އެޗްޑީސީއަށް ދޫކޮށްފައިވާ ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލްކުރުމަކީ ރާއްޖެއަށް އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މަބުރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑީޔާގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާން މަބުރޫކް އަޒީޒު ވިދާޅުވީ، ލާމަރުކަޒީ ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ ވިސްނުން ސަރުކާރުގައި އެބަހުރި ކަމަށެވެ. މަބުރޫކް ވިދާޅުވީ ހުޅުމާލެ އެޗްޑީސީއަށް ރަޖިސްޓްރީ ކޮށްދިނީ މިހާރުގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހަންމަދު މުއިއްޒު ހުންނަވައިގެން ކަމަށެވެ.

ހުޅުމާލެ އެޗްޑީސީއަށް ރަޖިސްޓްރީ ކޮށްދިނުމުން އެތައް އިންވެސްޓަރުންނާއި ގުޅުން އުފައްދާފައިވާ ކަމަށާއި، އެޗްޑީސީގެ ނަމުގައި އެތައް ކޮންޓްރެކްޓެއް ހެދިފައިވާއިރު އެކޯޕަރޭޝަންގެ ނަމުގައި އެތައް ލޯނެެއް ނަގާފައިވާ ކަމަށް މަބުރޫކް ވިދާޅުވިއެެވެ.

ބާރުތައް ހިފެއްޓުމުގެ ވިސްނުން ސަރުކާރުން ނުގެންގުޅޭ ކަަމަށާއި، އެޗްޑީސީގެ ރަޖިސްޓްރީ ބާތިލްކޮށްލިއިރު އެކަމުން ދިވެހި ރައްޔިތުންނަށް އަދި ދިވެހި ގައުމަށް ކުރާނެ އަސަރާއި މެދު ވިސްނާލަންޖެހޭ ކަމަށް މަބުރޫކް ވިދާޅުވިއެވެ.

"މިވަގުތު އެ ޖުޑިސްޓެރެކްޝަނަށް އެ އޮތް ގޮތަށް އޮވެ ކުއްލިއަކަށް ބަދަލު ގެނެސް އެ ވިދާޅުވާހެން ހުރިހާ ކަމެއް ސިޓީ ކައުންސިލްގެ ދަށައް ރަޖިސްޓްރީ ބާތިލްކޮށް ގެނެސްފި ކަމަށް ވައްޏާ އެޗްޑީސީއަށް ވާނެ ގެއްލުން އަދި ހިންގިފައި މިހުރި، މި ސަރުކާރެއް ނޫން ކުރީގެ ސަރުކާރުގެ ޕްރޮޖެކްޓްތަކާއި މުޅި ސަރުކާރަށް އަންނާނެ ލޮޅުން، އަދި ހިންގާ ޕްރޮޖެކްޓްތައް އޭގެ ސަބަބުން، މި ހުސް ދިވެހި ރައްޔިތުންގެ ޕްރޮޖެކްޓް، މި ޕްރޮޖެކްޓްތަކަށް އަންނާނެ ލޮޅުން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެެއް ބޭފުޅަކީ މޭޔަރު މުއިއްޒު. މުއިއްޒު އަމިއްލަފުޅަށް ޖަލްސާ އެއް އެއްދުވަހު ބާއްވަން އުޅުއްވާފައި ދެން ސިޓީކައުންސިލުން ނިންމަވާ އެޗްޑީސީގެ ރަޖިސްޓްރީ ބާތިލްވީއޭ، މިއީ ރާއްޖެއަށް އެންމެ ރަނގަޅު ގޮތެއް ނޫން." މަބުރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން މަބުރޫކް ވިދާޅުވީ، ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލް ކުރީ މާލޭގެ ރައްޔިތުންނަށް ރަނގަޅު ގޮތެއް ހޯދައިދިނުމަށް ކަމަށް ސިޓީ ކައުންސިލުން ބުނި ނަމަވެސް އެކަން ސަރުކާރުން ގަބޫލުނުކުރާ ކަމަށެވެ. ސިޓީކައުންސިލުން އެ ނިންމުން ނިންމާފައިވަނީ... އެޗްޑީސީގެ ރަޖިސްޓްރީ ބާތިލްކުރީ ޕީޕީއެމްގެ ޖަލްސާ ބާއްވަން ހުއްދަ ނުދިނުމުންކަން އެންމެންނަށް ވެސް ސާފު ކަމަށް މަބުރޫކް ވިދާޅުވިއެވެ.

"މިކަމުގައި އަޅުގަނޑުމެން ހައްލު ހޯދަންޖެހޭ. ލާ މަރުކަޒީ ގާނޫނުގެ ތެރެއިން އިހްތިސާސްތައް ކަނޑައަޅުއްވައި ހިންގުން އޮންނަނީ ރައީސުލްޖުމުހޫރިއްޔާއާ އެކީގައި އަދި އެކަމާ ގުޅިފައި އޮންނަ ގާނޫނެއްގެ ތެރެއިން ކޮމާޝަލްކޮށް ހިންގާ ސަރަހައްދުތައް ހިންގާނެ ވަކި ގަވާއިދުތަށް އުސޫލުތަށް ހުރޭ." މަބުރޫކް ވިދާޅުވިއެވެ.

އިތުރަށް ވާހަަކަ ދައްކަވަމުން މަބުރޫކް ވިދާޅުވީ ހުޅުމާލޭގައި މޭޔަރު ޑރ. މުއިއްޒު އިތުރު ތަރައްގީގެ މަސައްކަތްތަކެއް ކުރަން ބޭނުންފުޅުވުން އެއީ ސަރުކާރަށް އެއްވެސް މައްސަލައެއް ނޫން ކަމަށެވެ. އެހެން ނަމަވެސް ރާއްޖޭގެ އެތައް، ގިނަ ގުނަ އިގްތިސާދީ މަސައްކަތްތަކާއި ގުޅިފައި އޮތް އެޗްޑީސީ ފަދަ ކޯޕަރޭޝަނެއްގެ ރަޖިސްޓްރީ ބާތިލްކޮށްލާއިރު އެކަމުން ކުރާނެ އަސަރާއި މެދު ވިސްނާލަންޖެހޭ ކަމަށް މަބުރޫކް ވިދާޅުވިއެވެ.

އެޗްޑީސީއަށް ދޫކޮށްފައިވާ ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލް ކުރި މައްސަލަ އެ ކޯޕަރޭޝަނުން މިހާރު ވަނީ ކޯޓަށް ހުށައަޅާފައެެވެ. ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ ލޯކަލް ގަވަމެންޓް އޮތޯރިޓީން ވަނީ ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލް ކުރުމަކީ ސިޓީ ކައުންސިލަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ނިންމާފައެެވެ.



ކިޔުންތެރިންގެ ހިޔާލު