ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ކުރީގެ މެމްބަރު މަރްހޫމް ހުސައިން ވަހީދަކީ އެމްޑީޕީގެ ސިޔާސީ މަސައްކަތުގައި ވަރުބަލި ކަމެއް ނެތި ދެމިހުންނެވި ބޭފުޅެއްކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެންބަރު އަލްމަރުޙޫމް ޙުސައިން ވަޙީދުގެ ހަނދާނުގައި ހުޅުވާ ތަޢުޒިޔާގެ ދަފްތަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަރްހޫމް ހުސައިން ވަހީދަކީ މަޑުމައިތިރިކަމާއި، ކެތްތެރިކަމާ ވިސްނުންތެރި، އަދި ހިތްވަރުގަދަ ބޭފުޅެއްކަމަށެވެ.

ރައީސް ވިދާޅުވީ މެމްބަރު ހުސައިން ވަހީދާއެކު މަޖިލީހުގައި ހޭދަކުރެއްވި މަޖިލީހުގެ ދުވަސްތަކަކީ އެމްޑީޕީ ވެރިކަމުގައި އޮތް ދުވަސްވަރެއްނަމަވެސް، ސިޔާސީ ގޮތުން އެމްޑީޕީއަށް ގިނަ ދަތިތަކެއް އޭރު މަޖިލީހުން ކުރިމަތިވިކަމަށެވެ. ނަމަވެސް އެދަތި އުނދަގޫ ވަގުތުތަކުގައިވެސް ހުސައިން ވަހީދަކީ ވިސްނުންތެރިކަމާއެކު ވަރަށް ރަނގަޅު ލަފާދެއްވި ބޭފުޅެއްކަމަށް ރައީސް ސާލީހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ 2012 ވަނަ އަހަރު އެމްޑީޕީގެ ވެރިކަން ބަދަލުވެ، އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރިއިރުވެސް ހުސައިން ވަހީދަކީ ވަރުބަލި ކަމެއް ނެތި ހުރިހާ މަސައްކަތެއްގައި ދެމިހުންނެވި ބޭފުޅެއްކަމަށެވެ.



މަޖިލީހުގައި ހުޅުވި ތަޢުޒިޔާގެ ދަފުތަރުގައި ރައީސުލްޖުމްހޫރިއްޔާ ލިޔުއްވި ބަޔާނުގައި އެމަނިކުފާނު ވަނީ އަލްމަރްހޫމް ޙުސައިން ވަޙީދަކީ އެމަނިކުފާނުގެ ވަރަށް ގާތް ރަހުމަތްތެރިއެއްކަމުގައި ލިޔުއްވާފައެވެ. އަދި އެމަނިކުފާނު ޙުސައިން ވަޙީދާއި ބައްދަލުވި ފުރަތަމަ ދުވަހުވެސް ޙުސައިން ވަޙީދުގެ ހިތްޕުޅު ހެޔޮކަމާއި، އެކުވެރި މަޖާ މިޒާޖު ވަރަށް ގާތުން ފެނިވަޑައިގެންނެވިކަމުގައި އެމަނިކުފާނު ލިޔުއްވާފައިވެއެވެ. އަދި ރައީސް ވަނީ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރެއްގެ ހައިސިއްޔަތުން ކޮށްދެއްވި އަގުހުރި މަސައްކަތްޕުޅުތައް ފާހަގަކުރައްވާ އެކަމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ބަޔާން ނިންމާލައްވާފައިވަނީ، އަލްމަރްހޫމް ޙުސައިން ވަޙީދަށް ސުވަރުގޭގެ ތަނަވަސް ރަޙްމަތާއި ނިޢުމަތް މިންވަރު ކުރެއްވުމަށް އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވައި، އެބޭފުޅާގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގަންނަވަމުންނެވެ.

މެންބަރު އަލްމަރުޙޫމް ޙުސައިން ވަޙީދުގެ ހަނދާނުގައި ތަޢުޒިޔާގެ ދަފްތަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުން ބައިވެރިވެވަޑައިގަތެވެ.

ޙުސައިން ވަޙީދަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވަރަށް ގިނަ މުހިންމު މަސައްކަތްތަކެއްގައި އުޅުއްވި ބޭފުޅެކެވެ. އެގޮތުން 19 ވަނަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި، އިމްތިޔާޒާއި ސްލޫކް ކޮމިޓީއާއި، ބަޖެޓު ދިރާސާކުރާ ކޮމިޓީއާއި މާލިއްޔަތު ކޮމިޓީއާއި ލާމަރުކަޒީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގައި މަސައްކަތް ކުރައްވާފައިވެއެވެ. މީގެ އިތުރުން އެބޭފުޅާ ވަނީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވާފައެވެ.

ޙުސައިން ވަޙީދު އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް 14 ޑިސެންބަރު 2021 ވީ ހޯމަ ދުވަހުގެ މެންދަމުގެ ވަގުތެއްގައެވެ. އަދި ޙުސައިން ވަޙީދުވަނީ ގިނަ ދުވަސްތަކެއްވަންދެން ކެންސަރު ބައްޔަށް ފަރުވާހޯއްދަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު