އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއްކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދިވެހި އަންހެނަކު ހައްޔަރުކޮށްފިއެވެ.

މިދިޔަ އޮކްޓޯބަރުމަހު ފަހުކޮޅު ގޭގައި މަރުވެފައި އޮތްވާ ފެނުނު މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި އޭނާ ފިރިމީހާ ވަނީ މީގެކުރިން ހައްޔަރުކޮށްފައެވެ.

ފުލުހުން މިއަދު ބުނީ މިރޭ މޭރީގެ މަރުގެ މައްސަލައިގައި 24 އަހަރުގެ ދިވެހި އަންހެނެއް ހައްޔަރުކޮށްފައިވާކަމަށެވެ. އަދި އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން މިއަދުކަމަށްވެސް ފުލުހުން ބުނެއެވެ. ނަމަވެސް އެއީ ކާކުކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މޭރީގެ މަރާއި ގުޅިގެން ފުރަތަމަ ހަބަރު ފެތުރުނީ އޭނާ އަމިއްލައަށް މަރުވިކަމަށް ބުނެއެވެ. ނަމަވެސް އޭނާގެ މަރުގައި ޝައްކުތަކެއް ހުރެގެން ފުލުހުން ވަނީ އޭނާގެ މޭރީގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމެއްވެސް ހަދާފައެވެ.

މަންޒަރު ދުށް ބައެއް މީހުން ބުނިގޮތުގައި ނަރުސްމީހާ މަރުވެފައިވާ ކަމަށް ބުނެ ހޮސްޕިޓަލަށް ގެންދިޔަ ވަގުތު އޭނާގެ ފިރިމީހާގެ ކިބައިން އާދަޔާ ޚިލާފް ކަންތައްތަކެއް ފާހަގަވެފައިވެއެވެ. އެގޮތުން އޭނާ ދަންޖެހިގެން މަރުވީކަމަށާއި، އަދި ނޭވާ ހާސްވެގެން ކުއްލިއަކަށް މަރުވީކަމަށް އޭނާގެ ފިރިމީހާ ބުނަމުންދިޔަ ކަމަށް ހާދިސާގެ މައުލޫމާތު އެނގޭ ބައެއް މީހުން ބުނެއެވެ.

މޭރީ ގްރޭސްގެ ކަރުގައި ކޮންމެވެސް ކަހަލަ ނިޝާންތަކެއް ހުރި ނަމަވެސް އެއީ ކަރުގައި ފޮތި އައްސައިގެން ދަންޖެހިފައިވާ ނިޝާންތަކަކަށްވުރެ ބޮޑަށް ޝައްކު ކުރެވެނީ، މީހާ ހާސްކޮށްލަން މަސައްކަތްކޮށްފައިވާ އިނގިލީގެ ނިޝާންތަކެއްގެ ގޮތުގައި ކަމަށް މަންޒަރު ދުށް މީހުން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު