ސްކޫލްތައް ފިޔަވައި، އުނގަންނައިދޭ އެހެނިހެން ތަންތަން ރަޖިސްޓްރީކުރުމަށް ދިން މުއްދަތުގެ ސަބަބުން ވަރަށް ގިނަ ތަންތަން އުވިގެން ހިގައިދާނެ ކަމަށް ލަފާކުރެއްވޭކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ވަނީ ސްކޫލްތައް ފިޔަވައި އުނގަންނައިދޭ އެހެނިހެން ތަންތަން ރަޖިސްޓްރީ ކުރުމަށް އަންގައި، އެކަމާއި ގުޅޭ ގަވާއިދު ގެޒެޓްގައި އާއްމުކޮށްފައެވެ.

"ސްކޫލް ފިޔަވާ ކިޔަވައިދޭ އެ ނޫން ތަންތަން ރަޖިސްޓްރީކުރުމާ ހިންގުމުގެ ގަވާއިދު"ގެ ނަމުގައި އެކުލަވާލާފައިވާ ގަވާއިދަކީ ތަޢުލީމުގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ޤަވާއިދެކެވެ. މިގަވާއިދުގެ މަޤްޞަދަކީ، ސްކޫލުތައް ފިޔަވައި ކިޔަވައިދޭ އެ ނޫން ތަންތަން ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރުމާއި ހިންގުމުގައި ޢަމަލުކުރާނެ އެންމެހައި އުސޫލުތައް ބަޔާންކުރުމެވެ.

މި ޤަވާއިދު ގެޒެޓް ކުރުމުން ރަޖިސްޓްރީ ނުކޮށް ހިންގަމުން އަންނަ ތަންތަން ދެ މަސްދުވަސް އަދި މިހާރުވެސް ރަޖިސްޓްރީކޮށްގެން ހިންގަމުން އަންނަ ތަންތަން، ޤަވާއިދާ އެއްގޮތަށް ރަޖިސްޓްރީ ކުރުމަށް 20 ދުވަހުގެ މުހުލަތެއްވަނީ ދީފައެވެ.

މިކަމާއި ގުޅިގެން ޑރ. ޝަހީމް ވިދާޅުވީ ރާއްޖޭގެ ކިޔަވައިދޭ އަމިއްލަ ތަންތަން އަލުން ރަޖިސްޓްރީކުރަން މަޖްބޫރުކޮށް، އަދި އެކަމަށް ދީފައިވާ މުއްދަތަކީ ރަޖިސްޓްރީގެ ކަންކަން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށް އެކަށީގެންވާ މުއްދަތެއް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އަދި ޤަވާއައިދު އޮތް ގޮތުން ވަރަށް ގިނަ ގޮންޖެހުންތަކާއި ދަތިތައް އެބަހުރިކަމަށް ޝަހީމް ވިދާޅުވިއެވެ.



ޝަހީމް ވިދާޅުވީ ޤަވާއިދު އޮތް ގޮތުން ނުރަސްމީ ތަޢުލީމުދޭ ވަރަށް ގިނަ ތަންތަން އުވިގެން ހިގައިދާނެ ކަމަށް ލަފާކުރެވޭކަމަށެވެ. އަދި މިފަދަ ޤަވާއިދެއް އެކުލަވާލެވެންވާނީ ހާލަތު ވަޒަންކޮށްފައި، މާލޭ އިމާރާތްތައް ހުންނަ ގޮތަށް ބަލައި، ރައްޔިތުންނަށް ދަތި ނުވާ ގޮތަށް ކަމަށް ޝަހީމް ވިދާޅުވިއެވެ.

އަލަށް އެކުލަވާލި ގަވާއިދުގެ ދަށުން ރަޖިސްޓްރީކުރަން ޖެހޭ ތަންތަނަކީ ބޭބީ ނާސަރީއާއި ނާސަރީއަށް ކިޔަވައިދޭ ތަންތަން، ޕްރީ ސްކޫލާއި ޅަފަތުގެ ތަޢުލީމުގެ ބޭނުމަށް ހިންގާ އެ ފެންވަރުގެ ތަންތަން، ޓިއުޝަންދޭ ތަންތަން، ޤުރުއާން ކްލާސްތައް، ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތަޢުލީމާއި ތަމްރީންދޭ ތަންތަން، އަދި 18އަހަރުން ދަށުގެ ކުދިންނަށް ދެވޭ ތަޢުލީމާއި ތަމްރީނާއި ހުނަރު ފޯރުކޮށްދިނުމަށް ހިންގާ އެހެނިހެން ތަންތަނެވެ.

މީގެތެރޭގައި އޮންލައިންކޮށް ކިޔަވައިދޭ ތަންތަނާއި ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދޭ ތަންތަންވެސް ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު