އިގްތިސާދީ ހީނާރުކަމުގެ ތެރެއިންވެސް ސަރުކާރުން ބޮޑެތި ކާމިޔާބީތަކެއްް ހޯދާފައިވާކަމަށް ރައީސުލްޖުމްހުރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުން މަބްރޫކް ވިދާޅުވީ ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ. އަދި ހާއްސަކޮށް އިޖްތިމާއި ރައްކާތެރިކަމުގެ ދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން މަބްރޫކް ފާހަގަކުރެއްވިއެވެ.

މަބްރޫކް ވިދާޅުވީ ކޯވިޑާއި ގުޅިގެން ދަތިތަކެއް ކުރިމަތިވިނަމަވެސް، ސަރުކާރުން ބޮޑެތި ކާމިޔާބީތަކެއްް ހާސިލުކޮށްފައިވާކަމަށެވެ. އެގޮތުން ވަޒީފާގެ ބާޒާރަށް ގިނަ އަދަދެއްގެ ވަޒީފާ ނެރެފައިވާކަންވެސް މަބްރޫކް ފާހަގަކުރެއްވިއެވެ.

މަބްރޫކް ވިދާޅުވީ ރައީސް ޔާމީންގެ މުޅި 5 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި އުފެދިފައި ވަނީ 22 ހާހެއްހާ ވަޒީފާކަމަށެވެ.

"ޕްރައިވެޓް ވަޒީފާތަކާ ސަރުކާރު ވަޒީފާތަކާއެކު ހުރިހާ ވަޒީފާއެއް އެއްކޮށްލީމަ އަޅުގަނޑުމެންނަށް ލިބެންހުރި ޑޭޓައިން ދައްކަނީ (ކުރީ ސަރުކާރުގައި) އުފެއްދިފައި ހުރީ 22،000 ވަޒީފާކަމަށް." މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ކޯވިޑްގެ ސަބަބުން ކުރިމަތިވި އިގްތިސާދީ ހީނަރުކަމުގެ ހާލަތާއެކުވެސް މިހާތަނަށް 11 ހާހަށްވުރެ ގިނަ މީހުންނަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ވަޒީފާގެ ފުރުޞަތު ފަހިކޮށްދީފައިވާ ކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތަރައްޤީއާ ގުޅުންހުރި ގިނަ މަޝްރޫޢުތަކެއް ކުރިއަށްދާއިރު މިއިން ކޮންމެ މަޝްރޫޢަކާއެކު އެތައް ބަޔަކަށް ވަޒީފާގެ ފުރުޞަތުތައް ލިބިގެންދާނެކަމަށްވެސް ސަރުކާރުން ގަބޫލުކުރެއެވެ.

މަބްރޫކް ވިދާޅުވީ ވަޒީފާގެ ފުރުސަތުތަކުގެ އިތުރުން، މިސަރުކާރުން ޒުވާނުންނަށް ހިލޭ މަތީ ތަޢުލީމްގެ ފުރުޞަތާއި އެސްޑީއެފްސީ މެދުވެރިކޮށް ވިޔަފާރި ކުރުމުގެ ފުރުޞަތާއި ހުނަރު ހޯދައިދިނުމުގެ ފުރުޞަތުތައް ހޯދައިދީފައިވާކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު