މިނިވަން ދައުލަތެއްގެ އެންމެ ބާރުގަދަ ޙައްޤަކީ ނޫސްވެރިކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަސް ފާހަގަކުރުމުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ ޑިމޮކްރެސީއެއްގެ އެންމެ މުހިންމު ބާރަކީ، އެޤައުމެއްގެ ރައްޔިތުންކަމަށާއި ރައްޔިތުންނަށް ލިބިގެންވާ ބަސް ބުނުމުގެ ޙައްޤުގެ ބޭނުންހިފާ ތަނަކީ ރައްޔިތުންގެ މަޖިލިސްކަމަށެވެ. އަދި މީގެ ތިން އަހަރު ކުރިން، ރައްޔިތުންގެ މަންދޫބުންނަށް ވެސް، މަޖިލީހުގެ އިދާރާއަށް ވަދެނުކުމެ އުޅުމުގެ މިނިވަންކަން ނެތް ދުވަސްތަކެއް ހިނގައްޖެކަން ރައީސް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން މަޖިލީހަށް ވަދެވިއްޖެއްޔާ ދެން ފެންނަނީ، ސިފައިންނާއި ފުލުހުންގެ އަތްދަނޑިމަތީ އުފުލާލައިގެން، މަޖިލީހުގެ ފާރުމަތިން އަޅުގަނޑުމެން ބޭރުކުރާ މަންޒަރު. ނަމަވެސް މިއަދު މުޅި މަންޒަރު ބަދަލުވެއްޖެ. ރައްޔިތުންގެ މަންދޫބުން މަޖިލީހުގައި މަސައްކަތް ކުރައްވަނީ އެއްވެސް ނުފޫޒެއް ބިރުދެއްކުމެއް ނެތި. ސިފައިންނާއި ފުލުހުން މިއަދު އެތިބީ، މަޖިލީހުގެ މެމްބަރުންނަށް ފުރިހަމަ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީގެން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިނިވަން ދައުލަތެއްގެ އެންމެ ބާރުގަދަ ޙައްޤަކީ، ނޫސްވެރިކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަމަށެވެ. މީގެ އަހަރުތަކެއް ކުރިން ނޫސްވެރިކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ މުޅި އުދަރެސް އޮތީ، އަބުރުގެ ގާނޫނުގެ ނަމުގައި އޮތް ބަނަ ވިލާގަނޑަކުން ބައްދާލާފައިކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މީޑިއާގެ ކުރިއެރުމާ ގުޅޭ ދެ މުއައްސަސާގެ ކަމަކީ، ނޫސްވެރިންނާއި ނޫސް އިދާރާތައް ޖޫރިމަނާކޮށް އަދަބު ދިނުންކަމަށެވެ.

"ސަރުކާރުގެ ފިއްތުންތަކާ ހެދި، އޭރު ހުއްޓާލަން ޖެހުނު މީޑިއާތައް މަދެއް ނޫން. މިއަދު އަޅުގަނޑުމެން މިތިބީ ނޫސްވެރިކަމަށް ފުރިހަމަ މިނިވަންކަން ދީގެން. އެކަމުން ސަރުކާރަށް ވީ އުނދަގުލެއް، ލިބުނު ގެއްލުމެއް ނެތް. އެމިނިވަންކަން ދިނުމުން ހަމަ ގައިމުވެސް އަޅުގަނޑަށް ލިބެނީ ފައިދާ. ޚިޔާލު ފާޅުކުރުމަކީ ޙައްޤަކަށްވާ ފަދައިން، އަބުރު ރައްކާތެރިކުރުމަކީ ވެސް ކޮންމެ މީހެއްގެ ޒާތީ ޙައްޤެއް. އެހެންކަމުން ޚިޔާލު ފާޅުކުރަންވާނީވެސް، އަދި ނޫސްވެރިކަން ކުރަންވާނީވެސް، އަނެކާގެ އަބުރު ރައްކާތެރިކުރުމަށް ތިމާގެ ކޮނޑުގައި އެޅިފައިވާ ޒިންމާއަށް ވެސް ރައްކާތެރިވެގެން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިންސާނީ ޙައްޤުތައް ފެށިގެން އަންނަނީ، ދިރިހުރުމުގެ ޙައްޤާ ހަމައިންކަމަށާއި ދިރިހުރުމުގެ ޙައްޤު ފުރިހަމަވަނީ އަސާސީ އެތައް ޙައްޤުތަކެއް ގެތި ލާމެހިގެންކަމަށެވެ. އަދި އެކަށީގެންވާ ބޯހިޔާވަހިކަމެއް ލިބުމަކީ އެންމެ މުހިންމު އެއް ޙައްޤުކަމަށާއި މި ޙައްޤު ލިބިދިނުމަށްޓަކައި މާލެއާއި އަތޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް މިހާރުވެސް ހިނގަމުން އެބަދާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ކުރިން ހަމައެކަނި ޤާނޫނުއަސާސީގެ ދެލިގަނޑުގައި ހުރި ޙައްޤުތަކެއް ހުރިކަމަށާއި، އެއީ ލިޔުމުގައި އޮންނަ ކިޔުމުގައި ނޯންނަ ޙައްޤުތަކެއްކަމަށެވެ. ނަމަވެސް މިއަދު އަމާޒަކީ، އެ ޙައްޤުތަކަކީ ރައްޔިތުންނަށް ފުރިހަމައަށް ލިބޭ ޙައްޤުތަކެއް ކަމުގައި ހެދުންކަމަށް، ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަސް ފާހަގަކުރުމުގެ ޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު