ސަރުކާރުގެ މަސްކުންފުނި، މިފްކޯއިން ރާއްޖެއަށް ގެނެސްފައިވާ ސަތޭކަ ޓަނުގެ މަސްބޯޓް ކުރިއަށް އޮތް ދިހަ ވަރަކަށް ދުވަހުގެ ތެރޭގައި އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް އެ ކުންފުނީގެ ސީއީއޯ އިސްމާއީލް ފައުޒީ ރޭ ވިދާޅުވެއްޖެއެެވެ.

ޓީވީ ޕްރޮގުރާމެއްގައި ވާހަކަ ދައްކަަވަމުން މިފްކޯގެ ސީއީއޯ އިސްމާއީލް ފައުޒީ ވިދާޅުވީ، އެ ކުންފުނިން ރާއްޖެ ގެނެސްފައިވާ ސަތޭކަ ޓަނުގެ މަސްބޯޓް ކުރިއަށް އޮތް ދިހަ ދުވަހުގެ ތެރޭގައި އޮޕަރޭޝަނަށް ގެނެވޭނެ ކަމަށެވެ. އަދި ރަނގަޅު މަސްވެރިކަމެއްގައި ތިން ދުވަހުގެ ކެޕޭސިޓީ އެ ބޯޓުގައި ހުންނާނެ ކަމަށް ފައުޒީ ވިދާޅުވިއެވެ.

"ބޯޓް މިހާރު ޓެސްޓްކުރަނީ، ފުރޭނި ބެހެއްޓުމާއި ރާއްޖޭގެ މަސްކިރުމުގެ ނިޒާމަށް ފަސޭހަ ގޮތަކަށް އެ ބޯޓްގެ ކަންކަން ތަރުތީބު ކުރެވެނީ ދާދި އަވަހަށް އަޅުގަނޑު އުއްމީދުކުރަނީ ކުރިއަށް އޮތް ދިހަ ދުވަހުގެ ތެރޭގައި ބޯޓް އޮޕަރޭޝަނަށް އަންނާނެ." ފައުޒީ ވިދާޅުވިއެވެ.

މީގެ އިތުރުން ފައުޒީ ވިދާޅުވީ، ބޯޓް އޮޕަރޭޝަނަށް ގެނައުން ލަސްވަނީ ނަގަންޖެހޭ ހުއްދަތަކެއް ހުރުމުން ކަމަށެވެ. އެގޮތުން އެފްޑީއޭއާއި އީޔޫ ފަދަ ތަންތަނުން ނަގަންޖެހޭ ހުއްދަތަކެއް އެބަހުރި ކަމަށާއި އެ ހުއްދަތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ އެ ޕްރޮސެސް މިހާރު އެ ނިމެނީ، ނިމޭއިރަށް އެންމެ ރަނގަޅު މަސްވެރިކަމެއް އޮންނަ ބަނދަރެއްގައި އެބޯޓް ބާއްވާނަން." މިފްކޯގެ ސީއީއޯ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު