އަންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ ބައިއަތު ހިއްޕަވަންޖެހޭ ކަމަަށް އެޕާޓީގެ ނާއިބް ރައީސް އަހުމަދު ސައުދު ވިދާޅުވެއްްޖެއެވެ.

ޖުމުހޫރީ ޕާޓީގެ ނާއިބް ރައީސް އަހުމަދު ސައުދު މިހެން ވިދާޅުވީ، އަންނަ ރިޔާސީ އިންތިޚާބާއި ގުޅޭގޮތުން ޓީވީ ޕްރޮގުރާމެއްގައި ވާހަކަ ދައްކަަވަމުންނެެވެ. ޖުމުހޫރީ ޕާޓީގެ ނާއިބް ރައީސް އަހުމަދު ސައުދު ވިދާޅުވީ އަންނަ ރިޔާސީ އިންތިޚާބުގައި ރައްޔިތުންގެ މަަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދާއި ޖުމުހޫރީ ޕާޓީގެ ލީޑަރު އެކުގައި ފެންނަންޖެހޭ ކަމަށެވެ.

ރައީސް ނަޝީދާއި ގާސިމް އިބްރާހިމަކީ ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގައި ވަރަށް އިސް ދައުރެއް އަދާކުރެއްވި ދެބޭފުޅުން ކަމަށާއި، އެ ދެބޭފުޅުން ވަކިން މަސައްކަތް ކުރެއްވުމުގެ ބަދަލުގައި އަންނަ ރިޔާސީ އިންތިޚާބުގައި ދެބޭފުޅުން އެކުގައި މަސައްކަތް ކުރަށްވަންޖެހޭ ކަމަށް ސައުދު ވިދާޅުވިއެެވެ. ސައުދު ވިދާޅުވީ ރައީސް ނަޝީދަށް ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވުނީ ގާސިމް އިބްރާހިމްގެ ފުރިހަމަ ތާއިދާއި އެކުގައި ކަމަށެވެ. އަދި ރާއްޖެއަށް ޒަމާނީ ޑިމޮކްރަސީ ގެނައުމަށް ރައީސް ނަޝީދާއެކު އެންމެ ގާތުން މަަސައްކަތް ކުރައްވައި އެންމެ ބޮޑު ތާއިދެއް ހޯއްދެވީ ގާސިމް ކަމަށާއި އެކަން ކާމިޔާބުވީ އެމަނިކުފާނުގެ މަސައްކަތްޕުޅުން ކަމަށް ސައުދު ވިދާޅުވިއެެވެ.

ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް ގާސިމް އިބްރާހިމް ވެވަޑައިގެންނެވި ގުރުބާނީގެ އަގު އަދާކުރުމުގެ ގޮތުން ރައީސް މުހަންމަދު ނަޝީދުގެ ތާއިދު ގާސިމަށް ދެއްވަންޖެހޭ ކަމަށް ސައުދު ވިދާޅުވިއެވެ. އަންނަ ރިޔާސީ އިންތިޚާބުގައި ރައީސް މުހަންމަދު ނަޝީދު ގާސިމަށް ތާއިދުކުރައްވައިފިނަމަ، ސިޔާސީ ހަރަކާތްތައް އިތުރަށް ވަރުގަދަ ކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށް ސައުދު ވިދާޅުވިއެވެެ.

"2023 ގައި ސިޔާސީ ކަންކަން އެނބުރިގެންދާއިރު ގާސިމް އިބްރާހިމް ކޮށްދެެއްވި މަސައްކަތާއި، މިހުރިހާ އެެއްޗެއްގެ އަގު ވަޒަން ކުރަންވީ ބުރު މި އަންނަނީ، މިހުރިހާ އެއްޗެއްގެ ރިވާޑެއް ގާސިމަށް ދޭންވީ ވަގުތު މިއަންނަނީ. ގާސިމް އިބްރާހިމް ރާއްޖޭގެ ސިޔާސަތަށް ކޮށްދެއްވި މަސައްކަތްތަކަށް، އެކަމުގެ އަގު ވަޒަން ކޮށްދިނުމަށްޓަކައި ވެސް ރައީސް މުހަންމަދު ނަޝީދު ގާސިމް އިބްރާހިމަށް ތާއިދުކުރެއްވުމަކީ މައްސަލައެއް އޮތް ކަމެއް ނޫން. މިއީ މި ދެ ކީ ޕްލެޔަރުން (ގާސިމާއި ނަޝީދު) ފަހަތުގައި ތިބެންޖެހޭ ވަގުތެއް ނޫން. މިއީ އެ ދެ ޕްލެޔަރުން އެއަށްވުރެ ކުރިއަށް އައިސް ކުޅެންވީ ވަގުތު." އާ ގާނޫނު އަސާސީގެ ދަށުން އިންތިޚާބުވި ހުރިހާ ސަރުކާރެއް ގެނައުމުގައި އެންމެ އިސްރޯލެއް އަދާކުރެއްވި ގާސިމްގެ ޚިދުމަތްތަކުގެ އަގު ވަޒަން ކުރައްވަމުން ސައުދު ވިދާޅުވިއެވެ.

މީގެ އިތުރުން ސައުދު ވިދާޅުވީ، އަންނަ ރިޔާސީ އިންތިޚާބުގައި ސިޔާސީ ހަމަޖެހުން ރާއްޖެއަށް އަންނާނީ ގާސިމް އިބްރާހިމް ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްގެން ކަަމަށެވެ. ގާސިމަކީ އެއްވެސް މީހަކާމެދު ބަދަލު ހިއްޕެވުމުގެ ރޫހެއް ގެންގުޅުއްވާނެ ބޭފުޅެއް ނޫން ކަމަށް ވެސް ސަޢުދު ވިދާޅުވިއެވެ. އަދި ގައުމުގެ ސިޔާސަތުތައް އެންމެ ބޮޑަށް އެނގިވަޑައިގަންނަވާ ތަޖުރިބާކާރަކީ ވެސް ގާސިމް ކަމަށާއި، އަންނަ ރިޔާސީ އިންތިޚާބުގައި ވެރިކަމަށް އެންމެ ގާބިލް ބޭފުޅަކީ ވެސް އެމަނިކުފާނު ކަމަށް ސައުދު ވިދާޅުވިއެެވެ.

"ރާއްޖޭގައި މިއަދު ކުރާ އަމަލީ މަސައްކަތްތަކަށް ބެލީމާ އިޖްތިމާއީ ތަރައްގީ އާއި ގައުމު އާރާސްތު ކުރުމަށް ކޮށްދީފައި ހުރި މަސައްކަތްތައް އެންމެ ބޮޑަށް އެގިވަޑައިގަންނަވާނެ ބޭފުޅަކީ ގާސިމް އިބްރާހިމް. މި ރާއްޖޭގެ ތަޖުރިބާއަށް ބަލާއިރު އެއިން ކޮންމެ ކަމަކީ އަމިއްލަ ގޮތުން ވެސް ކޮށްދީފަައި ހުރިކަންކަން، އެބޭފުޅާގެ ފިނޭސް މިނިސްޓްރީގައި ރާއްޖޭގައި ބަޖެޓް ކުރިއަރައިގެން ދިޔަ ބަދަލާއި އަދި އޭގެ ސަބަބުން މިއަދު ބަޖެޓަށް އިތުރުކުރަންޖެހޭ އެއްޗެއް އެނގުނީވެސް އެދުވަހު އެބޭފުޅާ އެކަން ކުރެއްވީތީ." ސައުދު ވިދާޅުވިއެެވެ.



ކިޔުންތެރިންގެ ހިޔާލު