އެކި އެކި ބޭނުންތަކުގައި ރާއްޖެއިން ބޭރަށް ދަތުރުކުރުމުގައި ވިސާ ނަގަން ޖެހޭނަމަ، ދުރާލާ ވީހާވެސް އަވަހަށް ވިސާގެ ކަންކަން ހަމަޖެއްސުމަށް ސަމާލުކަން ދިނުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

ފޮރިން މިނިސްޓްރީން މިކަމަށް އިލްތިމާސްކޮށްފައި މިވަނީ، ރާއްޖެއިން ބޭރުގައި އޮތް ކުޅިވަރު މުބާރާތެއްގައި ރާއްޖޭގެ ދެ އެތުލީޓަކަށް ވިސާ ހަމަނުޖެހިގެން ބައިވެރިވެވޭގޮތް ނުވުމުންނެވެ.

ފޮރިން މިނިސްޓްރީން ނެރުއްވި ބަޔާނެއްގައި ބުނީ ޗުއްޓީއަށާއި، ވިޔަފާރިއަށް، އަދި ތައުލީމު ހާސިލްކުރުމަށާއި ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވުން ފަދަ ކަންކަމުގައި ރާއްޖެއިން ބޭރަށް ދަތުރުކުރުމުގައި ވިސާ ނަގަން ޖެހޭނަމަ، ވިސާ ހޯދުމުގައި އެހީތެރިކަން ފޯރުކޮށް ދިނުމަކީ އެ މިނިސްޓްރީން ދެމުންގެންދާ ކޮންސިއުލާ ޚިދުމަތްތަކުގެ ތެރޭގައި ހިމެނިފައި އޮންނަ ކަމެއްކަމަށެވެ. ނަމަވެސް މިފަދަ އެހީތެރިކަން ބޭނުންވާ ފަރާތްތަކުން ދަތުރުކުރުމުގެ ކުރިން ވިސާގެ ކަންކަން އޮންނަ ގޮތުގެ މައުލޫމާތު ސާފުކޮށް، ދުރާލާ ވީހާވެސް އަވަހަށް ވިސާގެ ކަންތައް ހަމަޖެއްސުމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިއްމުކަމެއްކަމަށް މިނިސްޓްރީން ބުނެއެވެ.

އަދި ވިސާއަށް އެދި ހުށަހަޅާއިރު ލިޔެކިޔުން ފުރިހަމަތޯއާއި، ހުށަހަޅަނީ ދަތުރުކުރުމަށް ބޭނުންވާ ކެޓަގަރީގެ ވިސާއަށްތޯ ކަށަވަރުކުރުމަކީވެސް ވަރަށް މުހިއްމު ކަމެއްކަމަށާއި، މިކަންކަން ކުރުމަށް އެވްރެޖްކޮށް 2 ނުވަތަ 3 ހަފްތާ ވަރު ބޭނުންވާތީ، އެފަދަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކުން، އެހާ މުއްދަތު އޮށްވާ ހުށަހެޅުން ވަރަށް މުހިންމުކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ދުވަސްވަރަކީ ކޮވިޑް-19ގެ ސަބަބުން، އާއްމުކޮށް ވިސާ ނެގުމުގައި ހޭދަވާ މުއްދަތަށްވުރެ ދިގު މުއްދަތެއް އެކަމަށް ހޭދަވާ ދުވަސްވަރެއްކަމަށްވުމާއެކު، މިކަމަށް އިތުރު ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭކަމަށެވެ. އެހެންކަމުން އެކިއެކި ބޭނުންތަކަށް ބޭރުގެ ޤައުމުތަކަށް ދަތުރުކުރާ ފަރާތްތަކުން މިކަންކަމަށް ސަމާލުކަން ދެއްވުމަށް ފޮރިން މިނިސްޓްރީން އިލްތިމާސް ކޮށްފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު