ހިއްކާ ނިންމާފައި އޮތް ބިމެއްގައި 3 އަހަރުވީއިރު އެންމެ ޕްރޮޖެކްޓެއްވެސް ނުފެށޭކަމަށް ވިދާޅުވެ ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ސަރުކަރަށް ފާޑު ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ މި ސަރުކާރާއި އަޅާބަލާއިރު ކުރީ ސަރުކާރުގެ ތަރައްގީގެ ސްޕީޑް މާ ދަށްކަމަށް ބުނެ ސަރުކާރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ކުރީ ސަރުކާރަށް ފާޑު ވިދާޅުވުމާއި ގުޅިގެން އެކަމަށް ރަށްދު ދެއްވަމުންނެވެ. ޝިޔާމު މިހެން ވިދާޅުވި ނަމަވެސް މި ސަރުކާރުން ބުނެފައިވަނީ މިސަރުކާރުގެ ބޯހިޔާވަހި ކަމުގެ މަޝްރޫޢުގެ ބައެއް ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް ހުޅުމާލޭގައިވެސް އަދި ރައްޖޭގެ ގިނަ ސަރަހައްދު ތަކެއްގައި ވެސް ކުރިއަށް ދާކަމަށެވެ.

‏"ރައީސް ޔާމީން ނެތްބިމެއް 78 ދުވަހުން ހިއްކަވާ ވަށައިގެން ރިވެޓުމަންޓު ޖައްސަވާ ބިންގަނޑު ހަމަޖެހެން ވަގުތުދެއްވާ ޝީޓުޕައިލްކުރައްވައިގެން 13000 އަށްވުރެގިނަ ހައުސިން އެޅުއްވިއިރު ރެޑީގައި އޮތް ބިމެއްގައި 3 އަހަރުވީއިރު މި ސަރުކާރަށް އަދި އެންމެ ޕްރޮޖެކްޓެއް ނުފެއްޓޭ. ސޯލިހު ހަބޭހަށް ސްލޯ." ކޯވިޑާ ގުޅިގެން ގައުމުގެ އިޤުތިޞާދު ވަރަށް ބޮޑުތަނުން ދަށަށް ގޮސްފައި ވަނިކޮށްވެސް ތަރައްގީގެ ގިނަ މަޝްރޫޢުތަކެއް ހިންގާފައިވާ ކަމަށް މަބްރޫކް ވިދާޅުވެފައިވާ ވާހަކައަށް ރައްދު ދެއްވަމުން ޝިޔާމް ވިދާޅުވިއެވެ.

ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ، ސަރުކާރުގެ ޕްރޮޖެކްޓްތައް ސްލޯ ކަމަށްބުނެ އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކަމުންދާއިރު، ނިމިދިޔަ ސަރުކާރުގައި ޕްރޮޖެކްޓްތައް މާ ލަސްކަމަށެވެ. އެގޮތުން ކުރީ ސަރުކާރުން ހައުސިންގ ޔުނިޓްތައް އަޅަން ފަށަން ނެގި ވަގުތާއި ބަލާފައި މި ސަރުކާރުގެ ސްޕީޑް އަވަސްކަމަށް މަބްރޫކް ވިދާޅުވިއެވެ.

"މިއަހަރު 1.5 ބިލިއަންގެ ހައުސިން ޕްރޮޖެކްޓުގެ ބަޖެޓް ރަށްރަށަށް އެއޮތީ ބަޖެޓް ފާސްކޮށްފައި.. ނައިފަރުގެ 100 ޔުނިޓުގެ ޕްރޮޖެކްޓް ނިމިއްޖެ.. އިތުރު 3 ރަށެއްގެ 100 ޔުނިޓުގެ މަސައްކަތް ކުރިޔަށް އެބަދޭ. އެބޭފުޅުން އެވިދާޅުވާ ހިޔާ ފްލެޓް އަޅަން ފެއްޓެވީވެސް ވެރިކަމުގެ ހަތަރުވަނަ އަހަރު." ދައުރު ނިމުނުއިރު ވެސް މުޅިން ނިންމާ ނުލެވި ހުރި ހިޔާ މަޝްރޫޢުގެ ފްލެޓްތައް ފަށާފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގެ ދައުރު ނިމެމުން ދަނިކޮށްކަން ފާހަގަ ކުރަށްވައި މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކްގެ ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ފާޑު ވިދާޅުވީ ރައީސް ޔާމީން ހުޅުމާލޭ ދެވަނަ ފިޔަވަހި ހިއްކަވާ، ރިވެޓުމަންޓު ޖައްސަވާ ބިންގަނޑު ހަމަޖެހެން ވަގުތުދެއްވާ، ޝީޓުޕައިލް ކުރައްވައިގެން 13000 އަށްވުރެ ގިނަ ހައުސިންގ ޔުނިޓްގެ މަސައްކަތް ފަށާފައިވާއިރު ހިއްކާފައި އޮތް ބިމެއްގައި މިސަރުކާރުން 3 އަހަރުވީއިރު މަޝްރޫއެއް ފެށިފައި ނުވާކަމަށް ވިދާޅުވެއެވެ.



ކުރީގެ ސަރުކާރަށް ފާޑު ވިދާޅުވަމުން މަބްރޫކް ވިދާޅުވީ މި ސަރުކާރަށް ޕްރޮޖެކްޓްތައް ނުހިންގުން ވާހަކަ ދެއްކޭނެ އެހެން ބަޔަކު ނެތްކަމަށެވެ. އަދި އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގެ ތެރޭގައި ސްޓްރަކްޗާތައް ފެންނަ ހިސާބަކަށް ބްރިޖް ޕްރޮޖެކްޓުގެ މަސައްކަތް ވެސް ދާނެ ކަމަށާއި އަދި އެހެން ޕްރޮޖެކްޓްތަކުގެ ވެސް އަމަލީ މަސައްކަތް އަންނަ އަހަރު ފެށޭނެ ކަމަށް އުއްމީދު ކުރައްވާކަމަށް މަބްރޫކް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު