އަހުމަދު މަސްނޫމް   13 ޑިސެމްބަރު 2021 - 0:39
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތްކުރި ހިޔާ ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތްތައް ނިންމުމަށް އިތުރު މުއްދަތެއް ދިނުމާއި ގުޅޭގޮތުން ސަރުކާރާއެކު މަޝްވަރާ ކުރަމުންދާކަމަށް އެޗްޑީސީން ބުނެފިއެވެ.

ހިޔާ ފްލެޓްތަކުގެ ފިނިޝިން ނިންމުމަށްޓަކައި އެޗްޑީސީން ފްލެޓްތަކުގެ ވެރި ފަރާތަށް ދީފައިވާ މުއްދަތު މިމަހުގެ ނިޔަލަށް ހަމަވާނެއެވެ.

އެޗްޑީސީން ވިދާޅުވީ އެ މުއްދަތު އިތުރުކުރުމަށް މަޝްވަރާކުރަމުންދާކަމަށެވެ. އަދި ފިނިޝިންގެ މަސައްކަތަށް ދީފައިވާ މުއްދަތު އިތުރުކުރުމަށް އެޗްޑީސީން ސަރުކާރާއި މަޝްވަރާ ކުރަމުންދަނީ ބައެއް ޢާއިލާތަކަށް ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ނިންމުމަށް ދަތިތަކާއި ކުރިމަތިވުމުންކަމަށް އެޗްޑީސީން ބުނެއެވެ. އަދި މިކަމުގައި ސަރުކާރާއެކު ކުރާ މަސައްކަތުން މިހާތަނަށް އަދި ވަކިގޮތެއް ނިމިފައި ނުވިނަމަވެސް، ވަރަށް އަވަހަށް މިކަމުގައި ގޮތެއް ނިމިގެންދާނެކަމަށްވެސް އެޗްޑީސީން ބުނެއެވެ.

ފިނިޝިންގެ މަސައްކަތް ނިންމައި، ހިޔާ ފްލެޓުން ކުލި ނެގުމަށް ކުރިން ހަމަޖެއްސީ އޮކްޓޯބަރުމަހުން ފެށިގެންނެވެ. ނަމަވެސް އެ މުއްދަތަށްވެސް ފިނިޝިންގެ މަސައްކަތް ނުނިމުމުން މިއަހަރުގެ ނިޔަލަށް ހިޔާ ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތް ނިންމުމަށް ވަނީ އިތުރު މުއްދަތެއް ދެއްވާފައެވެ.

ހިޔާ ފްލެޓްގެ މަހު ކުއްޔަކީ 8500 ރުފިޔާއެވެ. މި ކުލި ބޮޑުކަމަށް ބައެއް ފަރާތްތަކުން ބުނިނަމަވެސް ސަރުކާރުން ވަނީ ކުލި ކުޑަކޮށްދޭން ދެކޮޅު ހަދާފައެވެ، ނަމަވެސް އެންމެފަހުން ޕީޕީއެމްއިން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވަނީ ހިޔާ ފްލެޓްތަކުގެ ކުލި 5500އަށް ކުޑަކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު