މިންވަރަށް އައްޑޫ ސިޓީގައި ބެޑް ކެޕޭސިޓީއެއް ނެތެވެ. ފުރަތަމަ ކުރަން ޖެހޭ ކަމަކީ އެކަން ކުރުމެވެ. އަގުހެޔޮ ފަސޭހައިން ސިޓީ ރިސޯޓުތައް އައްޑޫގައި ވަރަށް އަވަހަށް އުފައްދަން އެބަޖެހެއެވެ. އޭރުން ގެސްޓްހައުސް ވިޔަފާރިވެސް ފުޅާވެގެން ދާނެއެވެ. ގެސްޓްހައުސްތަކަށް އަންނަ ފަތުރުވެރިން މަދުވާނެއެވެ. އެހެންކަމުން އެފަދަ ފަތުރުވެރިންނަށް އަމާޒުކޮށްގެން ފްލައިޓްތަކެއް އޮޕަރޭޓެއް ނުކުރާނެއެވެ.

އެހެންކަމުން ސިޓީ ރިސޯޓުތައް ތަރައްގީ ކުރުމަކީ އައްޑޫސިޓީއަށް ވަރަށް މުހިއްމު ކަމަކެވެ. ތަރައްގީއަކީ އެތެރެވާ ފައިސާ އިތުރު ވުމުވެ. ފޮރިން ކަރެންސީ އިމްޕޯޓް ކުރުމެވެ. މިނޫންގޮތަކަށް އައްޑޫ ރައްޔިތުން ބޭނުންވާ އަވަސް ތަރައްގީއެއް ނައުން އެކަށީގެން ވެއެވެ. އައްޑޫގެ ތަރައްގީއަށް މަސައްކަތް ކުރާ ޖަމިއްޔާތައްވެސް މިހާރު އެބަހަރަކާތް ތެރިވެއެވެ. އެހެނަސް އެޖަމިއްޔާއިންވެސް އަސްލު މައްސަލަ ޙައްލު ކުރުމަށް މާބޮޑު މަސައްކަތެއް ނުކުރާ ކަމަށް އައްޑޫގެ ގިނަބަޔަކު ގަބޫލު ކުރެއެވެ. ދައްކަނީ އެއަރޕޯޓުގެ ވާހަކައެވެ. ފްލައިޓް ނުޖެއްސޭ ވާހަކަ އެވެ. މިއީ ހަގީގަތުގައި ދެވަނަޔަށް ދައްކަންވީ ވާހަކައެވެ. ސަބަބަކީ އައްޑޫގައި މިހާރު އޮތް އެއަރޕޯޓާއި އަދި ހުރި ޚިދުމަތްތަކުން މިހާރުވެސް އައްޑޫގެ ފަތުރުވެރިކަމަށް ޚިދުމަތް ދެވޭނެއެވެ.

ބޭނުންވަނީ ވީހާވެސް އަވަހަށް އައްޑޫގައި އަގުހެޔޮ ސިޓީ ރިސޯޓްތައް ގާއިމު ކުރުމެވެ. މިހާރު އެފަދަ ރަނގަޅު މޮޑެލްއެއް އައްޑޫގައި އެބައޮތެވެ. އެއީ އީކުއޭޓަރ ވިލެޖެވެ. މިފަދަ މޮޑެލްއަކަށް އައްޑޫ ސިޓީ ގަމުގައި އިތުރު ސިޓީ ރިސޯޓުތައް އުފެއްދިއްޖެ ނަމަ އައްޑޫ ރައްޔިތުން ބޭނުންވާ ހަގީގީ ތަރައްގީގެ މަލަމަތި ފެނިގެންދާނެއެވެ. މިކަމުގައި އަޅުގަނޑުގެ ވިސްނުން ޙިއްސާކޮށްލާނަމެވެ. ފަހަރުގައި މިފަދަ ކަންކަމަށް އަޅުގަނޑަށްވުރެން ފުންނާބުއުސް ބޭފުޅުން ތިބެދާނެއެވެ.

އީކުއޭޓަރ ވިލެޖް

އީކުއޭޓަރ ވިލެޖްގައި މިހާރު ހުރީ 78 ކޮޓަރިއެވެ. އެއީ ޖުމުލަ 156 އެނދެވެ. އެތަނުގައި އިތުރު 25 ކޮޓަރި އެޅޭނެ ޖާގަ އެބައޮތެވެ. މޫދަށް ކުރިމަތި ވާގޮތަށް، 25 ކޮޓަރި އިތުރު ކޮށްލުމުން އެތަނުގެ ޖުމުލަ އެނދުގެ އަދަދު 206 އަކަށް ބަދަލު ވީއެވެ.

ދޫގަސް

ދޫގަހަކީ ކުރީގެ ރައީސް މައުމޫނުގެ ޒަޢާމަތުގައި ސަރުކާރުގެ ގެސްޓްހައުސް އެއްގެ ގޮތުގައި ހިންގާފައިވާ ތަނެކެވެ. ނަމަވެސް ކުރީގެ ރައީސް ނަޝީދުގެ ޒަޢާމަތުގައި އެތަން ސިޓީ ހޮޓެލަކަށް ބަދަލު ކުރެވުނެވެ. ނަމަވެސް އެތަން ހިންގަން ހަވާލުވި އެމްވީކޭއިން އެތަނުގެ އޮޕަރޭޝަން، ދިމާވި ސަބަބުތަކާއި ހުރެ ކުރިއަށް ނުގެންދެވުނެވެ. އަޅުގަނޑުގެ ތަސައްވަރަކީ އެތަން އަލުން ޑިޒައިންކޮށް އަދި ސްވިންމިންޕޫލެއްވެސް ހިމެނޭގޮތަށް 75 ކޮޓަރި، ޒަމާނީ ފެންވަރަށް އަޅާ، ސިޓީ ރިސޯޓެއްގެ ގޮތުގައި ތަރައްޤީކޮށް ހިންގުމެވެ. އެތަނުގައި އޭރުން އުފެދިގެން ދާނީ 150 ގެސްޓް އެނދެވެ.

ޒުވާނުންގެ މަރުކަޒު މިހާރު ހުރި ސަރަޙައްދު (ކްލަބް ގެސްޓް ހައުސް)

ގަމުގެ ޒުވާނުންގެ މަރުކަޒު ހުރި ތަނަކީވެސް ގެސްޓް ހޮޓަލެއް އަޅާ، ޒަމާނީ ގެސްޓް ހައުސް އެއްގެ ގޮތުގައި ތަރައްގީކޮށް ހިންގިދާނެ ތަނެކެވެ. އެތަނުގައި މިހާރު ގާއިމު ކޮށްފައިވާ ކުޅިވަރު މަރުކަޒު ފޭދޫއަށް ބަދަލުކޮށް، 50 ކޮޓަރީގެ ގެސްޓް ހައުސްއެއް ތަރައްގީ ކުރަންވީއެވެ. އެތަނުގައި ސަންޑެކަކާ އެކު ކުރީގެ އިނގިރޭސިންގެ ދުވަސްވަރު ބޭނުން ކުރެވުނު ސްވިމިންޕޫލް އަލުން މަރާމާތުކޮށް ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވިދާނެ އެވެ. އެތަނުގައި ތަރައްގީ ކުރެވޭ 50 ކޮޓަރިން އެލިބިގެން ދަނީ ޖުމުލަ 100 ގެސްޓް އެނދެވެ.

ތިރީގައި އެވާ ފޮޓޯއިން ގަމުގައި ސިޓީ ރިސޯޓުތައް ގާއިމު ކުރެވިދާނެ ތަންތަން ފާހަގަ ކުރެވިފައި އެވަނީއެވެ.



ކަސްޓަމް އޮފީސް ހުރި ސަރަހައްދު (ސިޓީ ރިސޯޓް 1)

ގަމުގެ ބޮޑުފާލަމުން ފެށިގެން ކަސްޓަމް އޮފީސް ހުންނަ ފަރާތަށް، އިރަށް އެއޮތް ބިމަކީ ސިޓީ ރިސޯޓެއް ތަރައްގީކުރަން ވަރަށް ކަމުދާ ސަރަހައްދެކެވެ. އެތަނުގެ ބީޗަކީވެސް ރީތި ހިތްގައިމު ތަނެކެވެ. އެހެން ކަމުން ކަސްޓަމް އޮފީހާ ދެންވެސް އެތާހުރި އިމާރާތްތައް، އެހެން ސަރަހައްދު ތަކަށް ބަދަލުކޮށް އެސްޓީއޯ ތެޔޮ ތާނގީތައް ހުންނަ ހިސާބަށް، އިންވަކިކޮށް ސިޓީ ރިސޯޓެއް އަޅަން ބަޔަކަށް ދިގުމުއްދަތަކަށް ކުއްޔަށް ދޭންވީއެވެ. އެތަނުގައި މިހާރު ހުރި، ބޭނުން ކުރެވޭ އިމާރާތްތައް އެހެން ސަރަހައްދަކަށް ބަދަލު ކުރުމުގެ ކަންކަން އެތަން ތަރައްގީ ކުރުމަށް ކުއްޔަށް ނަގާ ފަރާތް މެދުވެރިކޮށް ކުރެވިދާނެއެވެ. މިތަނުގައި ޒަމާނީ ފެންވަރުގެ، ތިންތަރީގެ ސިންގަލް ބަންގަލޯ ސްޓައިލުގެ 75 ކޮޓަރިއާއި އަދި ސްވިމިންޕޫލަކާއި އެކު ހިތްގައިމު ސިޓީ ރިސޯޓެއް ގާއިމުކޮށް، ޖުމުލަ 150 އެނދު އުފެއްދިދާނެ އެވެ.

ފްލައިން ސްކޫލު ހުރި ސަރަޙައްދު (ސިޓީ ރިސޯޓް 2)

އެސްޓީއޯ ތެޔޮ ތާނގީގެ އިރަށް އެއޮތް، މިހާރު ފްލައިން ސްކޫލު ހިންގާ ތަނުން ފެށިގެން ހެލިކޮޕްޓަރު ދުއްވާ މީހުން ތިބޭ އެކޮމޮޑޭޝަން ބޮލްކާ ހަމަޔަށް އޮތް ބިމުގައި ދެވަނަ ސިޓީ ރިސޯޓެއް ތަރައްގީ ކުރެވިދާނެ އެވެ. އެތަނުގައި ހުރި އިމާރާތްތަކާއި އެހެނިހެން ތަންތަންވެސް އެހެން ދިމާލަކަށް ބަދަލުކޮށް ސިންގަލް ބަންގަލޯ ސްޓައިލަށް، ތިންތަރީގެ 75 ބަންގަލޯ ތަރައްގީ ކުރެވިދާނެ އެވެ. މިހާރު އެތަނުގައި ހިނގަމުންދާ ފްލައިން ސްކޫލާއި އަދި އެހެނިހެން ތަންތަން އެހެން ދިމާލަކަށް ބަދަލު ކުރުމުގެ ކަންކަން އެތަން ކުއްޔަށް ނަގާ ފަރާތް މެދުވެރިކޮށް ސަރުކާރާއި އެފަރާތާއް އެއްބެސްވާ ގޮތެއްގެ މަތިން ކުރެވިދާނެއެވެ. މިގޮތަށް ސިޓީ ރިސޯޓެއް އެތަނުގައި ތަރައްގީ ކުރުމުން، އެގާއިމު ވެގެން ދަނީ އަނެއްކާވެސް 150 ގެސްޓް އެނދެވެ.

މިހުރިހާ ސިޓީ ރިސޯޓުތައް ތަރައްގީވެ، ހިންގަން ފެށުމުން ގަމުން އެކަނިވެސް 756 އެނދު އުފެއްދުނީ އެވެ. އައްޑޫގައި މިފަދަ ތަސައްވަރު ހުރި ކިތައްމެ ބަޔަކު ތިބޭނެކަން ޔަގީނެވެ. އެހެން ކަމުން އައްޑޫ ސިޓީގެ ތަރައްގީއަށް މަސައްކަތް ކުރާ ޖަމިއްޔާއިން މިކަމަށް މަސައްކަތްކޮށް ދެއްވަންވީ ނޫންތޯއެވެ.

މިއީ މިހާރުން މިހާރަށް އައްޑޫ ސިޓީގައި އެންމެ ފަސޭހައިން ސިޓީ ރިސޯޓުތައް ތަރައްގީ ކުރެވިދާނެ، އަޅުގަނޑަށް ފެންނަ ގޮތެކެވެ. މިފަދަ ސިޓީ ރިސޯޓުތަކުން ހުރިހާ ޚިދުމަތެއް ފަސޭހަ ކަމާއިއެކު ފަތުރުވެރިންނަށް ލިބިގެންދާނެ އެވެ. ސަބަބަކީ ގަމަކީ މީހުން ނޫޅޭ ރަށަކަށް ވީމައެވެ. ރާއްޖޭގެ ރިސޯޓުތަކުގައި ދެވޭ ހުރިހާ ޚިދުމަތެއް ބަރާބަރަށް ދެވޭނެއެވެ. މީގެ އިތުރަށް އައްޑޫ ސިޓީގެ އެހެނިހެން ސަރަޙައްދު ތަކުގައިވެސް ސިޓީ ރިސޯޓްތައް ގާއިމު ކުރެވިދާނެ އެވެ. ފަށައިގަންނަން އެންމެ ފަސޭހަވާނީ ގަމުން ކަމުގައި އަޅުގަނޑަށް ގަބޫލު ކުރެވެއެވެ. އަގުހެޔޮ ސިޓީ ރިސޯޓުތަކެއް އަވަސް މުސްތަގުބަލެއްގައި ތަރައްގީ ކުރެވިއްޖެ ނަމަ އައްޑޫއަށް އެތެރެވާ ފައިސާ އިންތިހާއަށް އިތުރުވެ އައްޑޫގެ އެތަކެއް ރައްޔިތުންނަށް ވަޒީފާގެ ފުރުސތު ލިބިގެންދާނެ އެވެ. އައްޑޫ ޑިވެލޮޕްމަންޓް ކޮމިޓީއިން އައްޑޫ ސިޓީ ކައުންސިލާއި ގުޅިގެން މިކަމަށް މަސައްކަތް ކުރުމަކީ މުހިއްމު ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން