އަހުމަދު މަސްނޫމް   14 ޑިސެމްބަރު 2021 - 12:52
ކެންސަރުގެ އާލާސްކަންފުޅުގައި އުޅުއްވާތާ ގިނަ ދުވަސްތަކަކަށްފަހު ރޭ އަވަހާރަވި ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދަކީ ޑިމޮކްރަސިގެ ޗެމްޕިއަނެއްކަމަށް ފޮރިން މިނިސްޓަރ އަދި އދގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ދެވަނަ ދައުރު ފުރިހަމަކުރަޢްވަމުން ގެންދެވި ހުސެއިން ވަހީދު އަވަހާރަވެފައިވަނީ ރޭގެ ވަގުތެއްގައި އޭޑީކޭ ހޮސްޕިޓަލްގައެވެ.

ހުސައިން ވަހީދު އަވަހާރަވުމާއި ގުޅިގެން ދައުލަތުގެ އިއްޒަތްތެރިންނާއި ގިނަ ބަޔަކު ދަނީ އެކަމުގައި ހިތަމާ ފާޅުކުރަށްވައި، ތައުޒިޔާ ވިދާޅުވަމުންނެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރ އަދި އދގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ ހުސައިން އަވަހާރަވި ހަބަރާއެކު ފުން ހިތާމަައެއް ގެނުވައިފިކަމަށެވެ.



ޝާހިދު ވިދާޅުވީ ހުސައިން ވަހީދަކީ ހިތްހެޔޮ، އިހްލާސްތެރި އަދި ހިތްވަރުގަދަ ބޭފުޅެއްކަމަށެވެ. އެގޮތުން ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގައި ކުރި ދަތުރުގައި މުހިއްމު ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެއް ކަމަށާއި، ހުސެއިން ނެތް ތަން ވަރަށް ބޮޑަށް އިހުސާސް ކުރެވޭނެކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.



ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވާތާ ގިނަ ދުވަސްތަކެއް ފަހުން، ރޭ 1:30 ހާއިރު މެމްބަރު ހުސެއިން އަވަހާރަވީ ހާލުކޮޅު ގޯސްވެގެންެ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަތާ ދެ ހަފުތާއެއްހާ ދުވަސްވެފައިވަނިކޮށެވެ.

ސިއްހީ ހާލުކޮޅު ގޯސްވެގެން މިއަހަރު ކުރީކޮޅު ޔޫއޭއީގެ ދުބާއީގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ދުވަސްތަކެއް ވަންދެން އޮއްނެވުމަށްފަހު މެމްބަރު ހުސެއިން ވަހީދުވަނީ މިދިޔަ މާޗް މަހުގެ 30 ވަނަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންފައެވެ. އަދި އެ ޖަލްސާގައި މެމްބަރު ހުސައިން ވަނީ އާލާސްކަންފުޅާ އުޅުއްވާކަން ހާމަކުރައްވައި އޭރު ވެސް ފަރުވާ ހޯއްދަވަމުން ގެންދަވާ ކަމަށް ވިދާޅުވެ އެދުވަސްތަކުގައި އޭނާގެ ހާލު އޮޅުންފިލުއްވި އެންމެހައި ބޭފުޅުންނަށް ޝުކުރުވެސް އަދާކުރައްވާފައެވެ.

"އަޅުގަނޑު ބޭރުގައި ހޭދަކުރި ދުވަސްތަކުގައި އަޅުގަނޑުގެ ވަރަށް ގާތް ރައްޓެހިންނާއި، ދާއިރާގެ އެކިއެކި ރައްޔިތުންނާއި، ހެޔޮއެދޭ އެތައް މެމްބަރުންނެއް އަޅުގަނޑަށް ގުޅައި ހާލުބަލަމުން ދިޔަ ކަމަށްޓަކައި އުފާކޮށް އެންމެ ބޭފުޅުންނަށް ޝުކުރު ދަންނަވަން. އަދި އަޅުގަނޑަށް ހެޔޮ ދުޢާ ކޮށްދެއްވި އަދި ހެޔޮ ދުޢާކޮށްދެއްވަމުންދާ ހުރިހާ އަހުންނާއި އުހުތުނަށް ހިތުގެ އެންމެ އަޑިން ޝުކުރު ދަންނަވަން." މާޗު 29 ވަނަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ހުސައިން ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު