އަހުމަދު މަސްނޫމް   14 ޑިސެމްބަރު 2021 - 17:36
ރައްޔިތުން މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެންބަރު ހުސައިން ވަހީދު އަވަހާރަވުމާއި ގުޅިގެން ހުސްވެފައިވާ އެ ދާއިރާގެ ބައި އިލެކްޝަން ކުުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި އިއުލާން ކުރާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ހުސައިން އަވަހާރަވީ ރޭ ދަންވަރުގެ ވަގުތެއްގައި އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދަނިކޮށެވެ. ބައެއް މީޑިޔާ ތަކަށް މައުލޫމާތު ދެއްވަމުން އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ ގޮޮނޑި ހުސްވުމުން އެ ދާއިރާގެ ގޮނޑިއަށް މީހަކު އިންތިހާބު ކުރުމަށް ބައި އިލެކްޝަން ބޭއްވުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.



ފުއާދު ވިދާޅުވީ ގާނޫނުގައި އޮންނަ ގޮތުގެ މަތިން 60 ދުވަހުގެ ތެރޭގައި ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރަންޖެހޭ ކަމަށެވެ. އެގޮތުން މިއަދުން ފެށިގެން އެކަމުގެ އިދާރީ މަސައްކަތްތައް އިލެކްޝަނުން ފަށާފައިވާ ކަމަށް ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ، އިންތިހާބު ބާއްވާނެ ވަކި ތާރީހެއް އަދި ބުނަން ދަތި ކަމަށާއި ނަމަވެސް ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ރަސްމީކޮށް އިއުލާނު ކުރާނެ ކަމަށެވެ.

މީގެ އިތުރުން ފުއާދު ވިދާޅުވީ އިންތިހާބަށް ކެނޑިޑޭޓުން ކުރިމަތި ލުމަށާއި ގުރުއަތު ނެގުމުގެ އިތުރުން އިލެކްޝަން އޮބްޒާވްކޮށް މޮނިޓަރ ކުރުމަށް މީހުން ހަމަޖެއްސުމަށް ވެސް ވަގުތު ދީގެން ކަަން ކަން ކުރިއަށް ގެންދާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު