3 ގައުމަކުން ރާއްޖެއަށް އައްޔަންކުރި ސަފީރުން، އެ ބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް އަރުވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް މިއަދު ފަތްކޮޅު އަރުވާފައިވަނީ މޯލްޓާ، ތައިލެންޑު އަދި ކޮލަމްބިއާއިން ރާއްޖެއަށް އައްޔަންކުރި ސަފީރުންނެވެ.

ކޮލަމްބިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހަރ އެކްސެލެންސީ މިޒް މަރިއާނާ ޕަޗޭކޯ މޮންތޭސް، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އެރުވުމަށް ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުވުމަށްފަހު، ކޮލަމްބިއާގެ އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެކަމަނާ ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން މަރުޙަބާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި ސަފީރު ވަނީ ވަރަށް ގިނަ މައުޟޫޢުތަކަށް މަޝްވަރާކުރައްވާފައެވެ. އެގޮތުން ދެޤައުމުގެ ގުޅުން ބަދަހިކުރުމާއި، ވިޔަފާރީގެ ގުޅުން ބަދަހިކުރުމާއި، އިންސާނީ ވަޞީލަތްތަކާއި، ޤާބިލުކަން އިތުރުކުރުން ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ކޮލަމްބިއާގެ ސަފީރާ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއްމަސައްކަތަކީ، ރާއްޖޭގެ ތަރައްޤީއަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައްކަމުގައި ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނު ވިދާޅުވީ ދިވެހިރާއްޖެއިން ބޭރުގެ އިންވެސްޓަރުންނަށް އެކި ދާއިރާތަކުން އިންވެސްޓްކުރުމަށް މަރުޙަބާ ކިޔާނެކަމަށާ، އެގޮތުން މަތީ ތައުލީމުގެ ދާއިރާއާއި މެނުފެކްޗަރިންގ ދާއިރާފަދަ ދާއިރާތައް އެމަނިކުފާނު މި ބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވެވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ކޮވިޑް-19 އަށްފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާ ބެހޭގޮތުންނާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދައްކަވާފައެވެ.

ތައިލެންޑް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސެލެންސީ ޕޮޖް ހާންޕޮލް، ސަފީރުކަމުގެ ފަތްކޮޅު، އެރުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އާއި ސަފީރު ވަނީ ތައިލެންޑާއެކު ރާއްޖެއިން ބާއްވަމުން އަންނަ ގާތް ގުޅުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި ދެބޭފުޅުން ވަނީ ދެޤައުމުން ގުޅިގެން ކުރެވިދާނެ ކަންކަމާއި ބެހޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ. އެގޮތުން އިންވެސްޓްމަންޓް ޕްރޮސްޕެކްޓްސް، ޓްރޭޑް އެންޑް ކޮމާރސް، ރައްޔިތުންގެ ގުޅުން އިތުރުކުރުން، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުން އަދި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުން ފާހަގަކުރެއްވެވިއެވެ. އަދި މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަތީ ތަޢުލީމުގެ ސްކޮލަރޝިޕްގެ ފުރުޞަތުތައް ދިވެހި ދަރިވަރުންނަށް ހޯއްދަވައިދެއްވުމަށް ދިވެހި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ތައިލެންޑް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ސަފީރު ވަނީ ތައިލެންޑްގެ ރަސްގެފާނުގެ ފަރާތްޕުޅުން ރައީސުލްޖުމްހޫރިއްޔާއަށާއި، ދިވެހި ރައްޔިތުންނަށް ހެޔޮއެދުންތައް ރައްދުކޮށްދެއްވާފައެވެ. އަދި އެމަނިކުފާނު ވަނީ ދެޤައުމަށް ވެސް ފައިދާހުރި ދާއިރާތަކުން އެކުގައި މަސައްކަތްކޮށް އެއްބާރުލުން ދިނުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ތައިލެންޑު ސަރުކާރުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި، ވިސާގެ ލުއިފަސޭހަކަމުގެ ޚިދުމަތާއި، ދިވެހި ދަތުރުވެރިންނަށް އޮންނަ ކޮވިޑް-19 ކަރަންޓީން ކުރުމުގެ މެންޑޭޓްގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ.

މޯލްޓާގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ރޫބަން ގައުޗީއާ ފަތްކޮޅު އެރުވުމަށްފަހު ބޭއްވި ބައްދަލުވުމުގައި ސަފީރު ދެއްކެވި ވާހަކަފުޅުގައި ވަނީ ރާއްޖެއަށް މޯލްޓާއާ ދެޤައުމުގެ އެއްގޮތް ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ. މިގޮތުން ޖޯގުރަފީ ގޮތުން ދެޤައުމުގައި ހުރި އެއްގޮތްކަމުގެ ވާހަކަފުޅުން ފެށިގެން މަލްޓިލެޓަލަރިޒަމް ވިސްނުންތަކާ ހަމަޔަށް ސަފީރު ވާހަކަފުޅު ދެއްކެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި މޯލްޓާގެ އައު ސަފީރު ވަނީ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރައްވަން ބޭނުންފުޅުވާކަން ހާމަކުރައްވައި، ދެ ޤައުމަށް ފައިދާވާ ކަންކަމުގައި އިތުރަށް ގުޅުން ބަދަހިކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. މިގޮތުން، އިންސާނީ ވަޞީލަތް ތަރައްޤީކުރުމާ ގުޅޭގޮތުންނާއި، މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކުރުމާ ގުޅޭގޮތުންނާއި، ވިޔަފާރިއާއި އިޤްތިޞާދުގެ ދާއިރާއިންނާއި، ފަތުރުވެރިކަމުގެ ދާއިރާއިންނާއި، ކޮވިޑް ޕެންޑަމިކް މެނޭޖްކުރުމާ ގުޅޭގޮތުންނާއި، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކާ ގުޅޭގޮތުން ދެބޭ ފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު