ޞާދިރު ޢަލީދީދީ   21 މޭ 2020 - 20:29
ދުނިޔެ: ދުނިޔެ ޤިޔާމަތްވާނެ ވަޤުތު ދެނެވޮޑިގެންނަވަނީ ހަމައެކަނި ﷲ ސުބުޙާނަހޫ ވަތަޢާލާ އެވެ.
ދުނިޔެ: ދުނިޔެ ޤިޔާމަތްވާނެ ވަޤުތު ދެނެވޮޑިގެންނަވަނީ ހަމައެކަނި ﷲ ސުބުޙާނަހޫ ވަތަޢާލާ އެވެ.
ޤިޔާމަތުލްކުބްރާ އާއިބެހޭގޮތުން ޤުރްޢާނާއި ޙަދީޘްގައި އިޝާރާތްވެގެންވަނީ ޤިޔާމަތް ވުމުގެ ވަޤުތު ކައިރިކަމަށެވެ. ނަމަވެސް ޤިޔާމަތްވާނެ ވަކިވަޤުތެއް ކަނޑައެޅި ޢައްޔަން ވެގެނެއް ނުވެއެވެ. ބަޔާންވެވިގެންވަނީ ޤިޔާމަތްވާނެ ވަޤުތު ދެނެވޮޑިގެންނަވަނީ ހަމައެކަނި ﷲ ކަމުގައެވެ. ނަމަވެސް ބައެއް ޢިލްމުވެރިން ވިދާޅުވަނީ މިއުމަތުގެ ނަބިއްޔާ، ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމް އަށް ޤިޔާމަތްވާނެ ވަޤުތެއް އެނގިވަޑައިގަންނަވާ ކަމުގައެވެ. އެކަލޭގެފާނު ޙިކްމަތެއްގެ ގޮތުން އުއްމަތަށް ފާޅުނުކުރައްވަނީ އެވެ. މިއާއި ޚިލާފަށް ގިނަ ޢިލްމުވެރީންގެ ޢަޤީދާއަކީ ޤިޔާމަތްވުމަށް ކަނޑައެޅިފައިވާ ވަޤުތު ހަމައެކަނި ﷲ އަަށް ނޫނީ އެހެން އެއްވެސް ފަރާތަކަށް އެނގިގެންނުވާ ކަމުގައެވެ. މިދަޢުވާ ސާބިތުކުރުމަށްޓަކައި އެބެއިކަލުން ޤުރްޢާންގެ އެތައް އާޔަތްތަކަކާއި، އަދި ވަރަށް ގިނަ ޙަދީޘްތައް ބަޔާންކުރައްވައެވެ. އޭގެތެރެއިން ބައެއް މިތާނގައި ބަޔާންކުރަމެވެ.

ކީރިތި ޤުރްޢާނުގައި، ލުޤުމާން ސޫރަތުގައި މާތް ﷲ ވަޙީކުރައްވާފައިވާ އާޔަތެއްގެ މާނައިގައިވެއެވެ. "ހަމަކަށަވަރުން ޤިޔާމަތުގެ ޢިލްމުވަނީ ހަމައެކަނި ﷲ އަށެވެ. މުލްކު ސޫރަތުގައިވާ އާޔަތެއްގެ މާނައުގައިވަނީ "އަދި ކާފިރުން މުސްލިމުންނާ ދިމާލަށް ބުނެއެވެ. ތިޔަބައިމީހުން ވަޢުދުގައި ތެދުކަމަށްވަންޏާ ޤިޔާމަތްވާނެކަމުގެ ވަޢުދު ފުރިހަމަވާނީ ކޮންއިރަކުންހެއްޔެވެ؟ އޭނަބިއްޔާއެވެ! އެމީހުންގެ ކައިރީ ބުނާށެވެ. އޭގެ ޢިލްމުވަނީ ހަމައެކަނި ﷲ އަށެވެ. އަދި އަހަރެންނަކީ ކަނޑައެޅިގެން ސާފުގޮތުގައި ﷲ ގެ ޢަޒާބަށް ބިރުގަންނަ މީހަކީމެވެ"

ސޫރަތު ނާޛިޢާގައި ވެއެވެ. "ޤިޔާމަތާއި ބެހޭގޮތުން މީސްތަކުން ކަލެއާއި ސުވާލުކުރެއެވެ. އެ އަންނާނީ ކޮންއިރަކުން ހެއްޔެވެ؟ އެ ހަނދުމަކުރުމުން ކަލޭވަނީ ކޮން ޚިޔާލެއްގައި ހެއްޔެވެ؟ އޭގެ ޢިލްމުގެ ނިމުންވަނީ ހަމައެކަނި ކަލޭހައްދަވައި ގެންގުޅުއްވާ އިލާހަށެވެ." މިފަދައިންނެވެ.

ޢައުރާފް ސުރަތުގައި ވެއެވެ. "އޭ ނަބިއްޔާއެވެ! މީސްތަކުން ޤިޔާމަތާއިބެހޭގޮތުން މީސްތަކުން ކަލެއާއި ސުވާލުކުރެއެވެ. އެ ޤާއިމްވާނީ ކޮންއިރަކު ހެއްޔެވެ؟ ކަލޭ ބުނާށެވެ. އެއިގެ ޢިލްމުވަނީ ހަމައެކަނި ތިމަން ހައްދަވައި ގެންގުޅުއްވާ އިލާހަށެވެ." މިފަދައިންނެވެ.

މުސްލިމްގައި ﷲ ރުއްސުންލެއްވި ޖާބިރުގެފާނުގެ ކިބައިން ރިވާވެގެން ވެއެވެ. ޖާބިރު ވިދާޅުވިއެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ދުނިޔެ ދޫކުރެއްވުމުގެ އެއްމަސްކުރިން ޙަދީޘްކުރައްވަނިކޮށް ތިމަން އެއްސެވީމެވެ. "ތިޔަބައިމީހުން ތިމަންރަސޫލާއާއި ޤިޔާމަތާއިބެހޭގޮތުން ސުވާލުކޮށް ހަދަނީ ފަހެ އޭގެ ޢިލްމުވަނީ ހަމައެކަނި ﷲ އަށެވެ."

ބުޚާރީއާއި މުސްލިމުގައި ﷲ ރުއްސުންލެއްވި ޢުމަރު ބުނުލްޚައްޠާބުގެ ކިބައިން ރިވާވެގެން ވެއެވެ. އެއްފަހަރަކު ޖިބްރީލް ޢަލައިހިއްސަލާމް އަޢުރާބީއެއްގެ ސޫރައިގައި ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ އަރިއަހަށް ވަޑައިގެން ވަރަށް ގިނަ ސުވާލުތައް ކުރެއްވިއެވެ. އޭގެތެރޭގައި އެއްސުވާލަކީ ޤިޔާމަތްވާނީ ކޮންއިރަކު ހެއްޔެވެ؟ އެވަޤުތު ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޖަވާބު ދެއްވިއެވެ. "ސުވާލުކުރި މީހާއަށްވުރެން ބޮޑަކަށް ސުވާލުވެވުނު މީހާއަށް އެނގިގެނެއް ނުވެއެވެ." މިފަދައިންނެވެ.

އިސްވެ ދެންނެވުނު އާޔަތްތަކާއި ޙަދީޘްތަކަށް ބަލާލުމުން ޤިޔާމަތްވާނެ ވަޤުތަކީ ﷲ ގެ ސިއްރުތަކުގެ ތެރެއިން ސިއްރެއްކަމާއިމެދަކު އިތުރު ހެއްކަކަށް ބޭނުން ނުވެއެވެ. މިހެންކަމުން، އެއްވެސް މީހަކަށް ޤިޔާމަތްވާނެ ވަޤުތަކާއިމެދު ސުވާލުކޮށް ހޯދައިބަލައިހެދުމަކީ ކޮށްގެންވާނ ކަމެއް ނޫނެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމް އަށް ޤިޔާމަތާބެހޭގޮތުން ޢިލްމުވާކަމަށް ވިދާޅުވާ ޢިލްމުވެރީންވެސް މިސިއްރު ރަސޫލާ އުއްމަތަށް ފާޅުނުކުރައްވާ އަމިއްލަފުޅު ދާއިރާއަށް ވަންހަނާ ކުރައްވާފައިވާ ކަމާއިމެދު އެއްބަސްވެ ވަޑައިގަންނަވައެވެ. މިއާއިމެދު ޤިޔާސް ކުރެވެން އޮތްހާވެސް މިންވަރަކީ ޤިޔާމަތް ކައިރިވެގެންވާކަމުގައި ބެލުމެވެ. މިގޮތުން ބަލާއިރު، ކީރިތި ޤުރްޢާނުގައި ޝޫރާ ސޫރަތުގައި ﷲ ވަޙީކުރައްވާފައިވެއެވެ. "އަދި ކަލޭގެފާނަށް އެނގޭނީ ކިހިނަކުން ހެއްޔެވެ؟ ފަހަރެއްގައި ޤިޔާމަތްވަނީ ކައިރިވެގެންނެވެ." މިފަދައިންނެވެ. ބަނީ އިސްރާއީލް ސޫރަތުގައި ﷲ ވަޙީކުރައްވާފައިވެއެވެ. "އެމީހުން ބުނެހަދައެވެ. ޤިޔާމަތްވާނީ ކޮންއުރަކުންހެއްޔެވެ؟ އެމީހުންގެ ކައިރީ ބުނާށެވެ. ޤިޔާމަތްވަނީ ކައިރިވެގެންނެވެ. އަޙްޒާބު ސޫރަތުގައި ﷲ ވަޙީކުރައްވާފައި ވެއެވެ. "މީސްތަކުން ޤިޔާމަތާބެހޭގޮތުން ކަލޭއާއި ސުވާލުކުރެއެވެ. ޤިޔާމަތްވާނީ ކޮންއިރަކުން ހެއްޔެވެ؟ ކަލޭބުނާށެވެ. އޭގެ ޢިލްމުވަނީ ހަމައެކަނި ﷲ އަށެވެ. އަދި ކަލެއަށް އެނގޭނީ ކިހިނަކުންހެއްޔެވެ؟ ފަހަރުގައި އެގަޑިވަނީ ކައިރިވެގެންނެވެ." މިފަދައިންނެވެ.

މިތާނގައި ކޮންމެހެން ޚިޔާލު ބަހައްޓަން ޖެހޭ ނުކުތާއެއް ވެއެވެ. އެއީ، ކާއިނާތުގެ ނިޒާމުގެ ޢުމުރަކީ އެތައްލައްކަ ކްރޯޑް އަހަރުތަކެކެވެ. އެނިސްބަތުން "ކައިރި" މިލަފްޡު އެތައްހާސް އަހަރުތަކަކަށްވެސް ބުނެވިދާނެއެވެ. ކޮންމެއަކަސް އެއް ވާހަކަވަނީ ވަރަށް ސާފުކޮށް ހާމަވާގޮތުން ބަޔާންކުރައްވާފައެވެ. އެވާހަކައަކީ ޤިޔާމަތްވާނީ ކުއްލިއަކަށް ކަމެވެ. ޤުރްޢާނުގެ ވަރަށް ގިނަ ސޫރައްތަކުގައި ޤިޔާމަތް ކުއްކިއަކަށް އަންނާނެކަމުގެ ވާހަކަ ބަޔާންވެގެން ވެއެވެ. އޭގެ ތެރެއިން މިސާލެއްގެ ގޮތުން، އަޢުރާފް ސޫރަތުގައި ﷲ ވަޙީކުރައްވާފައިވާ އެއް އާޔަތުގައި ވެއެވެ. "ޤިޔާމަތް ކަލޭމެންނަށް ކުއްކިއަކަށް މެނުވީ ނައަންނާނެއެވެ." އަދި ދެވަނަ މިސާލެއްގެ ގޮތުން، ޙައްޖު ސޫރަތުގައި ވަޙީކުރައްވާ ބަޔާން ކުރައްވާފައިވެއެވެ. "އެންމެފަހުން އެމީހުންގެ މައްޗަށް ކުއްލިއަކަށް ޤިޔާމަތްވެދާނެ އެވެ." މީގެއިތުރުންވެސް މުޙައްމަދު ސޫރަތުގައި ވަޙީކުރައްވައި ބަޔާންކުރައްވާފައިވެއެވެ. "މިހާރު ޤިޔާމަތްވުމަށް އެބަލަނީ ޤިޔާމަތް ހަމަ ކުއްލިއަކަށް އެމީހުންގެ މައްޗަށް އަތުވެދާނެއެވެ." މިފަދައިންނެވެ.

އާދެ މިނޫނަސް ކީރިތި ޤުރްޢާނުގައި، އަދިވެސް ވަރަށް ގިނަ ތަންތާނގައި "ބަޣުތަތު" މިލަފްޡު އައިސްފައިވެއެވެ. މީގެ މާނައަކީ ކުއްލިއަކަށެވެ. މިލަފްޡު ޝަރަޙަ ކުރައްވަމުން ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ. ދެމީހަކު ފޮތިފަތުރައިގެން ވިޔަފާރިކުރަން އުޅުނިކޮށް އެފޮތިތައް އޮޅާނުލެވެނީސް ޤިޔާމަތް ވެދާނެއެވެ. އެކަކު ފެންބޯ ޙައުޟެއް ހަދަން އުޅެނިކޮށް އެއިން ފެންބޯން ނުދެވެނީސް ޤިތާމަތް ވެދާނެއެވެ. އެކަކު އޭނާގެ ޖަމަލުން ކިރުފެލައިގެން އޭގެ ރަހަނުބެލެނީސް ޤިޔާމަތް ވެދާނެއެވެ. އެކަކު ރޮށިކޮޅެއް ނަގައިގެން އެއެތިކޮޅު އަނގަޔަށް ނުލެވެނީސް ޤިޔާމަތް ވެދާނެއެވެ.



* މި ލިޔުމަކީ ރިސާލާ ބުކްޝޮޕުން ނެރެމުން އަންނަ ދީނީ ސިލްސިލާ "ތަރިކަ" ފޮތްތަކުގެ ތެރެއިން، ޝެއިޚް އިދްރީސް ހުސައިން ލިޔުއްވާފައި ނެރުއްވި ފޮތް "ޤިޔާމަތް ކައިރިވެއްޖެ" އިން ނަކަލުކޮށް ލިޔެފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން