މިނިވަން ދައުލަތެއްގެ އެންމެ ބާރުގަދަ ޙައްޤަކީ ނޫސްވެރިކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވުމާއި ގުޅިގެން މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އެކަމަށް ވަރަށް ބޮޑަށް ފަޑުވިދާޅުވެ ރައްދު ދެއްވައިފިއެވެ.

ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަސް ފާހަގަކުރުމުގެ ޖަލްސާގައި ރައީސް ސާލިހު ވިދާޅުވީ މިނިވަން ދައުލަތެއްގެ އެންމެ ބާރުގަދަ ޙައްޤަކީ، ނޫސްވެރިކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަމަށެވެ. މީގެ އަހަރުތަކެއް ކުރިން ނޫސްވެރިކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ މުޅި އުދަރެސް އޮތީ، އަބުރުގެ ގާނޫނުގެ ނަމުގައި އޮތް ބަނަ ވިލާގަނޑަކުން ބައްދާލާފައިކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މީޑިއާގެ ކުރިއެރުމާ ގުޅޭ ދެ މުއައްސަސާގެ ކަމަކީ، ނޫސްވެރިންނާއި ނޫސް އިދާރާތައް ޖޫރިމަނާކޮށް އަދަބު ދިނުންކަމަށެވެ.

ރައީސް ސާލިހުގެ މިވާހަކަފުޅުތަކަށް ރައްދުދެއްވަމުން ޑރ. އިޔާޒު ވިދާޅުވީ ފިޤްހީ ރައުޔެއް ހާމަކުރީމާ "އޭނާ ވަޒީފާއިން ވަކި ކުރި" ކަމަށެވެ. އެހެންކަމުން މިނިވަންކަން އޮންނަނީ ވަކި ބަޔަކަށްކަމަށް އިޔާޒު ވިދާޅުވިއެވެ.



މޯލްޑިވްސް ނެޝެނަލް ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސަރުގެ މަޤާމުން ޑރ. މުހަންމަދު އިޔާޒު އަބްދުއްލަތީފު މިއަހަރުގެ ޖުލައި މަހު ވަކިކުރީ އޭނާ ދީނީ އަދި ދުނިޔަވީ އެކިކަންކަމުގައި ބައެއް ފަރާތްތަކުން ބޭނުން ނުވާގޮތަށް މީސް މީޑިއާގައި ޚިޔާލު ފާޅުކުރައްވާތީއެވެ. އެމްއެންޔޫގެ ލެކްޗަރާ ކަމުގެ ވަޒީފާއިން ދީނީ އިލްމުވެރިޔާ އިޔާޒް ވަކިކުރީ އެކިފަހަރު މަތިން ވާހަކަ ދެކެވި، ފަހުގެ އިންޒާރު ދިނުމަށްފަހު ކަމަށް އެމްއެންޔޫއިން ބުނެއެވެ.

އެގޮތުން މި އަހަރުގެ މާޗް މަހު އިޔާޒް ސަސްޕެންޑުކޮށް، ފަހުގެ އިންޒާރު ދިނުމުގެ ކުރިން ތިން ފަހަރެއްގެ މަތިން އިޔާޒާ ވާހަކަ ދައްކާފައިވާނެ ކަމަށް އެމްއެންޔޫއިން ވަނީ ބުނެފައެވެ. އަދި އިޔާޒް މަގާމުން ވަކިކުރީ، ފަހުގެ އިންޒާރަށް ފަހު ވެސް ސޯޝަލް މީޑިއާގައި، އާންމުންގެ ތެރޭގައި ނުތަނަވަސްކަން އުފެދޭ ގޮތަށް ހިޔާލު ފާޅުކުރުމުގެ އިތުރުން، ހަރުކަށި ފިކުރަށް ތާއީދުކުރާ މޭރުމުން ސޯޝަލް މީޑިއާގައި ވާހަކަ ދައްކަވާތީކަމަށް އެމްއެންޔޫއިން ބުނެފައި ވެއެވެ.

އިސްލާމް ދީނުގައި އޮންނަ ހުކުމްތަކާއި ގޮތްތަކާއި ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުން ކަންކަން އޮންނަ ގޮތް އޮޅުންފިލުއްވައި ދެއްވައި ވިދާޅުވެދެއްވައި ސާފުކޮށްދެއްވައި ޖަދަލު ކުރަށްވައި ދީނުގެ ހުކުމްތަކާއި ރަޢުޔު ފާޅުކުރެއްވުމަކީ، ވަކި މީހަކަށް އަދި ވަކި މުއައްސަސާއަކަށް ބެއްލެވުމެއްނެތި ޑރ. އިޔާޒު ވަރަށް އިސްކަމެއް ދެއްވައިގެން ކުރަށްވަމުން ގެންދަވާ ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު