ސަރުކާރުގެ ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން ތަންފީޒުވެގެންދާއިރު، އަންހެނުން އިޤްތިޞާދީ ގޮތުން މިހާރަށްވުރެ މާބޮޑަށް ބާރުވެރިކުރެވޭނެކަމަށް ޔަޤީންކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ވިމެން އިން މެނޭޖްމަންޓްގެ "ޕްރޮފެޝަނަލް އެންޑް ކެރިއަރ ވިމެން އެވޯޑްސް 2021" ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަަވަމުން ރައީސް އިބްރާހިމް މުހަންމަދު ސޯލިހް ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ކުރިމަތިވި ގޮންޖެހުންތަކާއެކު ސަރުކާރުގެ 5 އަހަރުގެ ސްޓްރެޓީޖިކް އެކްޝަލް ޕްލޭނުގައި އެންމެ ބޮޑަށް އިސްކަން ދޭންޖެހޭ ކަންކަން ދެ އަހަރުގެ ތެރޭގައި ތަންފީޒުކުރުމަށް، ނޭޝަނަލް ރެސިލިއަންސް އެންޑް ރިކަވަރީގެ ނަމުގައި، ވަކި ލިސްޓެއް އެކުލަވާލައިފައިވާ ކަމަށެވެެ. އަދި އެ ލިސްޓުގައި ކުރަން ކަނޑައަޅާފައިވާ އެއްކަމަކީ، ދައުލަތް ހިންގުމުގެ އިސް ސަފުގައި މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް އަމާޒުކޮށްފައިވާ ޕްލޭން ކަމުގައިވާ "ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން" ތަންފީޒު ކުރުންކަމަށް ރައީސް ވިދާޅުވިއެެވެ. އަދި މި ޕްލޭންގެ މުހިންމު އެއް ބަޔަކީ ޤައުމީ ފެންވަރުގައި ހިންގާ ކޮންމެ ޙަރަކާތެއްގައި މިންތީގެ ހަމަހަމަކަން ކަށަވަރުކުރުންކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.



މީގެ އިތުރުން ރައީސް ސޯލިހް ވިދާޅުވީ މިންތީގެ ތަފާތުތައް ނައްތާލައި، ސިޔާސީ އަދި އިޖްތިމާޢީ މައިދާނުގައި، އަންހެނުންނަށް ހަމަހަމަ ފުރުޞަތު ހޯދައިދިނުމުގެ މަސައްކަތަކީ ސަރުކާރުން މިހާރުވެސް ތަންފީޒު ކުރަމުން އަންނަ މުހިންމު ވަޢުދެއްކަމަށެވެ.

ރައީސް ދެެއްކެވި ވާހަކަފުޅުގައި 2021 ވަނަ އަހަރުގެ ގްލޯބަލް ޖެންޑަރ ގެޕް އިންޑެކްސްގައި ފާހަގަކޮށްފައިވާ، ރާއްޖެ ހޯދާފައިވާ ބައެއް ކުރިއެރުންތަކުގެ މައްޗަށް ވެސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ތަޢުލީމީ ދާއިރާ އަދި ޞިއްޙީ ދާއިރާގައި ހޯދާފައިވާ ކުރިއެރުން ފާހަގަކުރައްވަމުން މިހާރު މިންތީގެ ތަފާތުތައް އެންމެ ބޮޑު ދާއިރާކަމުގައިވާ ސިޔާސީ އަދި އިޤްތިޞާދީ ދާއިރާގައި މިތަފާތުތައް ކުޑަކުރުމަށް، ވެސް މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ އަންހެނުން ބާރުވެރިކުރުމުގެ އެންމެ މުހިންމު ބޭނުމަކީ ވެސް ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންގެ ވިސްނުންތަކާއި ހުށަހެޅުންތައް، ތަންފީޒީ މަރުޙަލާގެ މޭޒު ދޮށަށް ގެނައުންކަމަށެވެ. ރައީސް ވިދާޅުވީ ޞިއްޙީ ދާއިރާގައި މިންތީ ތަފާތުތައް ވަރަށް ބޮޑަށް ކުޑަކުރެވިފައިވާ ކަމަށެވެ. އެހެން ނަމަވެސް، ސިޔާސީ އަދި އިޤްތިޞާދީ ދާއިރާއިން ރާއްޖޭގައި މިންތީ ތަފާތުތައް އަދިވެސް ބޮޑުކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ސަރުކާރުން ބޭނުންވާ ކުރިއެރުން ހޯދެން އޮތް އެންމެ ފަސޭހަ ގޮތަކީ، ހިންގުމުގެ ދާއިރާގައާއި ސިޔާސަތު ކަނޑައެޅުމުގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށްގެން ކަމަށެވެ.



"ތަފާތު ވިސްނުންތަކާއި ހުށަހެޅުންތައް، ތަންފީޒީ މަރުޙަލާގެ މޭޒު ދޮށަށް ނާންނަހާ ހިނދަކު، މުޅި މުޖުތަމަޢުގެ މަޞްލަޙަތަށް ރިޢާޔަތްކުރެވޭ ޙައްލުތައް ހޯދުން ދަތިވާނެ. ވަށައިޖެހޭ ނިޒާމެއްގެ ތެރެއިން ކަންކަމަށް ޙައްލު ހޯދޭނީ، މިދެންނެވި މަޤްޞަދު ޙާޞިލްކުރުމުގެ ނިޔަތުގައި އަންހެނުންނަށް ފުރުޞަތު ފަހިކޮށްދީގެން." ރައީސް ސޯލިހް ވިދާޅުވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި، އެންމެ ޝަރަފުވެރި އެވޯޑްތައް ހާޞިލުކުރި ފަރާތްތަކަށް އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.

ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސް އަކީ އަންހެނުން ބާރުވެރި ކުރުވަން މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ، ވިމެން އިން މެނޭޖްމަންޓުގެ ރާއްޖޭގެ ގޮތްޕެވެ. އެޖަމުޢިއްޔާއިން ދެމުން އަންނަ ޕްރޮފެޝަނަލް އެންޑް ކެރިއަރ ވިމެން އެވޯޑަކީ ރާއްޖޭގެ ޕްރޮފެޝަނަލް އަދި ވަޒީފާގެ ދާއިރާތަކުގައި މަސައްކަތް ކުރަމުން އަންނަ ކަނބަލުންގެ މަސައްކަތުގެ އަގުވަޒަންކޮށް ހިތްވަރު ދިނުމުގެ ގޮތުން ދޭ އެވޯޑެކެވެ.



ކިޔުންތެރިންގެ ހިޔާލު