އަހުމަދު މަސްނޫމް   12 ޑިސެމްބަރު 2021 - 22:40
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާގައި އިސްކޮށް އުޅުނު އަޙްމަދު އަދުހަމަށް ހުކުމް އިއްވުން އަންގާރަދުވަހަށް ތާވަލްކޮށްފިއެވެ.

މިދިޔަ މޭމަހުގެ 6 ވަަނަ ދުވަހު ރައީސް ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދިން އިރު، އަދުހަމަކީ އެ ބޮން ގޮއްވާލަން ރިމޯޓަށް ފިތާލި މީހާއެވެ.

އޭނާގެ މައްޗަށް ދައުލަތުން ކުރާ ދައުވާތަކަކީ ޓެރަރިޒަމްގެ އަމަލެއްކުރުން، ޓެރަރިޒަމްގެ ޢަމަލެއް ކުރަން ރޭވުން، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލަންއުޅުން އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާއެވެ. އަދުހަމާއެކު ދައުލަތުން އިއުތިރާފްގެ އެއްބަސްވުމެއް ހަދާފައިވާއިރު އަދުހަމް ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކަށް އިޢުތިރާފްވެފައެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ، އަދުހަމާއެކު ދައުލަތުން ހެދި އިއުތިރާފްގެ އެއްބަސްވުން މިއަދު ޝަރީއަތަށް ބަލައިގަނެފައިވާކަމަށެވެ. އަދުހަމަށް ހުކުމް އިއްވުން އަންނަ އަންގާރަ ދުވަހަށް ތާވަލުކުރައްވާނެކަމަށް ޤާޞީ ވިދާޅުވިކަމަށްވެސް ޕީޖީ އޮފީހުން މައުލޫމާތުދެއްވައެވެ. ޕީޖީ އޮފީހުން ވިދާޅުވީ އަދުހަމްގެ މައްޗަށް 23 އަހަރުގެ ޖަލު ޙުކުމެއް އަންނާނެކަމަށެވެ.

ބޮން ގޮއްވާލި އަދުހަމް ހައްޔަރުކޮށްފައިވަނީ ބޮން ގޮއްވާލިތާ ދެ ދުވަސް ފަހުން ހުޅުމާލޭގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓުންނެވެ.

އަދުހަމްގެ އިތުރުންވެސް މިމައްސަލައިގައި އިތުރު ބައެއްގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ. ނަމަވެސް އެ މީހުން ކުށަށް އިއުތިރާފްވެފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު