އަރަބިއްޔާ ސްކޫލްގެ އިމާރާތް ހަލާކުވެ، އެ ސްކޫލް ހިންގަން ދަތިވެފައިވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން ސަރުކާރުގެ މުވައްޒަފުންގެ ނާދީ ކުރިން ހުރި، ހ. ބްލޫ ހެވަން ހަމަޖެއްސުމަށް މާލޭގެ މޭޔަރު ޑރ. މުހަންމަދު މުއިއްޒު މިރޭ ގޮވާލައްވައިފިއެވެ.

އަރަބިއްޔާގެ އިމާރަތް ވަރަށް ބޮޑަށް ވީރާނާވެ ހަލާކުވެ އެތަނުގައި ކިޔަވާ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމާއިމެދު ވަނީ ސުވާލު އުފެދިފައެެވެ. އެކަމާ ގުޅިގެން މާލޭގެ މޭޔަރު ޑރ. މުހަންމަދު މުއިއްޒު ވިދާޅުވީ، ‏ޢަރަބިއްޔާ ސްކޫލާއިމެދު ސަރުކާރުން ކަންތައްކުރަނީ ހިތާމަހުރި ގޮަތަކަށް ކަމަށެވެ. އަދި ޢިއްޒުއްދީން ސްކޫލް ވަގުތީ ގޮތުން ވިޔަސް ބޭނުންކުރުމަކީ ވާނެ ކަމެއްނޫން ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.





މޭޔަރު އެހެން ވިދާޅުވީ އިމާރާތްކުރިތާ އެންމެ 10 އަހަރުގެ ތެރޭގައި މުޅި އިމާރާތުގައި ރެނދުލައި، ބޭނުންކުރަން އެކަށީގެން ނުވާ ވަރަށް ހަލާކުވުމުން، ސަރުކާރުން އަރަބިއްޔާ ސްކޫލްގެ ދަރިވަރުންނަށް ވަގުތީ ގޮތުން، އިއްޒުއްދީން ސްކޫލްގައި ކިޔަވައިދިނުމަށް ބޭނުންކުރަން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނުމާއި ގުޅިގެންނެވެ. އެހެން ނަމަވެސް އަރަބިއްޔާގެ ދަރިވަރުންގެ ބެލެނިވެރިން ވަނީ އެކަމާ ދެކޮޅު ހަދާފައެެވެ. އިއްޒުއްދީނަކީ ހަތަރު ބުރީގެ އިމާރާތެއްގައި ހިންގާ، އެންމެ 20 ކްލާސްރޫމު ހުންނަ ތަނެކެެވެ.

"ޢަރަބިއްޔާ ސްކޫލް ޢިމާރާތްކުރުމަށް ދާއިމީ ޙައްލެއްގެ ގޮތުގައި ހ. ބްލޫހެވަން ހަމަޖެއްސުމަކީ އެންމެ ރަނގަޅު ގޮތް." އަށް އަހަރު ދުވަސް ވަންދެން ހައުސިން މިނިސްޓަރުކަން ކުރެއްވި ޑރ. މުއިއްޒު ވިދާޅުވިއެެވެ.

މޭޔަރު މިހެން ވިދާޅުވެފައިވާއިރު އަލް މަދަރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ ނުވަތަ އަރަބިއްޔާއަށް ދިމާވެފައިވާ ހާލަތަށް އަދުލްވެރި ހައްލެއް ހޯދައިދިނުމަކީ ސަރުކާރުން ކުރަންޖެހޭ ކަމެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު ވެސް ވަނީ ވިދާޅުވެފައެވެ. ވަރަށް ބޮޑަށް ބާވެ ވީރާނާ ވެފައިވާ އަރަބިއްޔާ ސުކޫލުގެ ހަތް ފަންގިފިލާ ހުންނަ އިމާރާތުގައި 46 ކްލާސްރޫމު ހުރެއެެވެ. އެ ތަނުގައި ވެސް ޖާގައިގެ ދަތިކަން ވަނީ ވަރަށް ބޮޑަށް ކުރިމަތިވެފައެވެ. އަލް މަދަރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ ނުވަތަ އަރަބިއްޔާއަކީ ރާއްޖޭގެ އަރަބި ބަހުން ތައުލީމް ދޭ ހަމައެކަނި މަރުކަޒުކަން ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު