މޫސުމީ މައްސަލަތަކާއި ގުޅޭގޮތުން އިނގިރޭސިވިލާތުގެ ގްލާސްގޯގައި ބޭއްވި ކޮޕް26 ސަމިޓަކީ އެންމެންގެ އުއްމީދުތަކާއި އެއްގޮތަށް ނިމުނު ބައްދަލުވުމެއް ނޫންކަމަށް ރާއްޖޭގެ ޚާރިޖީ ވަޒީރު އަދި އދގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އދގެ އާއްމު މަޖިލީހުގެ މަސައްކަތްތަކާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުޅޫމާތު ދިނުމަށް އދގެ މައިމަރުކަޒުގައި އިއްޔެ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޝާހިދު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މީސްތަކުންނާއި، ދުނިޔެއާއި، ފާގަތިކަމަށް ފިޔަވަޅު އެޅުން ފަދަ މައުޟޫތަކުގެ ބަހުސެއް 26 އޮކްޓޯބަރ ގައި އެމަނިކުފާނު އިންތިޒާމްކުރެއްވިކަމަށެވެ. އަދި އެ ހަރަކާތަކީ ހައްލުތައް ދައްކާލުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެއްކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

"އެ ހަރަކާތަކީ އިންސާނީ ވަންތަކަމުގެ ހުނަރާއި، ޓެކްނޮލޮޖީއާއި، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމުގެ ވަސީލަތްތައް ހުރިނަމަވެސް، އަޅުގަނޑުމެން ހަމައެކަނި އެކަންކަން ބޭނުންކުރަމުންދަނީ އެކަށީގެންވާ ގޮތެއްގައި ނުވަތަ ހަރުދަނާ ގޮތެއްގައި ނުވަތަ ސްކޭލްގައި ނޫންކަން ފާހަގަކުރުމަށް ބޭއްވުނު ހަރަކާތެއް." ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އެ ހަރަކާތުން ލިބުނު މެސެޖުތައް ގެންދިޔައީ ގްލާސްގޯގައި ބޭއްވި ކޮޕް26 ސަމިޓަށްކަމަށެވެ. ޝާހިދު ވިދާޅުވީ ހަގީގަތުގައި ކޮޕް26 އަކީ އެންމެންގެ އުއްމީދުތަކާ އެއްގޮތަށް ނިމުނު ބައްދަލުވުމެއް ނޫންކަމަށެވެ. ނަމަވެސް އޭގެ ސަބަބުން އަޅުގަނޑުމެންނަށް ރަނގަޅު މިސްރާބަކަށް ކުރިއަށް ދެވިދާނެކަމަށް ޝާހިދު ވިދާޅުވިއެވެ.

"ގްލާސްގޯ ކްލައިމެޓް ޕެކްޓްގެ ދަށުން، ލައިފް ސަޕޯޓްގައި ހުރި ނަމަވެސް، 1.5 ޑިގްރީ ސެކްސިއަސް ގެ ޓާގެޓަކީ ދިރިހުރި ޓާގެޓެއް. މިކަމުން އަޅުގަނޑުމެންގެ އުންމީދު އާކުރަން ޖެހޭ." ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ގްލާސްގޯގައި އެމަނިކުފާނަށް އެންމެ ތަފާތު އިހުސާސެއް ގެނުވީ އަންހެން ސައިންޓިސްޓުންނާ ބައްދަލުވެ އެ މީހުންގެ ކާމިޔާބީތަކާއި ގޮންޖެހުންތަކުގެ ވާހަކަތައް އަޑުއެއްސެވުންކަމަށެެެވެ.

"އަޅުގަނޑަކީ މިންތީގެ ހަމަހަމަކަމަށް އަބަދުވެސް ތާއީދުކުރާ މީހެއް. އ.ދ.ގައި އަޅުގަނޑުގެ ކެބިނެޓް މިއޮތީ ޖެންޑަރ ބެލެންސްކުރެވިފައި. އަޅުގަނޑު ވަޢުދުވީ ހަމައެކަނި ޖެންޑަރ ބެލެންސްކުރެވޭ ޕެނަލްތަކުގައި ބައިވެރިވުމަށް. އަދި އަންހެނުންނާއި އަންހެން ކުދިންނާ ބައްދަލުކޮށް ވާހަކަދައްކާ މަޝްވަރާކުރުމަށް ލިބޭ ކޮންމެ ފުރުޞަތެއްގެ ބޭނުން އަޅުގަނޑުކުރަން. އެއީ ޤައުމުތަކުގެ ވެރިން ކަމުގައިވިޔަސް، ނުވަތަ އަންހެން ސައިންޓިސްޓުން ކަމުގައިވިޔަސް، ނުވަތަ މަދަނީ މުޖްތަމަޢުން ކަމުގައިވިޔަސް، ނުވަތަ މަދަރުސާގެ ކުދިން ކަމުގައިވިޔަސް. އަޅުގަނޑު ބޭނުން، އެބޭފުޅުންގެ ތަޖުރިބާތައް އަޑުއަހައި، އެތަޖުރިބާތައް ދަސްކުރަން." ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އ.ދ.ގެ ދިރުން އާލާކުރުމުގެ ގޮތުން، އައި.ޖީ.އެން ޕްރޮސެސްއާއި، ޖެނެރަލް އެސެމްބްލީ ދިރުވައި އާލާކުރުމުގެ މަސައްކަތަށް އަބަދުވެސް އެއްބާރުލުން ދެއްވާނެކަމަށެވެ. އަދި "އަޅުގަނޑުމެންގެ ކޮމަން އެޖެންޑާ" ތަންފީޛު ކުރުމާއި ބެހޭގޮތުން މެންބަރު ޤައުމުތަކުން މަޝްވަރާ ކުރަމުން ގެންދާއިރު، އެ ޤައުމުތަކަށްވެސް އެމަނިކުފާނު އެއްބާރުލުން ދެއްވާނެކަމަށް ޝާހިދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު