މަސްދަޅު ބަންދުކުރަން ގއ. ވިލިނގިއްޔާއި ޖެހިގެން އޮންނަ "ރާވެއްރެހާ" ދިނުމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެދިވަޑައިގެންފިއެވެ.

ޖާބިރު މިކަމަށް އެދިވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ފޮނުއްވި ސިޓީއެއްގައެވެ.

ޖާބިރު، ރައީސް ސާލިހަށް ފޮނުއްވި ސިޓީގައި ވަނީ ގާފަރުގައި މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ބޮޑު ހަފްލާ ބާއްވަން ނިންމަވާ ކުލަގަދަ އެތަކެއް ހަރަކާތްތަކާއި އިގްތިޞާދީ އާ ތަސައްވުރުތަކެއް ދައްކުވައިދިންކަން ފާހަގަކުރައްވާފައެވެ.

ޖާބިރު ވިދާޅުވީ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ގައުމާއި މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ދަޅުގައި ރަނގަޅު ކޮލިޓީއެއްގައި މަސްބަންދުކޮށް ޔޫރަޕާއި އެމެރިކާއަށް ފޮނުވޭ ފެންވަރަށް ދަޅުމަސް ތައްޔާރުކުރުން އިތުރުކުރަން ނިންމެވި ވާހަކަ ވިދާޅުވި ކަމަށްޓަކައި ނުހަނު އުފާކޮށް އެކަމަށްޓަކައި މަރުހަބާ ދަންނަވާކަމަށެވެ.

ޖާބިރު ވިދާޅުވީ ރާއްޖޭގައި އޮތް އެންމެބޮޑު އަތޮޅުކަމަށްވާ ހުވަދުއަތޮޅުގައި ދަޅުމަސް ބަންދުކުރެވޭނެ އެއްވެސް ގޮތެއް މިހާތަނަށް ހަމަޖެހިފައިނެތްކަމީ މައްސަލައެއްކަމަށެވެ. އެހެންކަމުން މަސްވެރިންގެ ދުވަހު ވެވަޑައިގެންނެވި ވައުދު ފުއްދަވައި ހަގީގަތަކަށް ހެދުމަށްޓަކައި ގއ. އަތޮޅު ވިލިނގިއްޔާއި ޖެހިގެން އޮތް "ރާވެއްރެހާ" ކިޔާ ރަށުގައި 20 މިލިޔަން ޑޮލަރު އިންވެސްޓްކޮށް ކޭނިންގ ފެކްޓްރީ އެއް ހިންގުމަށް އެ ރަށް ހަވާލުކޮށްދެއްވުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

"މިއީ މަނިކުފާނު ދިވެހިމަސްވެރިންނަށްޓަކައި ވެވަޑައިގެންނެވި ވައުދު ފުއްދުމަށް ފުރަތަމަ ކުރެވިގެންދާ މަސައްކަތަށް ހެދުމަށްޓަކައި ރާވެއްރެހާ އަޅުގަނޑާއި ހަވާލުކުރައްވައިފިނަމަ ރަށް ޙަވާލުކުރާތާ 10 މަސްދުވަހުގެ ތެރޭގައި ކޭނިންގ ފެކްޓްރީ އެއް ގާއިމް ކޮށް ޚިދްމަތްދޭން ފަށާނެ ވާހަކަވެސް ދަންނަވަން." ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ރައީސް ސާލިހަކީ އޭނާ ނުހަނު އިހްތިރާމްކުރާ އަދި ނުހަނު ބުރަ މަސައްކަތުން ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެއްވި ބޭފުޅެއްކަމަށާއި، ކުރިޔަށް އޮތް ތާނގައިވެސް އޭނާ ތަމްސީލުކުރަށްވާ "ދިވެހިރައްޔިތުންގެ ޕާޓީ" އާއި ޖާބިރުވެސް ހުންނަވާނީ ރައީސް ސާލިހާ އެކީ ދެގޮތެއްނުވެ ސާބިތުކަމާއިއެކުކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު