ފުވައްމުލަކު ހޮސްޕިޓަލުގައި، އުމުރުން ފަސް އަހަރުގެ ސަދާ ސައުދުﷲ އަށް ފަރުވާ ދިނުމުގައި އިހުމާލުވި ދެ ޑޮކްޓަރެއްގެ ލައިސަންސް ހެލްތު މިނިސްޓްރީން ސަސްޕެންޑްކޮށްފި އެވެ.

ހެލްތު މިނިސްޓްރީން އެކަން ހާމަކޮށްފައިވަނީ ސަދާގެ ބައްޕަ ސައުދުﷲ އަހުމަދަށް ފޮނުވި ސިޓީއެއްގައެެވެ. އެ ސިޓީގައި ބުނެފައިވަނީ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން އެ މައްސަލަ ބެލުމަށް ފަހު، ދެ ޑޮކްޓަރެއްގެ ލައިސަންސް ސަސްޕެންޑު ކޮށްފައިވާ ކަމަށެވެ.

އަދި ނާސިން އެންޑް މިޑްވައިފަރީ ކައުންސިލުން އެ މައްސަލަ މުރާޖައާ ކުރަމުން އަންނަ ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެއެެވެ.

ސަދާއަށް ފަރުވާ ދިން މެޑިކަލް އޮފިސަރަކު މި މަހުގެ އެއް ވަނަ ދުވަހު ވަނީ ވަޒީފާ އިން ވަކިކޮށްފައެވެ. އެއީ ސަސްޕެންޑުކުރި މީހުންގެ ތެރޭގައި ހިމެނޭ ޑޮކްޓަރެއްކަން ކަށަވަރެއްް ނުކުރެވެއެވެ.

މިހާދިސާގައި ނިޔާވި ކުއްޖާ ބަނޑުގައި ރިއްސައި، ވަރަށް ގަދަ އަށް ހޮޑުލާތީ އެންމެ ފުރަތަމަ ދައްކާފައިވަނީ ފުވައްމުލަކުގެ ފްލޫ ކުލިނިކަށެވެ. ކޮވިޑްގެ އަލާމާތެއް ކަމަށް ބަލައި، އެ ކުލިނިކަށް ދިޔަ ފަހުން ވެސް ދަރިފުޅުގެ ހާލަތު މާ ގޯސްވާތީ އެ ތަނުން ވަނީ އެކުއްޖާ ހޮސްޕިޓަލަށް ފޮނުވާލާފައެވެ.

ސަދާ ނިޔާވީ އޮކްޓޯބަރު ތިން ވަނަ ދުވަހު ޑޮކްޓަރަށް ދެއްކުމުން ޖެހި އިންޖެކްޝަނެއްގެ ސަބަބުން ކަމަށް އާއިލާއިން ވަނީ ބުނެފައެވެ. އެ މައްސަލަ ބަލައި ދިނުމަށް ހެލްތު މިނިސްޓްރީއަށް އާއިލާއިން ވަނީ ހުށައަޅާފައެވެ.

އެކަން ހިނގައިދިޔަ ގޮތުގެ ރިވިއު ހެދުމަށްފަހު ހެލްތު މިނިސްޓްރީން މިހާރު ވަނީ ރިޕޯޓެއް އާންމުކޮށްފައެވެ. އޭގެ ތެރޭގައި ސަދާއަށް ފަރުވާ ދިން ޑޮކްޓަރުންނާއި ނަރުހުން އެ ކުއްޖާގެ މެޑިކަލް ހިސްޓަރީ ރަނގަޅަށް ބަލާފައި ނުވުމާއި ރަނގަޅަށް އެގްޒަމިން ކޮށްފައި ނުވުން ހިމެނޭ ކަމަށް، 21 ނުކުތާގެ މައްޗަށް ހެލްތް މިނިސްޓްރީން ތައްޔާރުކުރި ރިޕޯޓްގައިވެއެވެ.

ހެލްތު މިނިސްޓްރީގެ ރިވިއުއިން އެގޭގޮތުގައި ސަދާ ސީރިއަސް ހާލަތުގައި އޮތް ނަމަވެސް މެޑިކަލް އޮފިސަރު ބޭސް ދީފައި ވަނީ ކުއްޖާ ނުބަލައެެވެ. އެކަމަކު އޭގެ އެއް ދުވަސް ފަހުން އެ ޑޮކްޓަރު ވިނަވި ޕޯޓަލަށް ހުށަހެޅި ލިޔުމުގައި ބުނީ އެ ކުއްޖާ އެގްޒަމިން ކުރި ކަމަށެވެ. އަދި ޑޮކްޓަރު ދޮގު މައުލޫމާތު ހުށަހަޅާފައިވާކަންވެސް ރިވިއުއިން ވަނީ ހާމަވެފައެވެ.



ކިޔުންތެރިންގެ ހިޔާލު